Roadha Mihaaru
ޑްރަގް ވިއްކާ 4 މީހަކު ޖަލަށް، ފައިސާތައް ދައުލަތަށް

ޑްރަގް ވިޔަފާރީގައި އުޅުނު ހަތަރު މީހަކު އުމުރަށް ޖަލަށް؛ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގައިފި

17 އޮކްޓޯބަރ 2024

ޑްރަގު ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޑްރަގު ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރުގެ ހުކުމް އައީ ހަސަން ލޫތު، ރަންގަލް ގދ. ތިނަދޫ އާއި ހަސަން ރަޝީދު، ފްލެޓް ނަންބަރު 01-ޖީ-45 އާއި އިސްމާއިލް ޝަރީފް، ވައިޓްރޯސް، ތ. ތިމަރަފުށި އަދި ޝާނިޔާ އިބްރާހިމް، މއ. ހަސްލަތުއަށެވެ.

ހަތަރު މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ވަނީ ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައިފަ އެވެ.

މިއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ކަމުގެ ރިޕޯޓާ ގުޅިގެން ފުލުހުން ޖެނުއަރީ 12، 2021 ގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބައެކެވެ. އެ މީހުން ހިފަހައްޓައި، ގުޅުންހުރި ހަތަރު ތަނެއް ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. މި ތަކެއްޗަށް ހަތަރު މީހުން ވެސް ޒިންމާވާން ޖެހޭ ކަން ކޯޓުން ކަނޑައަޅައި، އެ މީހުންގެ މައްޗަށް ޖޫރިމަނާގެ އަދަބު ވެސް ވަނީ އިއްވައިފަ އެވެ.

މި މައްސަލައިގައި ހިމެނޭ ލޫތު ދިރިއުޅޭ ތަނުން ފެނުނު ދަބަހަކާއި ދެ ކޮތަޅަކުން 1،466،000ރ. ފެނުނެވެ. އަދި މި މައްސަލައިގައި ހިމެނޭ އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ގެސްޓް ހައުސްއަކުން ހައްޔަރުކޮށް ފާސްކުރި އިރު އެތަނުން މަސްތުވާތަކެތި ފެނިފައި ވާއިރު އިސްމާއިލްގެ ވޮލެޓުންނާއި އެތަނުގައި އޮތް ދަބަހަކުން 68،875ރ. އާއި އޮޕަރޭޝަން ކުރިއަށް ދަނިކޮށް މީހަކު އައިސް އޭނާއާ ހަވާލުކުރި 7،800ރ. ވެސް ފުލުހުން ހިފެހެއްޓި އެވެ. މި މައްސަލައިގައި އެކި ތަންތަން ފާސްކޮށްފައި ވާއިރު ފައިސާ އާއި މަސްތުވާތަކެތި ފެނުނެވެ.

ފެނުނު ފައިސާތައް ދައުލަތަށް ނަގަން ދައުވާގައި އެދިފައި ވާތީ އެ ފައިސާ ދައުލަތަށް ނަގަން ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާ އަކީ އެނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން ސާބިތުނުވާހާ ހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 160 ވަނަ މާއްދާގައި ބަޔާންކުރެ އެވެ.

ލޫތު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ހަސަން ރަޝީދު ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ޝާނިޔާ އާއި އިސްމާއިލް ޝަރީފް ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ހުކުމްގައި ބުނީ އެ ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއް ނޫން ކަމަށް ދައުވާ ލިބޭ މީހުން ބުނި ނަމަވެސް، ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްކަން ޝަރީއަތަށް ބަޔާންކޮށްދިނުމަށް އެ މީހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. މިއީ ކޮށްގެން ހޯދާފައިވާ ފައިސާއެއް ނޫން ނަމަ، އެކަން ހެކި ހުށަހަޅައިގެން ބަޔާންކޮށްދިނުމުގެ ފުރުސަތު އޮތް ކަމަށް ހުކުމްގައިވެ އެވެ.

"...ގާނޫނު ގަބޫލު ކުރާ ގޮތަށް މި ހާލަތުގައި ޝަރީއަތުން ބަލަންޖެހޭނީ މި ފައިސާއަކީ ދައުވާ ލިބޭ މީހުން ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް،" ހުކުމްގައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ވަނީ އެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށާއި ފެނުނު ތަކެއްޗަކީ އެ މީހުން ބޭނުންކުރުމަށް ގެންގުޅޭ ތަކެތި ކަމަށް ބުނެފަ އެވެ. މި ހުކުމުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި ފައިސާ އިއްޔެއިން ފެށިގެން އެއް އަހަރު ތެރޭ ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.