Roadha Mihaaru
މި ލޮކުސްމިތަކީ ތިޖޫރީގައި ނެތް ޚަޒާނާ

މި ލޮކުސްމިތަކީ ތިޖޫރީގައި ނެތް ޚަޒާނާ

29 އޯގަސްޓް 2024

ހުސްނޫވާދީ ގަރާޖުން ލިޔަން ފެށި ވާހަކައިގެ ނިމުން މި ފެށުނީ އެވެ. އެކަމަކު އަހުމަދު ނާޒިމްގެ އިންޓަވިއު ނަގައި ނިމުނުތަނުން ދެން ބައްދަލުވި މި ގަރާޖުގެ ވެރިޔާ ކިޔައިދޭން ފެށި ވާހަކަތަކާ އެކު މި ވާހަކައެއް ލިޔެ ހުސްނުވާނެކަން އެނގި ކަށަވަރުވެއްޖެ އެވެ. ކުޅަދާނަ މި ލޮކްސްމިތުގެ ހަޔާތުން ވާހަކަ އަކަށް ފަހު ވާހަކައެއް ހުޅުވަމުން ގޮސް ހުސްނޫވާދީ ގަރާޖުގައި ފޮރުވިފައިވީ ޝައުގުވެރިކުރުވަނިވި އެތައް ހާސް ވާހަކައަކަށް އެ ހިސާބުން ތަޅު ހުޅުވިއްޖެ އެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

ހުސްނޫވާދީ ގަރާޖުން ލިޔަން ފެށި ވާހަކައިގެ ނިމުން މި ފެށުނީ އެވެ. އެކަމަކު އަހުމަދު ނާޒިމްގެ އިންޓަވިއު ނަގައި ނިމުނުތަނުން ދެން ބައްދަލުވި މި ގަރާޖުގެ ވެރިޔާ ކިޔައިދޭން ފެށި ވާހަކަތަކާ އެކު މި ވާހަކައެއް ލިޔެ ހުސްނުވާނެކަން އެނގި ކަށަވަރުވެއްޖެ އެވެ. ކުޅަދާނަ މި ލޮކްސްމިތުގެ ހަޔާތުން ވާހަކަ އަކަށް ފަހު ވާހަކައެއް ހުޅުވަމުން ގޮސް ހުސްނޫވާދީ ގަރާޖުގައި ފޮރުވިފައިވީ ޝައުގުވެރިކުރުވަނިވި އެތައް ހާސް ވާހަކައަކަށް އެ ހިސާބުން ތަޅު ހުޅުވިއްޖެ އެވެ.

މި ފަހަރު ވެސް މި ވަގުތުގެ ސެލެބްރިޓީ އަކީ ކޮށިން ނުކުންނަން ނޭނގިފައި އިން އެފްރިކަން ގްރޭއެއް ނޫނެވެ. އެކަމަކު އެފަދަ އެތައް ކޮށްޓެއް، އެތައް ތަޅެއް، އެތައް ތިޖޫރީއެއް ހުޅުވައި، އިރައި، ކުދިކޮށްލި ތަޖުރިބާކާރު އިސްމާއިލް މުހައްމަދެވެ. އުމުރުން 56 އަހަރުގެ އިސްމާއިލް އަކީ މާލޭގައި މި ވަގުތު ހުރި ހަމައެކަނި ފުލްޓައިމް ލޮކްސްމިތެވެ. މުޅި މާލޭގައި ވެސް ހުރި މިފަދަ އެންމެ ބޮޑު ތަޖުރިބާކާރެވެ.

މި ގައުމުގެ 'ރައުސްމާލުގައި' ތަޅުލެވުނަސް ގޮސް ހުޅުވައިދޭން ހުރި މީހަކީ މި އިސްމާއީލް މުހައްމަދެވެ. ނުވަތަ އެންމެން އޭނާ ދަންނަ ނަމުން ނަމަ 'ފަތްލިޔާގޭ އިއްސޭ' އެވެ.

"ފަތްލިޔާގޭ އިއްސެއޭ ބުނީމަ އެންމެނަށް ވެސް އެނގޭނެ އެއީ ކާކުކަން. ތަޅެއް ލެވިގެން ނުހުޅުވިއްޖެ ނަމަ އެންމެ ފުރަތަމަ ކޮންމެ މީހަކު ވެސް ބުނާނީ ފަތްލިޔާގެ އިއްސެ ހޯދަން ދާށޭ،" އިސްމާއިލް ޖަހާލީ ފުރިފައިވީ ކުރުކުރު ހިނިގަނޑެކެވެ.

