Roadha Mihaaru
ރާއްޖޭގައި ދުވާލަކު 8،722 ފަހަރު ޑޮކްޓަރަށް ދައްކާ

ރާއްޖޭގައި ދުވާލަކު 8،722 ފަހަރު ޑޮކްޓަރަށް ދައްކާ

20 ސެޕްޓެމްބަރ 2024

ރާއްޖޭގައި މީހުން ޑޮކްޓަރަށް ދައްކާ އަދަދު ނުވަތަ ވިޒިޓްސް އެވްރެޖުކޮށް ދުވާލަކު 8،722 އަށް އަރާ ކަމަށާއި އެންމެ ގިނައިން ޑޮކްޓަރަށް ދައްކަނީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މީހުން ޑޮކްޓަރަށް ދައްކާ އަދަދު ނުވަތަ ވިޒިޓްސް އެވްރެޖުކޮށް ދުވާލަކު 8،722 އަށް އަރާ ކަމަށާއި އެންމެ ގިނައިން ޑޮކްޓަރަށް ދައްކަނީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބު ދައްކާ ގޮތުން މިއީ މިދިޔަ އަހަރު ސަރުކާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި އަމިއްލަ ތަންތަނަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ދެއްކި އަދަދެވެ. ހަފުތާއަކަށް ބަލާ ނަމަ 61،222 އަދި މަހެއްގެ މައްޗަށް 265،298 ވިޒިޓް އޯޕީޑީއަށް ރެކޯޑް ކުރެވިފައިވާ ކަމަށް ބުންޏެވެ.

އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ރަށްރަށުގެ ހޮސްޕިޓަލާއި ހެލްތު ސެންޓަރުތަކަށެވެ. އެއީ 1،741،830 ފަހަރެވެ. މާލޭގައި މި އަދަދަކީ 1،441،738 އެވެ.

ޑޮކްޓަރަށް ދެއްކި މީހުންގެ 95 ޕަސެންޓަކީ ދިވެހިންނެވެ. އެއީ 3،039،348 ފަހަރެވެ. ބޭރު މީހުންގެ އަދަދު އުޅެނީ 144،229 އާއެކު ފަސް ޕަސެންޓުގަ އެވެ.

ހިސާބުތަކުގައިވާ ގޮތުން އަހަރެއްގެ މައްޗަށް އަންހެނުން އަށް ފަހަރަށް ވުރެ ގިނައިން އަދި ފިރިހެނުން ފަސް ފަހަރަށް ވުރެ ގިނައިން ޑޮކްޓަރަށް ދެއްކި އެވެ.

ސްޕެޝަލިޓީގެ ތެރެއިން އެންމެ ގިނަ ފަހަރު ދައްކާފައިވަނީ އަންހެނުންނާއި ދަރިމައިވުމާ ގުޅޭ ކަންކަމަށް ހާއްސަ ޑޮކްޓަރުންނަށެވެ. އޭގެ ތެރެއިން 99 ޕަސެންޓަކީ އަންހެނުންނެވެ. އެއް ޕަސެންޓް ފިރިހެނުންނެވެ. މި ޑޮކްޓަރުންނަށް ދެއްކި ފިރިހެނުންނަކީ ދަރިމައިވުމާ ގުޅުން ހުރި ކަންކަމުގައި ދެއްކި މީހުންނެވެ. ދެ ވަނައަށް، އެންމެ ގިނައީ އެތެރެ ހަށީގެ ބަލިތަކަށް ދެއްކި މީހުންނެވެ.

ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރުންނަށް އެންމެ ގިނައިން ދައްކާފައިވަނީ ފިރިހެން ކުދިންނެވެ.

ހެލްތު މިނިސްޓްރީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖެނެރަލް ސާޖަރީއަށް ދެއްކި 51 ޕަސެންޓަކީ ފިރިހެނުންނެވެ. ހިތުގެ ބަލިތަކުގެ ޑޮކްޓަރުންނަށް ވެސް އެންމެ ގިނައިން ދައްކާފައިވަނީ ފިރިހެނުންނެވެ. އެއީ 58 ޕަސެންޓް ފިރިހެނުންނާއި 42 ޕަސެންޓް އަންހެނުންނެވެ.

ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކި މީހުންގެ ތެރޭގައި 59 ޕަސެންޓް އަންހެނުން ހިމެނޭއިރު ފިރިހެނުންގެ ނިސްބަތަކީ 41 ޕަސެންޓެވެ.

ޖުމްލަކޮށް، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކި 54 ޕަސެންޓަކީ އަންހެނުންނެވެ. އަދި އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ވެސް މިދިޔަ އަހަރު އެންމެ ގިނައިން ދައްކާފައިވަނީ އަންހެނުންނެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް ގިނަވާ ކަމުގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކުން ފާޅުކުރިއަސް، ހެލްތު މިނިސްޓްރީން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ސައިކޮލޮޖީ ފަރުވާ ހޯދާފައިވާ މީހުންގެ އަދަދު ގިނައެއް ނޫނެވެ. އެލައިޑް ހެލްތު ކޮންސަލްޓޭޝަންގެ ތެރެއިން މިދިޔަ އަހަރު ފިރިހެނުން އެންމެ މަދުން ހޯދާފައިވާ އެއް ފަރުވާއަކީ ސައިކޯތެރަޕީ އެވެ. އެއީ ހަ ޕަސެންޓެވެ.

