Roadha Mihaaru
ސައޫދީއަށް ތުހުމަތުކުރަނީ ލާދީނީ ކަމުން: ސިޔާމް

ސައޫދީ އަރަބިއްޔާއަށް ޓެރަރިޒަމްގެ ތުހުމަތުކުރަނީ ލާދީނީ ކަމުން: ސިޔާމް

06 މާޗް 2017

ސައޫދީ އަރަބިއްޔާ އިން ޓެރަރިސްޓުން އުފައްދާ ކަމުގެ ތުހުމަތު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރަނީ "ލާދީނީ ކަމުން" ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައޫދީ އަރަބިއްޔާ އިން ޓެރަރިސްޓުން އުފައްދާ ކަމުގެ ތުހުމަތު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރަނީ "ލާދީނީ ކަމުން" ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އިން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ސައޫދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ތަނެއް ކަމަށް ވިދާޅުވެ ބޭރުގެ ނޫހަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއަށް ރައްދު ދެއްވައި ސިޔާމް ވިދާޅުވީ ބޭރު ގައުމުތަކުގައި އެ ފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ދިވެހި ރައްޔިތުން އަޅުވެތިކުރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާ އަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ތެރެއިން ޓެރަރިސްޓުން ނައްތާލުމަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ގައުމެވެ. އަދި އެ ގައުމަކީ މުސްލިމުންގެ "މަންމަގެ ރަށް، މައްކާ ވެސް އޮތް ގައުމު" ކަަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ބައެއް އިދިކޮޅު ބޭފުޅުން މި ވިދާޅުވަނީ ސައޫދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން ތައްޔާރުކުރާ ގައުމެކޭ. އަޅުގަނޑުމެން ހައިރާނެއް ނުވޭ އިދިކޮޅު މީހުން އެހެން ބުނެގެން. އިދިކޮޅު މީހުން އެހެން ބުނަނީ ކީއްވެތޯ އަޅުގަނޑުމެން ސުވާލުކޮށްލަން ޖެހޭ، އެއީ ލާދީނީ ކަމުން،" ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބީ ސައްތައިން ސައްތަ މުސްލިމުން ގައުމަކަށްވާއިރު ވެސް އިރާގަށް މިނިވަންކަން ގެނައުމަށް ވަކާލާތުކުރީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖެ ކުރިން ނުދެކޭ ފަދަ ވަރުގަދަ ޕްރޮޖެކްޓްތައް މި ސަރުކާރުގައި އަންނަމުންދާ ކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ކުރިން ނުދަންނަ ވައްޓަފާޅިއަށް މި ސަރުކާރުން ކަންކަން ކުރަމުން އަންނައިރު އެކަމަށް ފާޑުކިޔާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައުދީ ރަސްގެފާނު އެ ވަޑައިގަންނަވަނީ ރާއްޖެ. އެ ހަރަދުކުރައްވަނީ އަޅުގަނޑުމެންގެ އޯގާތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް 10 ބިލއަން ޑޮލަރު،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ތާރީހު ނުދެކޭ ފަދަ އިކޮނޮމިސްޓެއް ކަމަށް ކެމްޕޭންގައި އޭނާ ވިދާޅުވީ، ރާއްޖެ އަށް ބޭނުން ވަނީ ބަސް މަދުކޮށްފައި އަމަލު ގިނަކުރާނެ ރައީސަކަށް ވާތީ އެވެ.

"ދުނިޔޭގައި ނެތް ފެންވަރުގެ އިގްތިސާދީ މާހިރެއް އަބްދުﷲ ޔާމީނަކީ. މިއަދު ދިވެހި ރައްޔިތުން އަދި ކިއެއްތަ ދުނިޔޭގެ ހުރިހާ ލީޑަރުން ވެސް އެބަ ގަބޫލުކުރޭ އެކަން. މިއީ އެއްގޮތަކަށް ވެސް ޖޯކެއް ނޫން އިނގޭތޯ، މިއީ ހަގީގަތް،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިމޭއިރު ވެސް ގައުމުން މުއްސަނދިކަން ފެންނާނެ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވަން ޖެހެނީ އެ ތަރައްގީ ދެމެހެއްޓުމަށްޓަކައި ކަމަށެވެ.