13 ސެޕްޓެމްބަރ 2024
ސ. ފޭދޫގައި ބުރުޖަހަމުން ގޮސް ހަނާވެ "ވިކްޓަރީ" އަށް ވަންއިރު މުޅި ގޭތެރެއިން އިވެމުން ދިޔައީ ކާމިޔާބީގެ އަޑެވެ. އެ އިވެނީ އުމުރުން 52 އަހަރުގެ ކުޅަދާނަ މެޝިނިސްޓް އަލީމުއްދީނު އުފައްދާފައިވާ މެޝިންތައް އޭނާގެ ގޭގެ ބަދިގެ ތެރޭގައި އެނބުރޭ އަޑެވެ. "އަލީމްޓެކް" ޖަހައި ބްރޭންޑްކޮށް ފެހިކުލައިން ފަރިކޮށްފައިވީ އެ މެޝިނުތަކުގައި ދިރިއުޅުމުގެ އުފާވެރިކަން "ހަނާކުރަމުން" ގެންދިޔަ ދެބައި އުމުރުގެ އަންހެން މީހާ އަކީ އަލީގެ އަންހެނުން އައިޝަތު ދީދީ އެވެ.
ސ. ފޭދޫގައި ބުރުޖަހަމުން ގޮސް ހަނާވެ "ވިކްޓަރީ" އަށް ވަންއިރު މުޅި ގޭތެރެއިން އިވެމުން ދިޔައީ ކާމިޔާބީގެ އަޑެވެ. އެ އިވެނީ އުމުރުން 52 އަހަރުގެ ކުޅަދާނަ މެޝިނިސްޓް އަލީމުއްދީނު އުފައްދާފައިވާ މެޝިންތައް އޭނާގެ ގޭގެ ބަދިގެ ތެރޭގައި އެނބުރޭ އަޑެވެ. "އަލީމްޓެކް" ޖަހައި ބްރޭންޑްކޮށް ފެހިކުލައިން ފަރިކޮށްފައިވީ އެ މެޝިނުތަކުގައި ދިރިއުޅުމުގެ އުފާވެރިކަން "ހަނާކުރަމުން" ގެންދިޔަ ދެބައި އުމުރުގެ އަންހެން މީހާ އަކީ އަލީގެ އަންހެނުން އައިޝަތު ދީދީ އެވެ.
އޭނާ އަށް އަހަރެމެންގެ އަޑު އިވުމާ އެކު، މެޝިންތައް ނިއްވާލާފައި އައިސް، ބަދިގެ ތެރޭގައި ހަނާކުރަމުން ގެންދިޔަ ހަވާދުގެ ހޫނާއި މީރު ވަސްގަނޑުން އެ އަށް ވުރެ ހޫނު މަރުހަބާއެއް ކިޔައި "އަލީމްޓެކު" ގެ ފަހުރުވެރި ޓުއާއެއް ފަށައިގަތެވެ.
"މިއީ ހަވާދު މުގުރާ މެޝިނެކެވެ. މިއީ ހަވާދު ހަނާކުރާ މެޝިނެކެވެ. ދެން މިހިރީ ހުނިގާނާ މެޝިނެކެވެ. މިއީ ފިޔާކޮށާ މެޝިނެކެވެ. މި އޮތީ ފޯއްކޮށާ މެޝިނެކެވެ. ވަޅޯމަސްކޮށާ މެޝިނު ބަލަން މިކޮޅަށް އަންނާށެވެ،" ފަހުރުވެރި ރާގެއްގައި ހިފައި ދަމަމުން އައިޝަތުދީދީ ގެންދިޔައީ ބަދިގޭގެ ހަތަރު ފަރާތަށް އަހަރެމެން ދަމަމުންނެވެ.
އެ އަށް ފަހު ބުނެފި އެވެ؛ އަލީމުއްދީނު ވީ އޭނާގެ ވޯކްޝޮޕްގަ އެވެ.
