Roadha Mihaaru
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު

އެއްވަނަ ލިބުމަކީ ހިތްވަރެއް، އެކަމަކު ފަޒީލަށް ދެން އޮތް ޗެލެންޖް މާބޮޑު

21 ފެބުރުއަރީ 2022

ފުރަތަމަ އިންޓަނޭޝަނަލް މެޑަލް އަށް ފަހު ދެން އޭނާ އަށް އޮތް ޗެލެންޖް މާބޮޑުވާނެ ކަމަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަކް އަލް ހައިމާގެ ފަސް ކިލޯމީޓަރުގެ ދުވުމުގެ ރޭހުން އެއްވަނަ ހޯދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުރަތަމަ އިންޓަނޭޝަނަލް މެޑަލް އަށް ފަހު ދެން އޭނާ އަށް އޮތް ޗެލެންޖް މާބޮޑުވާނެ ކަމަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަކް އަލް ހައިމާގެ ފަސް ކިލޯމީޓަރުގެ ދުވުމުގެ ރޭހުން އެއްވަނަ ހޯދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ބުނެފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރޭހުގެ އެއް ވަނަ ފަޒީލް ހޯދީ 16:32 (16 މިނިޓް 32 ސިކުންތު) އިން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި ރުޝްދީ މުހްސިން ރޭސް ނިންމީ 17:16 އިންނެވެ. ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ތަމްރީންތަކަށް ފަޒީލް ނުކުތީ، ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ ކޯޗް ކަމުގެ ދަށުންނެވެ.

ޔޫއޭއީގެ ރޭހުގެ ކާމިޔާބަށް ފަހު ފަޒީލް ބުނީ މި ވަގުތަކީ އޭނާގެ ކެރިއާގެ އެންމެ މުހިންމު ވަގުތުކޮޅު ކަމަށެވެ.

"މިއީ އިންޓަނޭޝަނަލް ފުރަތަމަ މެޑަލް. މިއީ އަޅުގަނޑުގެ ކެރިއާގެ އެންމެ ހާއްސަ ވަގުތުކޮޅު. ހީކުރި ވަރަށް ވުރެ ޓަފް ރޭހެއް. އެހާ ދުވަސްކޮށްފައި އަލުން ނުކުމެ އެއްވަނައިގައި ރޭސް ނިންމުމަކީ ވަރަށް ބޮޑު ކަމެއް،" ފަޒީލް "މިހާރު" އަށް ބުންޏެވެ.

"އެކަމަކު އަޅުގަނޑު ނުދެކެން މި ކާމިޔާބު ލިބުމަކީ ހަމަޖެހިލަން ޖެހޭނެ ކަމެއް ކަމަކަށް. ދެން އޮތް ޗެލެންޖް މާބޮޑު ވާނެ. އަބަދުވެސް އަޅުގަނޑުގެ އަލްޓިމޭޓް ގޯލަކީ އިންޓަނޭޝަނަލް ގޭމްސް އަކުން ރާއްޖެ އަށް މެޑަލެއް ހޯދައިދިނުން. އެކަމަށް މަސައްކަތް ކުރާއިރު މި ކާމިޔާބަކީ ވަރަށް ބޮޑު ހިތްވަރެއް."

ފަޒީލް އާއި އޭނާގެ ކޯޗު ނަސީރު އިސްމާއީލް: ފަޒީލްގެ ކޯޗުކަމާ ނަސީރު ހަވާލުވީ ބޮޑު ޗެލެންޖެއްގެ ނެގުމުގެ ގޮތުން

ފަޒީލް އާއި އޭނާގެ ކޯޗު ނަސީރު އިސްމާއީލް: ފަޒީލްގެ ކޯޗުކަމާ ނަސީރު ހަވާލުވީ ބޮޑު ޗެލެންޖެއްގެ ނެގުމުގެ ގޮތުން

ފަޒީލް ބުނީ އޭނާ އަށް ރޭސް ނިންމުނު ވަގުތާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށެވެ. އޭނާ ވެސް އަމާޒު ކުރީ ގައުމީ ރެކޯޑަކަށް ކަމަށާއި ނަމަވެސް ޓައިމިން އެންމެ ބޭނުންވާ ލެވަލްގައި ނުހިފެހެއްޓުމުގައި ސަބަބުތަކެއް ހުރި ކަމަށް ފަޒީލް ބުންޏެވެ. އެގޮތުން ރޭސް ފެށުމުގެ ކުރިން އެއް ގަޑިއިރު ކޮޅަށް ހުންނަން ޖެހުނުކަން އޭނާ ފާހަގަކުރި އެވެ.

"އެއީ ދުވަން ހަމަޖެހިފައި އޮތް ރޫޓް ކްލިއާ ނުވެގެން. އޭގެ ސަބަބުން ރޭހުގެ ސްޓާޓިން ދިޔައީ ދަށްކޮށް،" އޭނާ ބުންޏެވެ.

ފުރަތަމަ ކިލޯ މީޓަރުގައި ކުރީގައި އޮތީ ކެންޔާގެ ދުވުންތެރިއެކެވެ. ނަމަވެސް ފަހުން ފަޒީލް ވަނީ ކުރި ހޯދައި އެއްވަނައިގައި ރޭސް ނިންމައިފަ އެވެ. އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ނެޝަނަލް ޓީމް ޓައިމް ޓްރަޔަލް އަކީ އޭނާ މިހާރު އެންމެ ފޯކަސް ކުރާ ޗެލެންޖް ކަމަށް ފަޒީލް ބުންޏެވެ. ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އަށް ދުވުންތެރިން ހޮވުމަށް ބާއްވާ ޓައިމް ޓްރަޔަލް އެ ދުވަހު އޮންނާނެ އެވެ.

"އެރަބް އެމިރޭޓްސްގެ ރޭހުގެ ޕާފޯމަންސަށް ބަލައިގެން އިމްޕްރޫވް ކުރަން ޖެހޭ ކަންކަން ކޯޗް (ނަސީރް އިސްމާއީލް) މިހާރު ވަނީ އެކުލަވާލައިފައި. ކުރިއަށް ހުރި ޓްރޭނިންތައް ކުރިއަށް ގެންދާނީ އެކަމަށް ފޯކަސްކޮށްގެން."

އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ފަޒީލް ޑިސެމްބަރު މަސް ހޭދަކުރީ ލަންކާގައި ކުރިއަށް ދިޔަ މިލިޓަރީ ޓްރޭނިންތަކުގަ އެވެ. އޭގެ ފަހުން އަލުން ދުވުމުގެ ޓްރޭނިންތަކަށް ނުކުމެ އޭނާ އަށް ކާމިޔާބު ހޯދައި ދެވުމަކީ ނަސީރަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ފަޒީލް އަށް ކޯޗް ކޮށްދޭން ނަސީރު ހަވާލުވީ އޭނާ އަމިއްލަ އަށް ވެސް ނަގާ ޗެލެންޖެއްގެ ގޮތުގަ އެވެ. އޭރު ނަސީރު ބުނެފައި ވަނީ ފަޒީލް އަލުން ފިޓްކޮށް އިންޓަނޭޝަނަލް މެޑަލެއް ހޯދައި ނުދެވިއްޖެ ނަމަ ފަޒީލަށް އިތުރަށް ކޯޗުކޮށް ނުދޭނެ ކަމަށެވެ.