އެކަމަކު އޭނާގެ އަތުގައި ހުރި ވާހަކަތައް ވަރަށް ވެސް ދިގެ އެވެ.

އިސްމާއިލް އޭނާގެ ދިރިއުޅުމުގެ ވާހަކަތަކުން ތަޅު ހުޅުވައިދޭން ތައްޔާރުވެގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އޭނާގެ ދިރިއުޅުމުގެ ވާހަކަތަކުން ތަޅު ހުޅުވައިދޭން ތައްޔާރުވެގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދުވަހަކު ނުކުރާ ކަމެއް ކުރަން މީހަކު ބުންޏަސް އެކަމެއް ނުވާނެއެކޭ އަޅުގަނޑެއް ނުބުނާނަން. އެކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނީ. -- އިސްމާއިލް

އިސްމާއިލްގެ ބައްޕަ، ފަތްލިޔާގޭ މުހައްމައިދީ އަކީ އޭނާގެ ޒަމާނުގައި ވިރުވައި އެޅުމުގެ މަސައްކަތް ގޭގެ ބިއްދޮށް ފަޅީގައި ކުރަމުން ގެންދިޔަ މީހެކެވެ. ތަޅުދަނޑިތައް ގެއްލިގެން ދާ މީހުންނަށް، ދަގަނޑު ކަނޑައިގެން، ވިރުވައިގެން ގާނައިގެން ތަޅުދަނޑި ހަދައި ދިނުމަކީ ބައްޕަގެ ޒަމާނުގައި ވެސް އިސްމާއިލަށް ފެންނަމުން ދިޔަ ތަފާތު މަސައްކަތެކެވެ.

ބައްޕަ ނިދަން ޖައްސާލި ދަނޑިވަޅު ބައްޕަ އަށް ވަގަށް ގޮސް ވިރުވައި އަޅަން އުޅެނިކޮށް އިސްމާއިލަށް ދެން ފެނުނު އެންމެ ޝައުގުވެރި މަސައްކަތަކީ އޭނާގެ މަޝްހޫރު ބޮޑުބޭބެ، ފަތްލިޔާގޭ އަފީފް ކުރަމުން ގެންދިޔަ އަދި މާ ތަފާތު ކަމެކެވެ. އެއީ ތަޅު ހުޅުވުމުގެ އުކުޅުތައް އަލަށް ވެސް އިސްމާއިލަށް ފެނުނު ގޮތެވެ. އޭރު އޭނާގެ އުމުރުން ގާތްގަނޑަކަށް އަށް އަހަރެވެ.

އެކަމަކު އުމުރުން 12 އަހަރުގައި އެންމެ ފަހުން އިސްމާއިލް ވިރުވައި އަޅަން ފަށައިފި އެވެ. ތަޅުދަނޑި ހަދައިދޭން ފަށައިފި އެވެ. ތަޅުތައް ހުޅުވައި ރޫޅަން ފަށައިފި އެވެ. އިސާހިތަކު މި އާދަޔާ ހިލާފު ހުނަރުވެރިކަމާ އެކު އޭނާ މުޅި މާލެ އަށް މަޝްހޫރުވެއްޖެ އެވެ.

"ބޭބެ ކައިރިން ފުރަތަމަ ދަސްކުރީ. ދެން އަމިއްލަ އަށް ތަޅުތައް ރޫޅައި ފަރިތަކުރަން ފެށީ. އޭރު ހުންނާނީ އަތްގަނޑުލީ ގޮބު ތަޅާއި މުސްކުޅި ފޮށިފޮށީގައި ހުންނަ ތަޅުތައް. ދެން މި ގަރާޖެއް ހުޅުވައިގެން ސައިކަލުތައް ވެސް އަންނަ ފަށައިފި ތަޅުދަނޑި އާއި ތަޅުތައް ހުޅުވަން. ތަޅުދަނޑި ގެއްލިގެން ކާރުތައް ވެސް އަންނަން ފަށައިފި،" މީގެ 44 އަހަރު ކުރިން އިސްމާއިލްގެ މި މަސައްކަތް ފެށުނު ގޮތަކީ މި އެވެ.