އަލީމުއްދީނުގެ އަންހެނުން ހަވާދު ހަނާކުރަނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު
އަލީމުއްދީނު އޭނާގެ ވޯކްޝޮޕްގައި އާ މެޝިނެއްގެ ބައިތައް ތައްޔާރުކުރުގައި. -- މިހާރު ފޮޓޯ: އަލީ ނާސިރު
އަހަރެމެން ގޮސް އަލީމްޓެކު ވޯކްޝޮޕަށް ވަންއިރު އަލީމުއްދީނު އުޅެނީ އަނެއްކާވެސް އައު މެޝިންތަކެއް އުފައްދައި ފަރިކުރުމުގައި އަވަދިނެތި އެވެ.
"މި ފަހަރު މި ހަދަނީ ބަނބުކޭލާއި ތަރުކާރީގެ ކޮންމެ ކަހަލަ ބާވަތެއް ވެސް ކޮށައި ކުދި އަރުވާލާ ވަރުގެ މެޝިނެއް،" ކުރު ހިނިގަނޑަކާ އެކު އަލީމުއްދީނު ބުނެލި އެވެ.
ނަމަވެސް މައިލިން މެޝިނާއި ގްރައިންޑަރާއި ލޭތު މެޝިނާއި ޑްރިލިން މެޝިންތައް އަމިއްލަ އަށް ފަރުމާކޮށް، ބަސްބުނާ ހިނދުން އެސެމްބްލްކޮށް އަމިއްލަ ބްރޭންޑެއްގެ ނަމުގައި ބާޒާރަށް އޭނާ ނެރެމުން ދަނީ އެއްގޮތަކަށް ވެސް ރަސްމީ ތަމްރީނުތަކެއް ހަދައިގެނެއް ނޫނެވެ. ފޭދޫގެ އިންޖީނު ގޭގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރާ އަލާމުއްދީނު މި މަސައްކަތަށް ފައްކާކުރީ އޭނާގެ ހިތުގައި މެޝިނަށް ތޮރުފި އާދަޔާހިލާފު ލޯތްބެވެ.
އެކަމަކު އުމުރުން 18 އަހަރުގައި ގޮސް ރަށުގެ އިންޖީނު ގޭގައި އޭނާ އަދާކުރަން ފެށި ވަޒީފާގެ ވާހަކައިން އަލާމުއްދީނުގެ މި ވާހަކަ އައު ފެށުމަކުން ފަށަމާ ހިނގާށެވެ. އަމިއްލަ އަށް ދަސްކޮށް ފައްކާކުރި ހަރުގަނޑަކުން ހަޔާތުގެ ދަތުރުގައި އޭނާ ކިތަންމެ މައްޗަށް އަރާފައިވިޔަސް ފުރާވަރުގައި ފެށި ވަޒީފާގައި ދުވަސްވަމުން ދިޔަ ވަރަކަށް އޭނާ ވެއްޓުނީ އަބަދުވެސް ތިރިއަށެވެ.
އޭނާ ފެށީ އެސިސްޓަންޓް އިލެކްޓްރީޝަނެއްގެ ގޮތުގަ އެވެ. އަށް އަހަރު ފަހުން ޓެކްނީޝަނަކަށް ބަދަލުވެއްޖެ އެވެ. އޭގެ ދެ އަހަރު ފަހުން ލޭބަރަކަށް ދަށްވެއްޖެ އެވެ. އަދި އޭގެ ތިން އަހަރު ފަހުން ބަދަލުވީ މިހާރު ވެސް އޭނާ އަދާކުރަމުން ގެންދާ ސެކިއުރިޓީ ގާޑުގެ ވަޒީފާ އަށެވެ.
އަލީމުއްދީނު އޭނާގެ ވޯކްޝޮޕްގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު
ހަމަ އެއްވެސް ކަހަލަ އުނދަގުލެއް ނުވޭ އަޅުގަނޑަކަށް. އަޅުގަނޑު މިހާރު ވެސް މި ހުރިހާ ކަމެއް ކުރަނީ، ދިރިއުޅުމުގައި މި ހުރިހާ ކަމެއްކޮށްގެން މި ހިސާބަށް އައީ އެކަނި މަނައި. އެކަނި މާ އެކަނި: އަލާމުއްދީނު
އަލީމުއްދީނަކީ އޭނާގެ ވާތު ފައިގެ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއަކާ ހެދި، ހިނގައިބިނގާވުމުގައި ދާއިމީ ނުކުޅެދުންތެރިކަމެއް ކޮންމެ ދުވަހަކުވެސް ތަހަންމަލްކުރަން ޖެހިފައިވާ މީހެކެވެ. ވާތު ފައި ނަގާއިރު އޮރިވެ، އަރިވަމުން ދާން ޖެހޭ ވަރުގެ އަނިޔާއެއް އޭނާގެ ކަކުލުހުޅަށް ލިބުނީ އުމުރުން އެއް އަހަރުގައި އޭނާގެ ދޮންއަމާ ދިން އަނިޔާއަކާ ގުޅިގެން ކަމަށް، "މުންނާ" އާ ހަވާލާދީ އަލީމުއްދީނު ބުންޏެވެ.
