21 އޮކްޓޯބަރ 2024
މިދިޔަ ދެތިން އަހަރަކީ ރާއްޖޭގެ ވިޔަފާރި އާއި އިގުތިސާދާއި މާލީ ދާއިރާގެ މައްސަލަތައް ފުނިޖެހުނު އަހަރުތަކެކެވެ. ކޮވިޑާ އެކު ރާއްޖޭގެ އިގުތިސާދު އަޑިގަނޑަކަށް ވެއްޓުމާއި ދަރަނި ދެއްކޭނެ ގޮތެއް ނެތި ގައުމު ބަނގުރޫޓުވާ ހިސާބަށް ދިއުމާއި ޑޮލަރު ނުލިބި އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިއުން ފަދަ އެތައް މައްސަލައެކެވެ. އެ ހުރިހާ ކަންކަމެއް ތިލަކޮށްދީ، ރައްޔިތުންގެ ބަހާއި ސަރުކާރުގެ ބަހާއި ސިނާއަތުގެ ބަސް ވެސް ގެނެސްދީ އަދި އެ ކަންކަމުގެ ހައްލުތައް ތަޖުރިބާކާރުން ލައްވައި ބުނުމުގެ ބުރަ ބޮޑު ޒިންމާ ނެގީ އެ ދާއިރާ ކަވަރުކުރާ ނޫސްވެރިންނެވެ.
މިދިޔަ ދެތިން އަހަރަކީ ރާއްޖޭގެ ވިޔަފާރި އާއި އިގުތިސާދާއި މާލީ ދާއިރާގެ މައްސަލަތައް ފުނިޖެހުނު އަހަރުތަކެކެވެ. ކޮވިޑާ އެކު ރާއްޖޭގެ އިގުތިސާދު އަޑިގަނޑަކަށް ވެއްޓުމާއި ދަރަނި ދެއްކޭނެ ގޮތެއް ނެތި ގައުމު ބަނގުރޫޓުވާ ހިސާބަށް ދިއުމާއި ޑޮލަރު ނުލިބި އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިއުން ފަދަ އެތައް މައްސަލައެކެވެ. އެ ހުރިހާ ކަންކަމެއް ތިލަކޮށްދީ، ރައްޔިތުންގެ ބަހާއި ސަރުކާރުގެ ބަހާއި ސިނާއަތުގެ ބަސް ވެސް ގެނެސްދީ އަދި އެ ކަންކަމުގެ ހައްލުތައް ތަޖުރިބާކާރުން ލައްވައި ބުނުމުގެ ބުރަ ބޮޑު ޒިންމާ ނެގީ އެ ދާއިރާ ކަވަރުކުރާ ނޫސްވެރިންނެވެ.
އޭގެ ތެރެއިން ވެސް، "މިހާރު" އޮންލައިންގެ ފާތިމަތު ޝަނާ މުހައްމަދުގެ ނަން ފާހަގަކުރެވެ އެވެ. މިވަގުތު ރާއްޖޭގައި ތިބި ވިޔަފާރި އާއި އިގުތިސާދު ދާއިރާގެ ނޫސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ވަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ކުރިމަތިވި އެންމެ ދަތި، އުނދަގޫ ދުވަސްވަރުގެ ވާހަކަތައް ކަން އޮތް ގޮތަށް ރައްޔިތުންނަށް ކިޔައިދިނުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހޮވާ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް އޭނާ ވާދަކުރުމަކީ އޭގެ ހެއްކެކެވެ.
— Mihaaru (@Mihaarunews) October 19, 2024
އެމްއެމްސީން ވަނީ، އެންމެ މޮޅު ނޫސްވެރިޔާއަށް އެއް ނަމްބަރަކުން ބޭނުން އަދަދަކަށް އެސްއެމްއެސްކުރަން ހުޅުވާލާފައި.
