Roadha Mihaaru
ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓުކޮށްލައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓުކޮށްލައިފި

29 ސެޕްޓެމްބަރ 2024

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރި ކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތެއްގެ ދަށުން އެ ފަސް މީހުން ހައްޔަރުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން މިދިޔަ ހަފުތާގައި ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމައެއް އަދި ނުކުރެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ކުރިން ވަނީ ފަށައިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ރާއްޖެއިން ފޮނުވާލަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބައެއް ބިދޭސީން ވަނީ ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.

ބިދޭސީން ހޯދައި ޑީޕޯޓްކުރަން ފެށުމުން، ބިދޭސީ ފިރިހެނުން ދިވެހި އަންހެނުންނާ ކައިވެނި ކުރަން ފެމިލީ ކޯޓަށް ހުށަހަޅާ މިންވަރު ކުއްލިއަކަށް އިތުރުވެފައިވާ ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ. ދިވެއްސަކާ ކައިވެނިކުރުމުން ރާއްޖޭގައި ހުރުމަށް ވިސާ ލިބެ އެވެ.