އެ އަނިޔާގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ތަޖުރިބާކުރަން ޖެހިފައިވިޔަސް އަލީމުއްދީނަކީ ހަގީގަތުގައި ވެސް މެޝިނެކެވެ. އޭނާ "ނުކުޅެދޭ މީހެއް" ގެ ގޮތުގައި ސިފަކުރާ އެންމެނަށް ވުރެން މާ ތޫނު އަދި މާ ހަލުވި މެޝިނެކެވެ.
"މިއީ ވަރަށް ކުޑައިރުން ފަށައިގެން ވެސް އަޅުގަނޑު ދިރިއުޅެމުން އައި ގޮތް. މިކަން ނުކުޅެދުންތެރިކަމެއްގެ ގޮތުގައި މީހުން ސިފަކުރިޔަސް އަޅުގަނޑަކަށް ހަމަ އެއްވެސް ގޮތަކަށް އެ ނުކުޅެދުންތެރިކަމެއް އިހުސާސެއް ނުވޭ ދިރިއުޅުމުގައި،" ކުރަމުން ގެންދިޔަ މަސައްކަތް މެދުކަނޑާލާފައި އައިސް ގޮނޑިއެއްގައި ޖައްސާލުމާ އެކު އަލީމުއްދީނު ބުނެލި އެވެ.
"ހަމަ އެއްވެސް ކަހަލަ އުނދަގުލެއް ނުވޭ އަޅުގަނޑަކަށް. އަޅުގަނޑު މިހާރު ވެސް މި ހުރިހާ ކަމެއް ކުރަނީ، ދިރިއުޅުމުގައި މި ހުރިހާ ކަމެއްކޮށްގެން މި ހިސާބަށް އައީ އެކަނި މަނައި. އެކަނި މާ އެކަނި. އެއްވެސް މީހަކު އަޅުގަނޑު ގާތުގައި މަސައްކަތްކޮށްދޭން، އެހީތެރިވާން ހުރެގެނެއް ނޫން. އެކަމަކު އަޅުގަނޑަށް ހީވަނީ ސެކިއުރިޓީ ގާޑަކަށް ހަދާފައި އަޅުގަނޑު ބަހައްޓާފައި މި ހުންނަނީ ނުކުޅެދޭ މީހަކަށް ވީމަ ހެން."
މިހެން ބުނެފައި އޭނާ ދެން ކިޔައިދިނީ ރަނގަޅަށް، ހަރުކޮށް، ހެލިފެލިވެ އުޅޭ މުޖުތަމައުގައި އޭނާ ބާކީކޮށްފައިވާ މިންވަރެވެ.
"ކިތަންމެ ބުރަކޮށް ވެސް އަޅުގަނޑަށް މަސައްކަތް ކުރެވިދާނެ. އެކަމަކު އަޅުގަނޑު މަސައްކަތެއް ކުރީމަ ދެން ތިބޭ މީހުންނަކަށް އަޅުގަނޑުގެ މަސައްކަތް ކަމަކު ނުދޭ. މިސާލަކަށް އާދައިގެ ކަމަކަށް ކިޔާ ނަމަ، އިސްކުރެއް ބާރުކޮށް ދޫކުރަން ވިޔަސް އަޅުގަނޑު އެކަން ކުރާ ނަމަ ކަމަކު ނުދާނެ،" އަލީމުއްދީނު ބުންޏެވެ.
"އަޅުގަނޑަށް ހުރިހާ ކަމެއް ކުރަން އެނގޭއިރު ވެސް، އެތަނުގައި މިހާ ދުވަސްވީއިރު އެތަނުގެ ސެކިއުރިޓީއެއްގެ ދަރަޖައިގައި ބަހައްޓާފައި މި ހުންނަނީ އަޅުގަނޑުގެ މަސައްކަތް އެ މީހުންނަށް ކަމުނުދާތީތާ. ވެދާނެ ނުކުޅެދޭ މީހަކަށް ވީމަ ކަމަށް ވެސް."