އޭ ލެވެލް ނިންމުމަށް ފަހު ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން 2012 ވަނަ އަހަރު "ދިޓީވީ" އިން ލިބުނު ފުރުސަތެއްގައި ނޫސްވެރިކަމުގެ ތެރެއަށް ވަން ޝަނާ އޭރު މި މަސައްކަތް ނެގީ ކެރިއަރެއްގެ ގޮތަކަށް ނޫނެވެ. އަޖުމަ ބަލައިލުމުގެ ގޮތުން ވަދެ، ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ޓީވީ ޗެނަލް "ދިޓީވީ" ގެ ނިއުސްރޫމުގައި އޭނާ ހޭދަކުރި ފުރަތަމަ ދުވަސްވީހީ، ފަހަރުގައި ފަހު ދުވަހަށް ވެސް މެ އެވެ. އެކަމަކު ފޫހިވެފައި ހުރި ޝަނާ އަށް، އެ ޗެނަލުގެ ނިއުސް އެޑިޓަރު މިދުހަތު އާދަމް (މިދުބެ) އެ ދުވަހު ދިން ހިތްވަރާ އެކު އޭނާ ކުރިއަށް ދާން ނިންމި އެވެ.
ޝަނާ: އޭނާ ވަނީ ނޫސްވެރިކަމާއި، ވިޔަފާރީގެ ރޮނގުން މަތީ ތައުލީމު ހާސިލުކޮށްފައި.
ތަޖުރިބާކާރު އެޑިޓަރު މިދުބެ ޝަނާ ގާތު ބުނީ ނޫސްވެރިކަމުގައި އެއް ބަޔަކު އުޅެނީ މަޝްހޫރުވާން ކަމަށާއި އަނެއް ބަޔަކު އުޅެނީ ނުފޫޒު ހޯދަން ކަމަށާއި އެކަމަކު މި ދާއިރާގައި ދެމިތިބެވޭނީ ނޫސްވެރިކަމަށް ލޯބި އޮވެގެން މަސައްކަތްކުރާ މީހުންނަށް ކަމަށެވެ. އަމުދުން ރާއްޖޭގެ ނޫސްވެރިކަމުގައި އޭރު އަންހެނުން މަދުކަމުން، "ހަވީރު" ނޫހުގެ އާސިޔަތު މުހައްމަދު ސައީދާއި ފަޒީނާ އަހުމަދުގެ މިސާލު ދައްކައި މިދުބެ އެދުނީ، ޝަނާ ވެސް އެ ނޫސްވެރިންގެ ފަރާތުން މިސާލު ނަގައިގެން ކުރިއަށް ދިއުމަށެވެ.
"އެ ހިސާބުން އަޅުގަނޑަށް ވިސްނުނީ މިއީ ވެސް ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދެވިދާނެ ދާއިރާއެއްކަން،" ޝަނާ ބުންޏެވެ.
"މި މަސައްކަތް ސީރިއަސްކޮށް ނެގުނީ ވެސް އޭގެ ފަހުން."
އޭރު އޭނާ އަކީ ވަކި ދާއިރާއަކަށް ހާއްސަ ނޫސްވެރިއެއް ނޫނެވެ. ހުރިހާ ވައްތަރެއްގެ ޚަބަރުތައް ވެސް ލިޔެ އެވެ. އަދި ޗެނަލުގެ ޚަބަރު ގަޑިތަކުގައި ޓީވީ އަށް ވެސް އަރަން ޖެހުނެވެ. އޭގެ ސަބަބުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ ލޯ ދިޔައީ ދާއިރާ އަށް ހުޅުވެމުންނެވެ. އެކަމަކު ދާއިރާ އަށް އޭނާ ރަނގަޅަށް ރޯފިލީ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހޯދައިދިން ފުރުސަތެއްގައި 2014 ވަނަ އަހަރު އިންޑިއާގެ ޗެންނާއީ ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގައި ނޫސްވެރިކަން ކިޔެވުމުންނެވެ.
