Roadha Mihaaru

4،000 ފްލެޓްގެ ކޮމާޝަލް ޖާގަތަކަށް ހުޅުވާލަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.

4،000 ފްލެޓްގެ ކޮމާޝަލް ޖާގަތަކަށް ހުޅުވާލަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

21 ނޮވެމްބަރ 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ 32 ޔުނިޓުގައި 127 ކޮމާޝަލް ޖާގަ ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓުގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ލިބޭނެ އެވެ. އަދި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ވެސް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ކޮމާޝަލް ބޭނުމަށް ދޫކުރަނީ 580-6،200 އަކަފޫޓުގެ ޖާގަތަކެކެވެ. ޖާގަ ދޫކުރުމުގައި އެ ޖާގަ ބޭނުންކުރާ ކަމަކަށް ބަލައިގެން ޖާގަ އިތުރު ކުރެވޭނެ ފުރުސަތު ވެސް ދޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

ފްލެޓްތަކުން ވިޔަފާރީގެ ބޭނުމަށް ދޫކުރާ ޖާގަތަކާ ގުޅޭ މައުލޫމާތު އެފްޑީސީގެ މުވައްޒަފަކު މިއަދު މީޑިއާ އަށް ކިޔައިދެނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ފްލެޓްތަކުން ވިޔަފާރީގެ ބޭނުމަށް ދޫކުރާ ޖާގަތަކާ ގުޅޭ މައުލޫމާތު އެފްޑީސީގެ މުވައްޒަފަކު މިއަދު މީޑިއާ އަށް ކިޔައިދެނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ޔުނިޓްތައް ވިއްކަން ކަނޑައަޅާފައިވަނީ މާކެޓު ރޭޓުގަ އެވެ. މިވަގުތު މިފަދަ ކޮމާޝަލް ރޭޓުތަކުގެ އަގު އުޅެނީ އަކަފޫޓެއް 40-45ރ. އާ ދެމެދުގަ އެވެ. އެހެންވެ، އެންމެ ކުޑަ ޖާގައެއް ވެސް ލިބޭނީ ގާތްގަނޑަކަށް 30،000ރ. އަށެވެ.

ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ: ޓަވަރުތަކުގައި 127 ޖާގަ ވަނީ ކޮމާޝަލް ބޭނުމަށް ކަނޑައަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ: ޓަވަރުތަކުގައި 127 ޖާގަ ވަނީ ކޮމާޝަލް ބޭނުމަށް ކަނޑައަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެފްޑީސީން ބުނީ، ހަ ޒޯނަކަށް ބަހާލައިގެން ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލާއިރު، އަންނަ ހަފުތާގައި ދޫކުރަނީ ޒޯން 1 ކަމަށެވެ. ޒޯން 1 ގައި ގާތްގަނޑަކަށް 18 ކޮމާޝަލް ޖާގަ ހިމެނޭނެ އެވެ.

އެފްޑީސީން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ 32 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ އިން ބަޔަކާއި ފުރަތަމަ ފްލޯ ހާއްސަ ކޮށްފައިވަނީ ވިޔަފާރިތަކަށެވެ.

ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ކޯޕަރޭޝަނުން ބުނީ، ކޮމާޝަލް ޖާގަތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ކައިރިން ލިބޭ ގޮތް ހެދުން ކަމަށެވެ. އެފްޑީސީން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 30،000 މީހުން ފްލެޓް ތަކުގައި އުޅޭނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާ އެ ފުރުސަތުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.