އަލީމުއްދީނު އޭނާގެ ވޯކްޝޮޕްގައި، އޭނާ އެންމެ ކުރިން އުފެއްދި ފޯއްކޮށާ މެޝިނުތަކުގެ ތެރެއިން މެޝިނެއް ދައްކާލަނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު
މިހެން ބުނެފައި އޭނާ ހީގަތެވެ. އަދި ދެން އޭނާ ކިޔައި ދިނީ އޭގައި ވަރަށް މަޖާ ރަހަތަކެއް ހިމެނޭ ވާހަކަ އެކެވެ. އެއީ މި ހުރިހާ މެޝިންތަކެއްގެ ހުނަރު އޭނާ ދަސްކުރި ތަޖުރިބާ އެވެ. އަދި އޭނާގެ މި ވާހަކައިގެ ސުޕަސްޓާރަކީ އޭނާގެ ބަފާކަލޭގެ އެވެ.
އަލީމުއްދީނުގެ ބަފާކަލޭގެ، އިބްރާހިމް ދީދީ އަކީ އޭނާ ކިޔައިދިން ގޮތުން ނަމަ މި ދަތުރުގައި ބައްދަލުވި އެންމެ ވަރުގަދަ އެދުރެވެ. އަލީމްޓެކްގެ ހިޔަލުން މިއަދު މި ފެންނަ ހުރިހާ މެޝިންތަކެއްގެ އަސްލު ގުޅިފައި އޮތީ ބަފާކަލޭގެ އަމުރުމައުރޫފާ އެވެ.
"ބަފާކަލޭގެ އަކީ ވިރުވައި އެޅުމުގެ މަސައްކަތުގައި އޭރު ރަށުގައި ހުރި އެންމެ ކުޅަދާނަ އެކަކު. އަދި އަބަދަވެސް އަޅުގަނޑާ ދިމާލަށް ބުނީ ކަލޭ އަމިއްލަ އަށް ދަސްކުރާށޭ. އެހެންވީމަ ބަލައިގެން ހުރެ ހުރިހާ ކަމެއް އަމިއްލަ އަށް ދަސްކުރަމުން އަޅުގަނޑު ދިޔައީ،" ހެމުންހެމުން އަލީމުއްދީނު ފަށައިގަތެވެ.
"އެންމެ ފުރަތަމަ އަމިއްލައަށް ކުރަން ފެށި ކަމަކީ ތެލި ތާސް އެޅުމުގެ މަސައްކަތް. ދެން ބަފައިބޭ ބުނެފި ކަލޭ މިކަން އަމިއްލަ އަށް ކުރާ ނަމަ އަމިއްލަ އަށް އެލްމެނިއަމް އާއި ދަރު ހޯދައިގެން އަމިއްލަ އަށް މަސައްކަތް ކުރާށޭ. އެކަމަކު އޭރަކު އެކަނި އެވަރުގެ ކަމެއް ކުރެވޭ ކަހަލަ ތަނަވަސްކަމެއް، ފުރުސަތެއް ވެސް ނެތް އަޅުގަނޑަކަށް ފަހިވެފައި. އެހެންވީމަ އެ ހިސާބުން އެ މަސައްކަތް ހުއްޓާލީ އަޅުގަނޑު"
"ދެން ބުނެފި ކަލޭ އެހެންވީމަ ބުޅިޖަހަންވީ ނޫންހެއްޔޭ،" އަލީމުއްދީނު އެހެން ދިމާލަކުން ފަށައިގަތެވެ.
"ދެން އަޅުގަނޑު ބުނެފިން ބުޅިޖަހަނީ ކިހިނެއް ހެއްޔޭ؟ ދެން ބުނެފި ބަލަން ހުންނާށޭ. ދެން އަޅުގަނޑު ގޮވައިގެން ގޮސް، ކައިރީގައި ބަހައްޓައިގެން ބުޅިޖަހަން ފެށީ. ބަފައިބޭ އަކީ ބުޅިޖެހުމުގެ މަސައްކަތުގައި ވެސް އެފަދަ ދެ ވަނައެއް ނެތް ވަރުގެ ކުޅަދާނަ ހުނަރުވެރިއެއް."
