Roadha Mihaaru
ޓްރަމްޕުގެ ގަރާރު މަނާކުރާ އަމުރެއް މި ފަހަރު ނުނެރުނު

ޓްރަމްޕުގެ ގަރާރު މަނާކުރާ އަމުރެއް ފަނޑިޔާރު މި ފަހަރު ނުނެރުނު

11 މާޗް 2017

ވޮޝިންޓަން (މާޗް 11) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމަށް ފެޑެރަލް ކޯޓުގެ ފަނޑިޔާރު މި ފަހަރު ދެކޮޅު ހަދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 11) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމަށް ފެޑެރަލް ކޯޓުގެ ފަނޑިޔާރު މި ފަހަރު ދެކޮޅު ހަދައިފި އެވެ.

ޓްރަމްޕުގެ ފަހުގެ އަމުރު ހުއްޓުވަން ދެކޮޅު ހަދާފައި ވަނީ ޖެނުއަރީ 27 ވަނަ ދުވަހު ނެރުނު އަމުރު ހުއްޓުވި ވޮޝިންޓަނުގެ ޑިސްޓްރިކްޓް ފަނޑިޔާރު ޖޭމްސް ރޮބަޓެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ މި މައްސަލައިގައި ގޮތެއް ނިންމުމަށް ވަކީލުން އިތުރު ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ވަކީލުން ބުނެފައި ވަނީ ޓްރަމްޕް ފަހުން ވެސް ނެރުއްވާފައި ވަނީ ކުރިން ނެރުނު ކަހަލަ އަމުރެއް ކަމަށާއި އެހެންވެ ކުރިން ކޯޓުން ނެރުނު އަމުރު ވެސް މި ފަހަރު ވެސް ނެރެދޭން ޖެހޭނެ ކަމަށެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ފަހުގެ އަމުރު ޓްރަމްޕް ނެރުއްވީ ކުރީ އަމުރު ބާތިލްކޮށްފައި ކަމަށާއި އެހެންވެ އެ އަމުރުގެ މައްޗަށް ކުރި ހުކުމް ފަހުގެ އަމުރުގެ މައްޗަށް ނުކުރެވޭނެ ކަމަށެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޖެނުއަރީ މަހު ފަހުކޮޅު ޓްރަމްޕް ނެރުއްވި އަމުރުގައި ހިމެނޭ ގައުމުތަކުގެ ތެރޭން އިރާގު އުނިކޮށް ނެރުނު ފަހުގެ ގަރާރަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ވޮޝިންޓަނުގެ އިތުރުން އެހެން ބައެއް ސްޓޭޓްތަކުން ވެސް ވަނީ މި މައްސަލަ ކޯޓަށް ވައްދައިފަ އެވެ. ފުރަތަމަ ކޯޓަށް ދިޔަ ހަވާއީން ހުށަހެޅި މައްސަލައިގެ އަޑު އެހުން ބުދަ ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފަ އެވެ.

މުސްލިމުން މަނާ ކުރާ އަމުރަށް ދެކޮޅު ހަދާކަން ނިއު ޔޯކް އާއި އޮރެގަން އަދި މެސެޗޫސެޓުން ވެސް ފަހުން ވަނީ ހާމަކޮށްފަ އެވެ.

ފަހުގެ އަމުރާ ގުޅިގެން ކޯޓަށް ދާ މައްސަލާގައި ވައިޓް ހައުސް އިން ބުނެފައި ވަނީ މި ފަހަރު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ގަރާރުގައިވާ ގޮތުން އީރާން، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުން 90 ދުވަހުގެ މުއްދަތަށް އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހު ހުއްޓާލަން ވަނީ ނިންމައިފަ އެވެ.

ޖެނުއަރީ 27 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވީ ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުންނެވެ. ދަށު ކޯޓުގެ ހުކުމް ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރި ނަމަވެސް ސަރުކާރަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. ކޯޓުތަކުން އެ ފަހަރު ވެސް ފާހަގަކޮށްފައި ވަނީ މުސްލިމުން ތަފާތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.