Roadha Mihaaru
ދޮގު ޚަބަރު ފަތުރާ މީހުންނަކީ ކޮހުން: އަމީތާބް

ދޮގު ޚަބަރު ފަތުރާ މީހުންނަށް އަމީތާބް ދިން ނަމަކީ "ކޮހުން"

09 ޑިސެމްބަރ 2024

އިންޑިއާގެ ބައެއް ނޫސްތަކުން ހަގީގަތް ނުބަލައި ދޮގު ޚަބަރު ފަތުރާތީ ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ހަގީގަތް ނުބަލައި ދޮގު ޚަބަރު ފަތުރާތީ ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އަމީތާބް ހިތްހަމަނުޖެހުން ފާޅުކުރީ އޭނާގެ ބްލޮގް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އަމީތާބް ބުނި ގޮތުގައި، ދޮގު ޚަބަރު ފަތުރާ މީހުންނަކީ "ކޮހުން"ނެވެ. އަދި އެ މީހުން ދޮގު މައުލޫމާތު ޚަބަރުތަކުގައި ލިޔެ، ޕްރިންޓުކުރަނީ އެ މީހުންގެ ކޮސްކަން ފޮރުވަން ވެގެންނެވެ. އެކަމަކު، އަމީތާބްގެ ޕޯސްޓުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ވަކި ޚަބަރެއްގެ ވާހަކައެއް ވެސް ނުބުނެ އެވެ.

"އެއީ ކޮހުން، އަދި ވިސްނޭ ވަރުގެ ސިކުނޑިއެއް ނެތް މީހުން. އެއީ، މި ދުނިޔޭން މަދު ނުވި ބައެއް. އެ މީހުން ކޮންމެ ދުވަހަކު ދޮގު ވާހަކަތައް ޕްރިންޓުކުރަނީ އެ މީހުންގެ އަމިއްލަ އުނި ކަންކަން ފޮރުވަން،" އަމީތާބްގެ ޕޯސްޓުގައި ބުންޏެވެ.

ބެލެވޭ ގޮތުގައި އަމީތާބްގެ މި ޕޯސްޓްކުރަން ޖެހުނީ އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން އާއި އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުގައި ވަރަށް ގިނައިން މި ދުވަސްވަރު އެ ވާހަކަތައް ދައްކާތީ އެވެ. އެ ޚަބަރު ބައްޗަން އާއިލާއިން ދޮގު ނުކުރި ނަމަވެސް، އަބީޝެކް އާއި އައިޝްވާރިޔާގެ ގުޅުން ގޯސް ކަމަށް ބެލެވޭ ކިތައްމެ ކަމެއް ވަނީ މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ.

އެ ބްލޮގް ޕޯސްޓުގެ ފަހުން އަމީތާބް ވަނީ އެކްސްގައި ވެސް އިއްޔެ ޕޯސްޓެއް ކޮށްފަ އެވެ. ހިންދީ ބަހުން ކުރި އެ ޕޯސްޓުގައި އަމީތާބް ބުނި ގޮތުގައި، ބައެއް މީހުން ދޮގު ވާހަކަތައް ފަތުރަނީ އެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ބަދުނަސީބު ކަންކަން ފޮރުވަން ވެގެންނެވެ.