Roadha Mihaaru
ޓްރަމްޕުގެ އަމުރާ ދެކޮޅު މައްސަލައިގެ އަޑުއެހުން 15 ގައި

ޓްރަމްޕުގެ އަމުރާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާޗު 15 ގައި

09 މާޗް 2017

ވޮޝިންޓަން (މާޗް 9) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން ހަވާއީ އިން ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑު އެހުން މި މަހު 15 އަށް ތާވަލްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 9) - މުސްލިމް ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ގޮތުން ހަވާއީ އިން ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑު އެހުން މި މަހު 15 އަށް ތާވަލްކޮށްފި އެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޖެނުއަރީ މަހު ފަހުކޮޅު ޓްރަމްޕް ނެރުއްވި އަމުރުގައި ހިމެނޭ ގައުމުތަކުގެ ތެރޭން އިރާގު އުނިކޮށް ނެރުނު ފަހުގެ ގަރާރަށް އަމަލު ކުރަން ފަށާނީ މި މަހު 16 ވަނަ ދުވަހު އެވެ.

ހަވާއީން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ކުރިން ވިދާޅުވެފައި ވަނީ އެމެރިކާގެ ސަލާމަތާ ބެހޭ ގޮތުން ރިޔާސީ ގަރާރުތައް ނެރުމަކީ އޭނާ އަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އަމުރާ ދެކޮޅަށް ހުކުމް ނެރެނީ ސިޔާސީ ކޯޓުތަކުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ އަމުރާ ދެކޮޅަށް ކޯޓަށް ދިޔަ ފުރަތަމަ ސްޓޭޓަކީ ހަވާއީ އެވެ. އެ ސްޓޭޓުގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރާއި ފަހުގެ އަމުރުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ދެ އަމުރުގެ ވެސް މަގްސަދަކީ މުސްލިމުން މަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު އެއްވެސް ބަދަލެއް ނެތް. މުސްލިމް ގައުމުތައް މަނާކޮށްފައި ވަނީ. ތަފާތަކީ އެއް ގައުމު މަދުވިކަން،" ހަވާއީގެ އެޓާނީ ޖެނެރަލް ޑައުގު ޗިން ވިދާޅުވި އެވެ.

ގަރާރުގައިވާ ގޮތުން އީރާން، ސީރިއާ، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަން މީހުން 90 ދުވަހުގެ މުއްދަތަށް އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހު ހުއްޓާލަން ވަނީ ނިންމައިފަ އެވެ. ޖެނުއަރީ 27 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވީ ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުންނެވެ. ދަށު ކޯޓުގެ ހުކުމް ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރި ނަމަވެސް ސަރުކާރަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. ކޯޓުތަކުން އެ ފަހަރު ވެސް ފާހަގަކޮށްފައި ވަނީ މުސްލިމުން ތަފާތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.