Roadha Mihaaru

ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަށް އަނިޔާކުރި މައްސަލާގައި ޓީޗަރު ދޫކޮށްލައިފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރަކު ކޯޓުން ދޫކޮށްލައިފި އެވެ.

ދަރިވަރަށް އަނިޔާކުރި ޓީޗަރު ކޯޓުން ދޫކޮށްލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ޖެނުއަރީ 2025

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރަކު ކޯޓުން ދޫކޮށްލައިފި އެވެ.

މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ބިދޭސީ އަންހެން ޓީޗަރަކު ދަރިވަރަކަށް އަނިޔާ ކުރިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ސްކޫލުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ އެ މިނިސްޓްރީން ޕޮލިހަށް ހުށަހެޅި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. ނަމަވެސް ކޯޓުން ޝަރުތުތަކާ އެކު އެ ޓީޗަރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންނަށް އަނިޔާ ކޮށްގެން މީގެ ކުރިން ވެސް ޓީޗަރުން ސަސްޕެންޑް ކޮށްފައިވެ އެވެ.