ބައެއް މީހުން މާޔޫސްވެދާނެ އެގޮތަށް ދިމާކޮށް މަލާމާތްކޮށް ޖެއްސުންކުރީމަ. އެކަމަކު އަޅުގަނޑު ދުވަހަކުވެސް މާޔޫސްވެ ހިތްވަރު ދޫކޮށެއް ނުލަމޭ. މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އަޅުގަނޑަށް ޔަގީންކަން އޮވޭ އަޅުގަނޑަށް ކޮންމެ ކަމެއް ވެސް ވާނެ ކަމުގެ: އަލީމުއްދީނު
އިބްރާހިމް ދީދީގެ ތަޖުރިބާއިން ދަސްކުރަން އުޅެފައި ބުޅިޖަހާތަން ބަލަން އަލީމުއްދީނު ދެން ފުރައިގެން ދިޔައީ ހުވަދޫ އަތޮޅަށެވެ.
"އެ އަށް ފަހު އެނބުރި ރަށަށް ގޮސް ދެން އަޅުގަނޑު ހެދީ ބުޅިޖަހާ މެޝިނެއް. އެ ބުޅިޖަހާ މެޝިން އުފައްދައިގެން ދުވާލަކަށް، 700 އެއްހާ ބުޅި ތައްޔާރުކުރަން ފަށައިފިން އަޅުގަނޑު،" އަލީމުއްދީން ބުނެލި އެވެ.
އެ ހިސާބުން އަނެއްކާވެސް "ބަފައިބޭއާ ހާޑު" ވެއްޖެ އެވެ.
"ދެން އެ ހިސާބުން އެ މަސައްކަތް ވެސް ހުއްޓާލައިފިން. ދެން ބުނެފި ކަލޭ ދާނި ހަދަންވީ ނޫން ހެއްޔޭ. އަދި ދާނި ހަދާނީ މިހެންނޭ ކިޔާފައި ބަފައިބޭ ވަރަށް ރީއްޗަށް ދާންޏެއް ތައްޔާރުކޮށް އަޅުގަނޑަށް ދައްކާލައިފި."
ރަށުގައި އޭރު އުޅުނު އެންމެ ކުޅަދާނަ "ދާނި މާސްޓަރަކީ" ވެސް އަލީމުއްދީނުގެ މި ބަފައިކަލޭގެ އެވެ. ދާނީގެ އެ ހިޔާލު ބޮލު ތެރޭގައި ފޮރުވައިގެން އަލީމުއްދީނު މިފަހަރު ފުރީ މާލެ އަށެވެ.
"އެނބުރި ރަށަށް ދިޔަ ގޮތަށް ދެން އަޅުގަނޑު ހެދީ ދާނި ކަފާ މެޝިނެއް،" އަލީމުއްދީނު ބުނެލި އެވެ.
"ދެން އަޅުގަނޑު މި މެޝިނުން ޓިނު ކަފައިގެން ދާނި ހަދަމުން ދަނިކޮށް މިކަން ވެސް ބަފައިބޭ އަށް މައްސަލައަކަށް ވެއްޖެ. ދެން އެ ހިސާބުން އަނެއްކާވެސް ހުއްޓާލައިފިން އެ މަސައްކަތް ވެސް."
"ދެން އެހެން އުޅެނިކޮށް ބަފައިބޭ އައިސް އެއް ދުވަހަކު ބުނެފި ކަލޭ އެހެންވީމަ ދިޔަދޮވި ތައްޔާރުކުރަންވީ ނޫން ހެއްޔޭ. ބުނީމަ އެ ހިސާބުން އަޅުގަނޑުގެ ރުޅިގަދަ ވެއްޖެ،" މިހެން ބުނެފައި އަލީމުއްދީނު އަނެއްކާވެސް ބާރަކަށް ހީގަތެވެ.