އެ އަށް ފަހު މީސް މީހުން އެ މީހުންގެ ތިޖޫރީތައް ވެސް ހިފައިގެން އަންނަ ފަށައިފި އެވެ. ނަމަވެސް މި ޒާތްޒާތުގެ ތަޅުތައް ހުޅުވުން އޭނާ އަށް ވެފައި އޮތީ ހަމަ ފެންމެޓަޔަކަށެވެ. އެހެންކަމުން އޭނާ ގެންދިޔައީ އަބަދުވެސް ގޮންޖެހުމަކަށް ބަލަމުންނެވެ. އެ ގޮންޖެހުން އޭނާއާ ބައްދަލުކުރީ ވިއްސާރަ ތޫފާނެއްގެ ސިފައިގަ އެވެ. އަދި އެ ރެއަށް ފަހު އޭނާގެ މި ދިރިއުޅުން ޖެހިލީ މުޅިން އެހެން ލެވެލް އަކަށެވެ.

އިސްމާއިލް އަކީ އަބަދުވެސް ގޮންޖެހުމަކަށް ފަހު ގޮންޖެހުމަކަށް ޝައުގުވެރި މީހެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އަކީ އަބަދުވެސް ގޮންޖެހުމަކަށް ފަހު ގޮންޖެހުމަކަށް ޝައުގުވެރި މީހެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެއީ ވަރަށް ވިއްސާރަ ރެއެއް. އަޅުގަނޑު ވަރަށް ބިޒީކޮށް އުޅެނިކޮށް ބޭންކް އޮފް މޯލްޑިވްސް އިން ގުޅައިފި. ގުޅާފައި ބުނެފި މި އުޅެނީ އޭޓީއެމް މެޝިނެއް ތަޅުލެވުނު ގޮތަށް ނުހުޅުވިގެންނޭ،" އެ ގޮންޖެހުން މީގެ ކުރިން ތަޖުރިބާކޮށްފައި ނުވާ ވަރުގެ ތޫފާނެއްގެ ސިފައިގައި އައިސް ބައްދަލުކުރިޔަސް އިސްމާއިލް ހަމަ އެއްވެސް ތުރުތުރެއް ނޭޅި އެވެ.

ވަރަށް ޝައުގުވެރި ވެފައި، އެއީ ކީއްވެގެންތޯއޭ އަހައިލި އެވެ.

"ދުވަހަކު އަދި ނުކުރާ ކަމަކަށް ވިޔަސް އަޅުގަނޑުގެ ޝައުގުވެރިކަން ވަރަށް ހުންނާނެ އަދި އެކަހަލަ ކަންކަމަށް. އެހެންވީމާ އަދި ދުވަހަކު ނުކުރާ ކަމެއް ކުރަން މީހަކު ބުންޏަސް އެކަމެއް ނުވާނެއެކޭ އަޅުގަނޑެއް ނުބުނާނަން. އެކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނީ. އެކަން ކުރަން ވަގުތު ހޭދަވާނެ. އެކަމަކު ނުވާނެއެކޭ ނުބުނާނަން،" އިސްމާއިލް ބުންޏެވެ.

ބޯ ވެހޭ ވިއްސާރަ އަށް ބެލުމެއް ނެތި މަސައްކަތް ދޫކޮށްލާފައި އިސްމާއިލް ނުކުމެގެން ތެޅެމުން ފޮޅެމުން ގޮސް އޭޓީއެމަށް ވަދެއްޖެ އެވެ. އެކަމަކު މެންދަމުން ގޮސް އޮބާލިއިރު ވެސް ކުރިއަށް ކަނޑާ ގޮތެއް ނުވި އެވެ.

"އެ ރޭ ގާތްގަނޑަކަށް އަށެއް ޖަހާ ކަށްހާއިރު ފެށީ. ޖެއްސި ގޮތަށް އެކި ގޮތްގޮތަށް މަސައްކަތްކުރަމުން ގޮސް އެ މެޝިނު ހުޅުވުނީ އަނެއް ދުވަހުގެ ހެނދުނު އަށެއް ޖަހަން އުޅެނިކޮށް،" އިސްމާއިލް ބުނެލި އެވެ.

ނަމަވެސް މިހާރު އެ ވަރުގެ އޭޓީއެމެއް ދެ ތިން ގަޑިއިރު ތެރޭގައި އިރައި ކުދިކޮށްލުމަކީ އިސްމާއިލަކަށް ހަމަ އެއްވެސް ކަމެއް ނޫނެވެ.