"އެއީ މި ދާއިރާ އަށް ލޯބި ޖެހުނު ހިސާބަކީ،" ޝަނާ ބުންޏެވެ.
މި ސަރަހައްދުން އެންމެ ރަނގަޅަށް ނޫސްވެރިކަން ކުރާ ގައުމު ކަމަށްވާ އިންޑިއާގެ އެ ކޮލެޖުގައި ހެދި ޑިޕްލޮމާއާ އެކު އޭނާ އަށް ވަރަށް ގިނަ ކަންކަން ދަސްވެ، ވަރަށް ގިނަ އާ ތަޖުރިބާތައް ކުރެވުނެވެ. އެކި ހިސާބުތަކަށް ދަތުރުކޮށް އެކި މީސްމީހުންގެ ވާހަކަތައް އަޑުއަހައި ރިޕޯޓްތަކާއި ޑޮކިއުމެންޓްރީ ހެދި އެވެ. އެކަމަކު އެނބުރި އައިސް މާގިނަ ދުވަސްތަކެއް ނުވަނީސް "ދިޓީވީ" ހުއްޓާލި އެވެ. އެހެންވިޔަސް އެއީ ޝަނާގެ ކުރިއެރުމުގައި ބުރަކި ޖެހެންވީ ސަބަކަށް ނުވި އެވެ. އޭނާ ދެން ގުޅުނީ އޭރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރައިވެޓް ޓީވީ ޗެނަލް ކަމަށްވާ "ރާއްޖެ ޓީވީ" އާ އެވެ.
ޝަނާ (މ) ރައީސް ޑރ. މުއިއްޒުއާ އިންޓަވިއުކުރައްވަނީ.
ރާއްޖެ ޓީވީގެ ނިއުސް ކަވަރޭޖުގެ މައިގަނޑަކީ ސިޔާސީ ދާއިރާ ކަމަށް ވިޔަސް، ޝަނާގެ ޝައުގެއް އެ ދާއިރާއަކަށް ނެތެވެ. އެހެންވެ އޭނާ ލިޔަމުން ދިޔައީ ކުރިއެކޭ އެއްގޮތަށް އާއްމު ޚަބަރުތަކެވެ. ޓީވީ ޚަބަރާއި ޕްރޮގްރާމްތައް ވެސް ހުށަހެޅި އެވެ.
އެކަމަކު ނޫސްވެރިކަމުގައި ކުރިއަށް ދިއުމަށް، ކޮންމެވެސް ބީޓެއް ހިޔާރުކުރުން މުހިއްމުކަމުން ޝަނާ ނިންމީ ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ އަށް ހާއްސަ ވާށެވެ. އޭރު އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ވެސް ހާސިލްކޮށްފަ އެވެ. އެކަންވީ، މި ދާއިރާ ކަވަރުކުރާ ނޫސްވެރިއެއްގެ ގޮތުން ކުރިއަށް ދިއުމަށްޓަކައި ޝަނާ އެޅި މުހިއްމު ފިޔަވަޅެކެވެ.
"ރާއްޖެ ޓީވީ" ދޫކޮށް 2018 ވަނަ އަހަރު އޭނާ "މިހާރު" އާ ގުޅުނީ ވިޔަފާރި އާއި އިގުތިސާދަށް ހާއްސަ ނޫސްވެރިއެއްގެ ގޮތުގަ އެވެ. 'މިހާރު' އާއި އެ ނޫހުގެ އަސްލު ގުޅިފައި އޮތް 'ހަވީރު' އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް، އެންމެ ރަނގަޅަށް އެ ދާއިރާ ކަވަރުކުރި ނޫސް ކަމުން ޝަނާ އަށް އުފުލަން ޖެހިފައި އޮތީ ބޮޑު މަސްއޫލިއްޔަތެކެވެ. އޭނާގެ ފަރާތުން ފެންވަރު ރަނގަޅު މަސައްކަތަކަށް އެތައް ބަޔަކު ތިބީ އުއްމީދުކޮށްގެންނެވެ. އަނެއްކޮޅުން ޓީވީ ޗެނަލްތަކުގައި މަސައްކަތްކޮށްފައި އައިސް އޮންލައިން ނޫހެއްގައި މަސައްކަތްކުރަން ޖެހުމުން އެކަންވީ ވެސް ޗެލެންޖަކަށެވެ.
