Roadha Mihaaru

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން ޕީޖީ އެދިވަޑައިގެންފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންތަކުގެ ތަހުގީގުތައް އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

ޕީޖީ އެދިވަޑައިގަތީ ކޮރަޕްޝަންގެ ތަހުގީގު އަވަސްކުރަން
މޫސާ ރަޝީދު
މޫސާ ރަޝީދު

23 ސެޕްޓެމްބަރ 2024

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންތަކުގެ ތަހުގީގުތައް އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

ޕީޖީ އެގޮތަށް އެދިވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭސީސީގެ ރައީސް އާދަމް ޝާމިލްއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ޕީޖީ އޮފީހުންު ބުނި ގޮތުގައި އެ ބައްދަލުވުމުގެ ތެރެއިން، އޭސީސީން ކުރަމުން އަންނަ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން އައްބާސް ދެއްވި އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ޕީޖީ ދެއްވި ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މި މަހު 11 މައްސަލައެއް އޭސީސީން އެ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. މި އަހަރުގެ މިހާތަނަށް 85 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވެ އެވެ.