Roadha Mihaaru
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް

ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް

05 ޖެނުއަރީ 2025

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރައްވަން ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރައްވަން ނިންމަވައިފި އެވެ.

ޣައްސާން އިންޑިއާ އަށް ދަތުރެއް ކުރައްވަން ނިންމެވިއިރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މިދިޔަ ހަފުތާ ބަންދު ތެރޭގައި ވަނީ އެ ގައުމަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ.

އެ ދަތުރުގެ ތެރެއިން އިންޑިއާގެ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވަނީ ޣައްސާން ވެސް ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ވިއޯން އިން ބުނެފައިވާ ގޮތުގައި ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހު އެވެ. އެކަމަކު، އެ ދަތުރާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވާއިރު، އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު މިދިޔަ އަހަރުގެ ކުރީކޮޅު ފުއްދައި އިންޑިއާގެ ސިފައިން ވަނީ ގެންގޮސްފަ އެވެ.

ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތަކުގައި، އެއްބަސްވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. އެ ހެލިކޮޕްޓަރުތައް ހަދާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސަރުކާރު ކުންފުންޏަކުންނެވެ. އެހެންވެ، ދެ ގައުމުން އެއްބަސްވި ގޮތަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށްޓަކައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.