"ހީވީ އަލުން ބަލުން މިކަން ފަށަން ޖެހުނުހެން. އެހާ ވެސް ތަފާތު. ކުރިން މުޅިން އެހެން ކަހަލަ މީޑިއަމެއްގައި އުޅެފައި ލިޔުންތެރިއެއްގެ ގޮތުގައި ނޫސްވެރިކަމުގެ މަސައްކަތްކުރަން ޖެހުންވީ އުނދަގޫ ކަމަކަށް،" ޝަނާ ބުންޏެވެ.
އެކަމަކު މިހާރުގެ އިސް އެޑިޓަރުން، ހާއްސަކޮށް އެ ނޫހުގެ އޭރުގެ މެނޭޖިން އެޑިޓަރު އަދި ފަހުން އެޑިޓަރު، ވަރުގަދަ ނޫސްވެރިޔާ އިސްމާއީލް ނަސީރު (އިސްމާ) ގެ އެހީތެރިކަމާ އެކު، އެ ޗެލެންޖް އޭނާ ކާމިޔާބުކުރި އެވެ.
"އިސްމާ އަކީ އަޅުގަނޑުގެ މެންޓާއަކީ،"
ޝަނާ (ކ) 'މިހާރު' ގެ އޭރުގެ އެޑިޓަރު އިސްމާއިލް ނަސީރު (މ) އާއި އެ ނޫހުގެ މިހާރުގެ އެޑިޓަރު އަހުމަދު ހަމްދޫން އަދި ސަބް އެޑިޓަރު އާސިމާ ނިޒާރު (ވ) އާއެކު.
އިސްމާގެ ލަފަ އާއި އިރުޝާދުގެ ދަށުން ޝަނާ ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް "މިހާރު" ގައި ކޮށްފަ އެވެ. މިއަދު އެންމެންގެ ކަންބޮޑުވުމަކަށް ވެފައި އޮތް ޑޮލަރުގެ މައްސަލަ ނަގައި އޭނާ ވަނީ އެކަމާ ގުޅޭގޮތުން އެތައް ރިޕޯޓްތަކެއް ލިޔެފަ އެވެ. ބިދޭސީ ދަނޑުވެރިންނާއި ވިޔަފާރިވެރިންގެ ނެޓްވޯކަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކޮންޓްރޯލްކޮށް ދިވެހި ދަނޑުވެރިންނަށް ދެމުން އަންނަ ގެއްލުންތަކުގެ ވާހަކަ ލިޔެ، އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނައީ ވ. ކެޔޮދޫ އަށް އުފަން ޝަނާ އެވެ.
ރާއްޖޭގެ ދަނޑުތަކުގައި ކެމިކަލް ބޭނުންކުރާ މައްސަލަ އާއްމުންގެ ސަމާލުކަމަށް ގެންނަން ވެސް ޝަނާ ވަނީ ލިޔުންތައް ލިޔެފަ އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާ އިންޓަވިއު ކުރައްވައި އެ ބޭފުޅުންގެ އިގުތިސާދީ ސިޔާސަތުތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނެވެ. މީގެ އިތުރުން "މިހާރު" އިން ގެނެސްދޭ 'މެދުސަފުހާ' ކަވަރޭޖަށް ވެސް އޭނާ ވަނީ މުހިއްމު ރިޕޯޓްތަކެއް ލިޔެފަ އެވެ.