"އޭޓީއެމް ވެސް އޭގެ ދޮރު ހުޅުވާލައިގެން ތަޅު ރޫޅައިގެން ބަލާލީމަ ދެން އެނގޭނެ އޭގެ ތަޅެއް ހުޅުވަންވެއްޖެ ނަމަ ހަދަން ޖެހޭ ގޮތް. އެހެންވީމަ އޭގެ ފަހުން ނުވޭ މާ ބޮޑު ކަމަކަށް،" އޭނާ އަނެއްކާވެސް ބުނެލި އެވެ.

އިސްމާއިލް އޭނާގެ ގަރާޖުގައި ތަޅުދަނޑިއެއް ތައްޔާރުކޮށްލަނީ: ތަޅުދަނޑި ހެދުމާއި ތަޅު ހުޅުވުމާއި މި ގަރާޖުގައި ސައިކަލް މަރާމާތުކުރުމަކީ އޭނާގެ ރަސްމީ ވަޒީފާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އޭނާގެ ގަރާޖުގައި ތަޅުދަނޑިއެއް ތައްޔާރުކޮށްލަނީ: ތަޅުދަނޑި ހެދުމާއި ތަޅު ހުޅުވުމާއި މި ގަރާޖުގައި ސައިކަލް މަރާމާތުކުރުމަކީ އޭނާގެ ރަސްމީ ވަޒީފާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މާލޭގައި މަދުވާނެ އަޅުގަނޑު ގޮސް ތިޖޫރީ ހުޅުވައި ދިނުމުގެ ހިދުމަތް ނުދޭ އިދާރާއެއް. އެކަމަކު ސަރުކާރު އޮފީސްތަކުން ގުޅިޔަސް މިހާރު އަޅުގަނޑު ވަރަށް މަސައްކަތް ނުކޮށްދެން. މައްސަލަ އަކީ އެމީހުންނަށް އަޅުގަނޑުގެ ހިދުމަތް ދިނީމަ އޭގެ ބައެއް ބިލުތަކަށް އަދިވެސް އަގެއް ނުލިބޭތީ -- އިސްމާއިލް

ނަމަވެސް އޭނާގެ 'ލޮކްސްމިތިން' ގެ އުކުޅާއި ހުނަރުވެރިކަމުގެ އަޑު ރަށު ތެރޭގައި ފެތުރެމުން ދިޔަ ވަރަކަށް އޭނާގެ މި ހުނަރުވެރިކަމަށް އޮތް ޑިމާންޑް ދިޔައީ ބޮޑުވަމުންނެވެ. ޑިމާންޑް ބޮޑުވަމުން ދިޔަ ވަރަކަށް ތަފާތު އެކި ގޮންޖެހުންތަކުގެ ސިފައިގައިވީ ތަޅުތަކާ ވެސް އެންމެ ފަހުން ބައްދަލުވާން ފަށައިފި އެވެ.

އެ ހިސާބުން އަނެއްކާވެސް އެހެން ލެވެލަކަށް ޖެހިލައިފި އެވެ. ބޭންކުތަކުގެ އޭޓީއެމްތަކަށް ފަހު، ބޭންކުތަކުގައި ބޭނުންކުރާ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ތިޖޫރީތަކާ ހަމަ އަށް ވެސް އިސްމާއިލް ގޮވައިގެން ދާން ފަށައިފި އެވެ. ހާސްނުވާށެވެ. އޭނާ އަށް ދައުވަތު ދީގެން، އެއްބަސްވުންތަކުގައި ސޮއިކޮށްގެން މި ގެންދަނީ ސީދާ ބޭންކުތަކާއި ރަސްމީ ފަރާތްތަކުންނެވެ.

"އަޅުގަނޑަށް އެންމެ އުނދަގުލީ ބޭންކުތަކުގައި ހުންނަ ތިޖޫރީތައް ތަޅުލެވިގެން ހުޅުވަން ޖެހުނީމާ. އެއީ ވަރަށް އުނދަގޫ ކަމެއް. އެ ތަންތަނުގައި އާންމުކޮށް ހުންނާނީ އިލެކްޓްރޯނިކް ތަޅުތައް،" އިސްމާއިލް ބުނެލި އެވެ.

"އޭގެ ތަޅެއްގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ތަޅެއް ހުޅުވަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ."

އިސްމާއިލް މިހެން ބުނުމުން އެއީ ކިހާ ވަގުތެއްތޯ ސުވާލުކޮށްލީމެވެ.

