Roadha Mihaaru
ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި

ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި

17 ސެޕްޓެމްބަރ 2024

ހދ. ކުޅުދުއްފުށީގައި އާއްމުންނަށް ހާއްސަކޮށްގެން ލައިބްރަރީއެއް ރޭ ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުށީގައި އާއްމުންނަށް ހާއްސަކޮށްގެން ލައިބްރަރީއެއް ރޭ ހުޅުވައިފި އެވެ.

އެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާދަމް އަބްދުﷲ ވިދާޅުވީ، މައުލޫމާތު ހޯދުމާއި އުނގެނުމަށް ބާރު އެޅުމުގެ ގޮތުން ހުޅުވި ލައިބްރަރީގެ ތެރޭގައި މައިގަނޑު ތިން ބައެއް ހިމެނޭނެ ކަމަށެވެ. އެއީ ފޮތްތައް ބަހައްޓާފައި ހުރި ތަނާއި ދެ ސްޓަޑީ ރޫމް އަދި ވެލްނެސް ރޫމެކެވެ.

ވެލްނެސް ރޫމްއަކީ ރަށުން ބޭރުގައި ތިބޭ ކައުންސެލަރުންނަށް އޮންލައިން ކޮންސަލްޓޭޝަން ހެދުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

ލައިބްރަރީ ގާއިމްކޮށްފައިވަނީ، ލޯކަލް މާރުކޭޓެއް ހަދަން ޕީއެސްއައިޕީގެ ބަޖެޓުން މީގެ ކުރިން އިމާރާތްކޮށްފައި ހުރި ތަނުގަ އެވެ. ފަހުން ކައުންސިލްގެ ވިސްނުން ބަދަލުވެ، ކޮވިޑުގެ ދުވަސްވަރު އެ އިމާރާތް ބޭނުންކުރީ ފްލޫ ކްލިނިކެއްގެ ގޮތުގަ އެވެ.

ކުޅުދުއްފުށީގައި އާއްމު ލައިބްރަރީ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީގައި އާއްމު ލައިބްރަރީ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

އާދަމް ވިދާޅުވީ ޕަބްލިކް ލައިބްރަރީ އަކީ ލާމަރުކަޒީ ގާނޫނުން ވެސް ކައުންސިލަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންވެ، އަލުން އިމާރާތެއް ހެދުމުގެ ބަދަލުގައި، މިހާރު ހަދާފައި ހުރި އިމާރާތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބޮޑު ބަދަލެއް ގެނެސް، ލައިބްރަރީއެއް ހަދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގެ ތެރޭގައި މިއުޒިއަމެއް އަދި އޮސްޓްރޭލިއާ ހައި ކޮމިޝަނާ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން މެންޓަލް ހެލްތު ސެންޓަރެއް ވެސް ހުޅުވާނެ އެވެ.

ހޮސްޕިޓަލް ކައިރީގައި ހުންނަ ޕަބްލިކް ލައިބްރަރީ ހުޅުވާފައި ހުންނާނީ ހަފުތާގެ ފަސް ދުވަހު، ހެނދުނު 9-3 އަށް އަދި ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. ހޮނިހިރަކީ، އެ ރަށަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ދުވަހަކަށް ވާތީ، އެ ދުވަހުގެ ދުވާލު ވެސް ލައިބްރަރީ ހުޅުވާފައި ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ވަގުތު އެ ލައިބްރަރީގައި ތަފާތު އެކި ވައްތަރުގެ 2،000 ފޮތް އެބަހުއްޓެވެ. އިތުރު ފޮތްތައް ވަރަށް އަވަހަށް ލިބޭނެ އެވެ.

ކުޅުދުއްފުށީގައި ހުޅުވި އާއްމު ލައިބްރަރީގައި ހަދާފައިވާ ސްޓަޑީ ރޫމް.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީގައި ހުޅުވި އާއްމު ލައިބްރަރީގައި ހަދާފައިވާ ސްޓަޑީ ރޫމް.-- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ ހުޅުވި ލައިބްރަރީއާ އެކު ރަށުގެ ތަރައްގީ އާއި ތަހުޒީބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް ލިޔެވިގެންދާނެ ކަމަށެވެ.

އެ ހުޅުވީ ހަމައެކަނި ފޮތްތަކެއް ލާފައި ހުރި އިމާރާތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރޭ ހުޅުވިގެން މި ދިޔައީ މައުލޫމާތާއި އިލްމުގެ ބޮޑު ހަޒާނާއެއް. މިރޭ ހުޅުވިގެން މި ދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް މީހުން ބިނާކުރާނޭ އެދުރުގެއެއް. މިރޭ މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް..." އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވެ އެވެ.

ކުޅުދުއްފުށީ ރަޖިސްޓްރީގައި 10،000 މީހުން އެބަތިއްބެވެ. އެކަމަކު، ބިދޭސީންނާއި ކިޔަވަން ބަދަލުވި މީހުންނާ އެކު ރަށުގައި 13،000-15،000 މީހުން ދިރިއުޅެ އެވެ.