Roadha Mihaaru
ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިންގެ ޕެޓިޝަނެއް

ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރުކުރަނީ

30 ސެޕްޓެމްބަރ 2024

ދުންފަތާއި ވޭޕް މަނާކޮށްދިނުމަށް އެދި ސްކޫލުތަކުގެ ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުންފަތާއި ވޭޕް މަނާކޮށްދިނުމަށް އެދި ސްކޫލުތަކުގެ ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ސްކޫލުތަކުގެ ޕީޓީއޭ އިން އިސްނަގައިގެން އަންނަނީ ބެލެނިވެރިންގެ ސޮއި ހޯދައި، އީ-ސިނގިރޭޓުގެ ވަބާއިން ކުރިމަތިވެފައިވާ ނުރައްކަލުން ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅު އަޅައިދިނުމަށް އެދި ބެލެނިވެރިންގެ ސޮއި ހޯދަމުންނެވެ.

އެ ޕެޓިޝަން ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާދަމާ މެންދުރު 12:00 އާ ހަމައަށް ސްކޫލުތަކަށް މުއްދަތު ދީފަ އެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ ކިޔެވުމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ މާހައުލުތަކުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ވޭޕާއި ސިނގިރޭޓް ތައާރަފުކޮށް އަދި އެ ބޭނުންކުރުމަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އިހުތިޔާރާ ނުލައި ވެސް ވޭޕާއި އީ-ސިނގިރޭޓްގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

އީ-ސިނގިރޭޓުގެ ޒަރިއްޔާއިން ކުދިންނަށް މަސްތުވާތަކެތި ތައާރަފުވެ، މަސްތުވާތަކެތި ބޭނުންކުރަން ފެށުމުގެ ނުރައްކަލަށް ކުދިން ހުށަހެޅިފައިވާ ކަމުގެ ކަންބޮޑުވުންތައް ވެސް ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ. ކުދިންގެ ނާޒުކު ޅައުމުރުގައި އެފަދަ ތަކެތި ބޭނުންކުރުމުން ހެދިބޮޑުވުމާއި ސިއްހަތަށް ގެއްލުންވެ އޭގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބުންޏެވެ.

"ކުދިން އަހުލާގީ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ސްކޫލާއި ގޭތެރޭގައި ވެސް ބަސްނޭހުމާއި އަދި ކިޔެވުމަށް ސަމާލުކަން ނުދިނުމާއި ސްކޫލުގައި މާރާމާރީ އާއި ހަނގާކުރުން އިތުރުވަމުން ދިއުން،" ކަންބޮޑުވުމެއްގެ ގޮތުގައި ޕެޓިޝަންގައި ބުނެފައިވެ އެވެ.

ކުދިންގެ ބިހޭވިއާއަށް އަންނަ ބަދަލުތައް ސްކޫލުތަކުން ވަރަށް ބޮޑަށް ބަލާނެ. ދަރިވަރެއްގެ އަހުލާގަށް ބަދަލުތަކެއް އަންނަ ކަމަށްވާ ނަމަ ބައްލަވާނެ. އެގޮތަށް ބަލައި ފާސްކޮށް އެއް ހަފުތާތެރޭ ސްކޫލަކުން އެބަހުރި ބޮޑު ފޮށިގަނޑެއްގެ ވޭޕް [ޑިވައިސްތައް] ދަރިވަރުން އަތުން އަތުލާފައި،"--- އެޑިއުކޭޝަން މިނިސްޓަރު

އީ-ސިނގިރޭޓްގެ ޑިވައިސްތަކާއި އެ އަށް އަޅާ ދިޔާ އެކި ތަކެއްޗަކީ ކުދިން ހިތްޖެހޭގޮތަށް އެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ވިޔަފާރިއަކަށް ވާތީ، އެ ތަކެތި ފުޅާދާއިރާއެއްގައި އާއްމުކޮށް އަދި އަގުހެޔޮކޮށް ލިބެން ހުރުމުން މައިންބަފައިންނަށް އެކަމުގައި އެޅެން ހުރި ފިޔަވަޅުތައް މަދުކަމާއި ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ބުންޏެވެ.

"މިކަމަށް ހައްލެއް ނުލިބޭ ނަމަ އަޅުގަނޑުމެންގެ ޅަދަރިންނަކީ އެކަށީގެންވާ ތައުލީމު ނުލިބޭ އަދި ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެއްޗަށް އާދަވެފައިވާ އަހުލާގު ގޯސް ކުދިންގެ ގޮތުގައި ބޮޑުވެ، ކުދިންގެ މުސްތަގުބަލަށް ހަލާކުވެގެން ދިއުން،" ޕެޓިޝަންގައި ވެ އެވެ.

އެހެންވެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ބެލެނިވެރިންގެ ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އެހީތެރިވެ އަދި ކުދިންގެ މުސްތަގުބަލަށް އަޅުގަނޑުމެން ކުރަމުން އަންނަ އުއްމީދުތަކަށް ރާއްޖޭގައި މިހާރު އާއްމުވެފައިވާ އީ-ސިނގިރޭޓުގެ ވަބާއިން ކުރިމަތިވެފައިވާ ނުރައްކަލުން އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރި ކޮށްދެއްވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ލަސް ނުކުރައްވާ މިހާރުން މިހާރަށް އަޅުއްވައި ދެއްވުމަށެވެ،" ޕެޓިޝަންގައި ވެ އެވެ.

ކަސްޓަމްސްއިން "މިހާރު" އާ ހިއްސާކުރި ތަފާސްހިސާބު ދައްކާ ގޮތުގައި 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915 ރުފިޔާގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްކޫލުތަކުގައި ދިމާވާ ހުރިހާ ގޯސް ކަމެއްގެ ފެށުން ކަމަށް ބެލެވިފައި ވަނީ ވޭޕް ކަމަށެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް ހަފުތާއެއް ވަންދެން ޗެކްކުރުމުން ބޮޑު ފޮށިގަނޑެއް ފުރެންދެން އެޅޭ ވަރަށް ވޭޕްގެ ސްޓިކާއި ޕޮޑުތައް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުދިންގެ ބިހޭވިއާއަށް އަންނަ ބަދަލުތައް ސްކޫލުތަކުން ވަރަށް ބޮޑަށް ބަލާނެ. ދަރިވަރެއްގެ އަހުލާގަށް ބަދަލުތަކެއް އަންނަ ކަމަށްވާ ނަމަ ބައްލަވާނެ. އެގޮތަށް ބަލައި ފާސްކޮށް އެއް ހަފުތާތެރޭ ސްކޫލަކުން އެބަހުރި ބޮޑު ފޮށިގަނޑެއްގެ ވޭޕް [ޑިވައިސްތައް] ދަރިވަރުން އަތުން އަތުލާފައި،" މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.

ވޭޕާއި-އީ-ސިނގިރޭޓް އެތެރެކުރުން ހުއްޓުވުމަށް އެދި ބެލެނިވެރިން ޕެޓިޝަން ތައްޔާރުކުރަމުންދާއިރު، ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން ވެސް އަންނަނީ ވޭޕް އެތެރެކުރުން ހުއްޓުވައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި އެދެމުންނެވެ. އަދި ރައީސް މުއިއްޒުގެ އަރިހުން ވެސް ވަނީ އެކަމަށް އެދިފަ އެވެ.