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސާ މެދު އާއްމުންގެ އޮތް ކަންބޮޑުވުންތައް ބޮޑު ސުރުހީ އަށް އެރުވީ ވެސް ޝަނާ އެވެ. އެކަމާ ގުޅޭ ގޮތުން އޭނާ ލިޔުނު ރިޕޯޓަކީ، "މިހާރު: ގެ ތާރީހުގައި އެންމެ ގިނަ ކޮމެންޓް ލިބުނު ރިޕޯޓެވެ. އާއްމުން 500 އަށް ވުރެ ގިނަ ކޮމެންޓް ފޮނުވި އެ ރިޕޯޓާ އެކު އެ މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ބަހުސެއް ހިނގި އެވެ.
ޝަނާ ކުރަމުން އަންނަ މަސައްކަތުގެ ފެންވަރު ރަނގަޅު ކަމުގެ ހެއްކަކީ އެމްއެމްސީން ހޮވި ވިޔަފާރި އާއި އިގުތިސާދު ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު 2020 ވަނަ އަހަރު އޭނާ އަށް ލިބުމެވެ. އެކަމަކު ޝަނާ އަށް މި މަސައްކަތުން ލިބޭ އެންމެ ބޮޑު އުފަލަކީ، ގައުމުގެ މި ނާޒުކު ދާއިރާގެ ކަންކަން ހެޔޮ ގޮތުގައި ބަދަލުކުރުމުގެ މަސައްކަތުގައި އޭނާ އަށް ކުޑަ ނަމަވެސް ހިއްސާއެއް ވެވުމެވެ.
ޝަނާ (ވ) ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ އުއްޗު (ކ) އާއި ޗަމްޕާ އަފީފުއާ އިންޓަވިއުކުރަނީ.
ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ ކަވަރުކުރުމަކީ އެކަން ކުރަން ނޫސްވެރިން ހޯދަން ކުރަން ޖެހޭ އުނދަގޫ މަސައްކަތަށް ބަލާއިރު ފޫހި މަސައްކަތެކެވެ. ސިކުނޑި އަށް އުނދަގޫކުރަނީ ހަމައެކަނި ނަމްބަރުތަކާއި އުނދަގޫ ލަފުޒުތަކެއް ނޫނެވެ. ލިޔާ ކޮންމެ ޚަބަރަކާ އެކު އަދި ސުރުހީ އަޅާލާ ކޮންމެ ރިޕޯޓަކާ އެކު، ތައުރީފަށް ވުރެ ގިނައިން އަމާޒުވަނީ އާއްމުންނާއި، މުއައްސަސާތަކާއި، ސިނާއަތުގެ މީހުންގެ ނުރުހުމެވެ.
"ފާޑުކިޔުން އާދޭ. އެކަމަކު އެކަންކަން ޕޮޒިޓިވްކޮށް ނަގަނީ،" ޝަނާ ބުންޏެވެ.
"އަޅުގަނޑު ބަލަނީ އަމިއްލަ ހިޔާލު އެއް ފަރާތްކޮށް، ކަމުގެ ހަގީގަތް ގެނެސްދޭން. އެގޮތަށް ގެނެގެސް ނުރުހުން އަމާޒުވިޔަސް ފަރުވާލެއް ނެތް."
ގައުމުގެ އިގުތިސާދު މިއޮތީ އެންމެ ކަތި ފިޔަވަޅަކާ އެކު ވެސް ގަބައިގަންނާ ނާޒުކު ހާލަތެއްގަ އެވެ. މިފަދަ ވަގުތެއްގައި ގައުމަށް އެންމެ މުހިއްމު އެއް ބަޔަކީ ތެދުވެރި ގަލަމުން ލިޔާ، ކަމުގެ ދެކޮޅު އެނގޭ ނޫސްވެރިންނެވެ. އެ ވިސްނުމުން ބަލާއިރު ޝަނާ ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަންނަނީ ޝުކުރުވެރި ހިތަކާ އެކު އެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ހިރިގާ ޒާހިރާއި ރަމީޒަށް