Roadha Mihaaru
ހާޝިމް ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި ފަރުވާ ނުދެވޭތީ

ހާޝިމް ގޭ ބަންދަށް ބަދަލުކުރީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ޖަލުގައި ފަރުވާ ނުދެވޭތީ: ކަރެކްޝަންސް

23 ނޮވެމްބަރ 2024

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދާ ހާޝިމް އަބޫބަކުރު ގޭ ބަންދަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ އިރުޝާދާ އެއްގޮތަށް ޖަލުގައި ފަރުވާ ނުދެވޭތީ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދާ ހާޝިމް އަބޫބަކުރު ގޭ ބަންދަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ އިރުޝާދާ އެއްގޮތަށް ޖަލުގައި ފަރުވާ ނުދެވޭތީ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މައްސަލައެއްގައި ހއ. ހޯރަފުށީ ހާޝިމް 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ނޮވެމްބަރު 11، 2022 ގަ އެވެ. އޭނާގެ ބަންދަށް ލުޔެއް ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނުގައި ބުނީ ޖަލަށް ހުކުމްކުރި އިރު ވެސް އުނަގަނޑުގެ މައްސަލައެއްގައި ހާޝިމް ދިޔައީ ވޭން ތަހައްމަލުކުރަމުން ކަމަށެވެ. އެކަމަށް، ރާއްޖޭގައި ސާޖަރީ ކުރެވެން ނެތް ކަމަށް ޑޮކްޓަރުން އެންގުމުން، ހާޝިމް ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ މެޑިކަލް ބޯޑުން އޮގަސްޓް 5، 2024 ގައި ދީފައިވާ ކަމަށެވެ.

ކަރެކްޝަންސުން ބުނީ ފަރުވާއަށް ފަހު ހާޝިމް ވަނީ ސެޕްޓެމްބަރު 16، 2024 ގައި ރާއްޖެ އައިސްފަ އެވެ.

ނަމަވެސް އޭނާގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް ޖަލުގައި ފަރުވާ ނުދެވޭތީ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަރެކްޝަންސުން ބުނީ ހާޝިމް ގޭ ބަންދަށް ބަދަލުކުރިއަސް އުސޫލާ އެއްގޮތަށް މޮނީޓާކޮށް ބަލަހައްޓަމުންދާ ކަމަށެވެ.