އަލީމުއްދީނު އޭނާގެ ވޯކްޝޮޕްގައި. -- މިހާރު ފޮޓޯ: އަލީ ނާސިރު
އެންމެ ފަހުން އަލީމުއްދީނާއި އޭނާގެ ބަފައިކަލޭގެ އެއްގަލަކަށް އެރީ ފޯއްކޮށާ މެޝިނެއް ހެދުމަށް ބައިއަތު ހިފައިގެންނެވެ. އެ މެޝިނަށް އާންމުންގެ މެދުގައި ލިބުނު ތަރުހީބާ އެކު އަލީމުއްދީނުގެ މެޝިންތައް ހުއްޓުމެއް ނެތި ހިނގަން ފަށައިފި އެވެ.
އެންމެ ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައިވާ ފޯއްކޮށާ މެޝިނެއް އަލީމުއްދީނު މިހާރު ވިއްކަނީ 12،000ރ. އަށެވެ. ހަވާދު ހަނާކުރުމަށް ހާއްސަ މެޝިން ޕެކޭޖުގެ އަގަކީ 90،000ރ. އެވެ. އޭނާ އުފައްދާ އެތައް ވައްތަރެއްގެ މެޝިންތަކުގެ ތެރެއިން އެންމެ ޑިމާންޑްބޮޑީ މި ދެ މެޝިނަށެވެ.
އޭނާގެ މި ދަތުރުގެ ފެށުމުގައި އަމާޒުވި މަލާމާތާއި ކުރިމަތިވި ހުރިހާ ގޮންޖެހުމެއް އޭނާ އެ ވަނީ މެޝިނުގައި އަނބުރައި، މުގުރައި ކާމިޔާބީގެ ގޮތުގައި ހަނާކޮށް މީރުކޮށްފަ އެވެ. އެ އަށް ފަހު އަލީމުއްދީނު ބުނަނީ މިހެންނެވެ.
"އަޅުގަނޑު ހިތަށް އަރަނީ މީހުންނަކީ ހާދަ ހެއްވާ ބައެކޭ. އަޅުގަނޑު މި މެޝިންތައް ހަދަން އުޅުނުއިރު ވެސް ހާދަ މަލާމާތެއް މީހުން ކުރިއޭ. ނުވާނެއޭ ބުނެ ޖެއްސުމޭ ކުރީ. އެކަމަކު އަޅުގަނޑުގެ އެންމެ ބޮޑު ހިތްވަރަކީ މީހުން ކުރި އެ މަލާމާތް،" އޭނާ ބުންޏެވެ.
އަދިވެސް އޭނާގެ ކާމިޔާބީ އިތުރަށް މީރުކޮށްލި އެވެ.
"ބައެއް މީހުން މާޔޫސް ވެދާނެ އެގޮތަށް ދިމާކޮށް މަލާމާތްކޮށް ޖެއްސުންކުރީމަ. އެކަމަކު އަޅުގަނޑު ދުވަހަކު ވެސް މާޔޫސްވެ ހިތްވަރު ދޫކޮށެއް ނުލަމޭ. މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އަޅުގަނޑަށް ޔަގީންކަން އޮވޭ އަޅުގަނޑަށް ކޮންމެ ކަމެއް ވެސް ވާނެ ކަމުގެ،" އަލީމުއްދީން ބުންޏެވެ.
ކާމިޔާބީގެ މި ވާހަކަ ނިންމާލާފައި އަލީމުއްދީނު ހިނގައިގަތެވެ. އޭނާގެ ކާމިޔާބީގެ އަޑުން ގުގުމަމުން ދިޔަ 'ވިކްޓަރީ' ގެ ފިނި ހިޔަލަށެވެ.
ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ
އެންމެންގެ ލޯ، މިހާރު ޒޯލޯ އަށް
ކުރަން ނުކެރުނު ސުވާލު:މަޖީދު ކިތައް ވަރި ކައިވެނިތޯ؟
ކުރު ވާހަކަ: އަނބިންގެ ފިރިންނަށް ޝައްކު
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
މި ލޮކުސްމިތަކީ ތިޖޫރީގައި ނެތް ޚަޒާނާ
މަޓޭ ޕެޓްރޯލް ބަހާ ވާހަކަ އަކީ ކޮމެޑީއެއް ނޫން
ޔޫއްޕެގެ ސިއްރަކީ ކޮބައިތަ؟
ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟
ހަމަ އެއްވެސް ފޫހިކަމެއް ނެތި ރޫޅާލަ ރޫޅާލާ