Roadha Mihaaru
ސިޔާމާ ދެމެދު މައްސަލައެއް ނެތް: ޕީޕީއެމް

ސިޔާމާ ދެމެދު މައްސަލައެއް ނެތް: ޕީޕީއެމް

07 އޯގަސްޓް 2018

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމާއި ޕީޕީއެމާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވެމުން ދާ ވާހަކަ އަށް ރައްދު ދެއްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދެ ޕާޓީގެ ދެމެދުގައި އޮތް ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުސްތަޝާރާއި [ރައީސް އަބްދުﷲ ޔާމީނާއި] އެމްޑީއޭގެ ލީޑަރާ ދެ ބޭފުޅުން ފޯނުން ބަރާބަރަށް ވާހަކަ ދެއްކެވި، ކުރިއެކޭ އެއްގޮތަށް ކެމްޕެއިނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސް ގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުން އާ ކުރުމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމްޑީއޭއާ އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅަށް އޮތީ. އެގްރީމެންޓުގެ މުއްދަތު ހަމައެއް ނުވޭ. އަޅުގަނޑުމެން އެމްޑީއޭއާ އެއްބަސްވެފައި ވާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެކީގައި މަސައްކަތް ކުރުމަށް. ރިޔާސީ އިންތިހާބު ނިމުނީމާ އަޅުގަނޑުމެން އެގްރިމެންޓު އާ ކުރަންޖެހޭނީ ވެސް،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ ދެ ޕާޓީން މި ކަމަށް ދެ ބޭފުޅަކު ކަނޑައެޅިގެން އަޅުގަނޑުމެންގެ ޕާޓީން މި އެއްބަސްވުމާ ދޭތެރޭގައި މަޝްވަރާ ކުރައްވާނީ ނައިބު ރައީސް މޫސާ ޒަމީރު އަދި އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް. އެ ބޭފުޅުން ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެބަ ގެންދަވާ."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމާއި އެމްޑީއޭގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެ ދެ ޕާޓީގެ ތެރޭގައި މައްސަލަ އުފެއްދުމަށް ކަމަށެވެ. އަދި އެއީ ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއާ އެކު ޕީޕީއެމުން ކުރާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ، އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ މަހުގެ 23 ގައި، ބާއްވާ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތަކުން ސިޔާމް ނުފެންނަ ވާހަކަ ދައްކާއިރު، މީގެ ކުރިން ވެސް އެއީ އެ ފަދަ ކަންތައްތަކުގައި މާ ގިނައިން ހަރަކާތްތެރިވާ ބޭފުޅެއް ނޫން ކަމަށެވެ.

"އެމްޑީއޭ އަކީ ހަތަރު ނައިބު ރައީސުންގެ ބެއްލެވުމުގެ ދަށުން ވަރަށް ހީވާގި ކައުންސިލަކާ އެކު ހިންގާ ޕާޓީއެއް. ބައެއް ހަރަކާތްތަކުގައި ސީދާ ސިޔާމް ހަރަކާތްތެރިވާ ތަން ފެނިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.