އެ ކެޓަގަރީގައި އެންމެ ގިނަ ފިރިހެނުން ފަރުވާ ހޯދާފައިވަނީ ސްޕީޗު ތެރަޕީ އެވެ. އެއީ 40 ޕަސެންޓް މީހުންނެވެ. ދެ ވަނައިގައި ހިމެނޭ ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތް 35 ޕަސެންޓް މީހުން ހޯދާފައިވެ އެވެ. އޮކިއުޕޭޝަނަލް ތެރަޕީ 14 ޕަސެންޓް އަދި ޑައިޓީޝަނަށް ފަސް ޕަސެންޓް މީހުން ދައްކާފައިވެ އެވެ.

އަންހެނުން ވެސް އެންމެ ގިނައިން ހޯދާފައިވަނީ ލޮލުގެ ނަމްބަރު ނެގުމުގެ ހިދުމަތެވެ. އެއީ 45 ޕަސެންޓެވެ. ދެ ވަނައިގައި ހިމެނެނީ 25 ޕަސެންޓާ އެކު ސްޕީޗު ތެރަޕީ އެވެ. ޑައިޓީޝަން އަދި ނަފްސާނީ މައްސަލަތަކަށް ތެރަޕީ ނަގާފައިވަނީ އެއްވަރަކަށެވެ. އެއީ 11 ޕަސެންޓެވެ. އޮކިއުޕޭޝަނަލް ތެރަޕީ 8 ޕަސެންޓް މީހުން ނަގާފައިވެ އެވެ.

ދަތުގެ އެކި މައްސަލަތަކުގައި ވެސް އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ އަންހެނުންނެވެ.

އޭގެ ކުރިން، 2022 ވަނަ އަހަރު ސަރުކާރު ތަންތަނާއި އަމިއްލަ ހޮސްޕިޓަލް/ކްލިނިކްތަކަށް ދުވާލެއްގެ މައްޗަށް 7،672 ފަހަރު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ހަފުތާއަކަށް 53،851 ފަހަރު އަދި މަހެއްގެ މައްޗަށް 233،355 ފަހަރު ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އައިޖީއެމްއެޗް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިޖީއެމްއެޗް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ އަހަރު ވެސް އެންމެ ގިނައިން ފަހަރު ދައްކާފައިވަނީ ރަށްރަށުގައި ހޮސްޕިޓަލާއި ހެލްތު ސެންޓަރަށެވެ. އެއީ 1،525،712 ފަހަރެވެ. މާލޭގައި 1،274،550 ފަހަރު އެވެ.

އެ އަހަރު އަންހެނުން އަހަރެއްގެ މައްޗަށް އަށް ފަހަރު އަދި ފިރިހެނުން އަހަރެއްގެ މައްޗަށް ހަތަރު ފަހަރު ޑޮކްޓަރަށް ދައްކާފައިވެ އެވެ.

މިނިސްޓްރީގެ މައުލޫމާތުތަކުގައިވާ ގޮތުން 2022 ވަނަ އަހަރު ވެސް އެންމެ ގިނަ މީހުން ދައްކާފައިވަނީ އަންހެނުންނާއި ދަރިމައިވުމާ ގުޅޭ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށެވެ. ދެ ވަނައަށް އެތެރެހަށީގެ ބަލިތަކެވެ. ކަށީގެ މައްސަލަތަކަކީ 2022 ވަނަ އަހަރު ތިން ވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ބައްޔެވެ. އެ އަހަރު ވެސް ކުޑަކުދިންގެ ބައްޔާއި ހިތުގެ ބަލީގައި އެންމެ ގިނައިން ދައްކާފައިވަނީ ފިރިހެނުންނެވެ. އެންމެ ގިނަ މީހުން ދެއްކި 10 ސްޕެޝަލިޓީގެ ތެރޭގައި އެ އަހަރު ނަފްސާނީގެ ބައްޔެއް ނުހިމެނެ އެވެ.

ސްޕެޝަލިސްޓުންނަށް އަންހެނުން ދެއްކި ނިސްބަތް 55 ޕަސެންޓުގައި ހުރިއިރު، އެ އަދަދު ފިރިހެނުންގެ އުޅެނީ 45 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރާ ހިލާފަށް، އޭގެ ކުރީ އަހަރު ފިރިހެނުން ވެސް އެންމެ ގިނައިން ހޯދި އެލައިޑް ހެލްތު ކޮންސަލްޓޭޝަނަކީ ސްޕީޗު ތެރަޕީ އެވެ. އެއީ 37 ޕަސެންޓެވެ. ދެ ވަނައަށް ލޮލުގެ ނަމްބަރު ނެގުމެވެ. އޮކިއުޕޭޝަނަލް ތެރަޕީ ހޯދި ފިރިހެނުންގެ އަދަދު 14 ޕަސެންޓުގައި ހުރިއިރު ސައިކޮލޮޖިކަލް ތެރަޕީ ހޯދި ފިރިހެނުންނަކީ 12 ޕަސެންޓެވެ.

އެ އަހަރު އަންހެނުން އެންމެ ގިނައިން ދައްކާފައިވަނީ ލޮލުގެ ނަމްބަރު ނެގުމަށެވެ. އެއީ 44 ޕަސެންޓެވެ. ސްޕީޗު ތެރަޕީ 19 ޕަސެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ 17 ޕަސެންޓް އަންހެނުން ނަގާފައިވެ އެވެ. ޑައިޓީޝަނަށް 14 ޕަސެންޓް އަދި އޮކިއުޕޭޝަނަލް ތެރަޕީއަށް ހަ ޕަސެންޓް އަންހެނުން ދައްކާފައިވެ އެވެ.

ދަތުގެ އެކި މައްސަލަތަކުގައި ގިނައިން ފަރުވާ ހޯދާފައިވަނީ އަންހެނުންނެވެ.