"މަދުވެގެން ވެސް ތިން ގަޑިއިރުގެ މަސައްކަތް ކުރަން ޖެހޭނެ އޭގެ ތަޅެއް ހުޅުވަން."

ހައިރާންވެ އަންތަރީސްވެފައި އިން އަޅުގަނޑުގެ ތަލިން ކުޅު ހިކިއްޖެ އެވެ. އަދި އަހާލައިފީމެވެ. އެހެންވީއިރު ބުނެބަލާށެވެ. އާދައިގެ ތިޖޫރީއެއް ހުޅުވާލަން ނަގާނީ ކިހާ ވަގުތެއް ހެއްޔެވެ؟

"ތިޖޫރީތައް ހުޅުވަން އެންމެ ގިނައިރު ހޭދަވާނީ. އާދައިގެ ތިޖޫރީއެއް އެންމެ ގިނަވެގެން ވެސް ބައިގަޑިއިރު ތެރޭގައި ހުޅުވާލެވޭނެ. ފަނަރަ މިނެޓް ނުވަތަ ފަސް މިނެޓް ތެރޭގައި ވެސް ހުޅުވާލެވިދާނެ،" އިސްމާއިލް ބުންޏެވެ.

"އެކަމަކު އިލެކްޓްރޯނިކް ތަޅު ހުންނަ ތިޖޫރީތައް ހުޅުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު އަޅުގަނޑަށް ވާ ގޮތަކީ އެ މަސައްކަތެއް އުނދަގޫވީ ވަރަކަށް އެކަމެއް ކުރާ ހިތްވާނީ އަޅުގަނޑު. އެކަހަލަ މީހެއް އަޅުގަނޑަކީ."

ގަރާޖުގައި ހުރި ތިޖޫރީއަކާ އެކު އިސްމާއިލް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގަރާޖުގައި ހުރި ތިޖޫރީއަކާ އެކު އިސްމާއިލް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަޅުގަނޑަކަށް ނުހުޅުވޭ ތަޅަކާ އަދި ދިމައެއް ނުވޭ. ފަނަރަ މިނެޓް ނުވަތަ ފަސް މިނެޓް ތެރޭގައި ވެސް މިހާރު ތިޖޫރީއެއް ހުޅުވާލެވިދާނެ. -- އިސްމާއިލް

އިސްމާއިލްގެ މި ޝައުގުވެރިކަމާއި ހުނަރުވެރިކަން އެންމެ ގިނައިން ގޮސް ބައްދަލުކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ އޮފީސްތަކުގެ ތިޖޫރީތަކާ އެވެ. އަދި އެންމެ ގިނައިން ތިޖޫރީތައް ހުޅުވަން ސަރުކާރު އޮފީސްތަކުން ގުޅަނީ ވެރިކަން ބަދަލުވާ ދަނޑިވަޅުތަކުގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް ސަރުކާރު ތިޖޫރީތައް ހުޅުވައިދޭން އޭނާ މިހާރު ދަނީ ވަރުގަދަ އެއްބަސްވުމެއް ވެސް ހަދައިގެންނެވެ.

"މާލޭގައި މަދުވާނެ އަޅުގަނޑު ގޮސް ތިޖޫރީ ހުޅުވައި ދިނުމުގެ ހިދުމަތް ނުދޭ އިދާރާއެއް. އެކަމަކު ސަރުކާރު އޮފީސްތަކުން ގުޅިޔަސް މިހާރު އަޅުގަނޑު ވަރަށް މަސައްކަތް ނުކޮށްދެން. މައްސަލަ އަކީ އެ މީހުންނަށް އަޅުގަނޑުގެ ހިދުމަތް ދިނީމަ އޭގެ ބައެއް ބިލުތަކަށް އަދިވެސް އަގެއް ނުލިބޭތީ،" އިސްމާއިލް ބުނެލި އެވެ.

"ސަރުކާރު ބަދަލުވެ، އައު ވެރިން އޮފީސްތަކާ ހަވާލުވާއިރު ވަރަށް ގިނަ ތިޖޫރީތައް ހުންނާނެ ތަޅުލެވިގެން ނުހުޅުވިފައި. މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ދެ ތިޖޫރީއެއް ހުޅުވަން ގުޅި. އެ މީހުންނަށް ފޮނުވި 5،000ރ. ގެ ބިލަށް އަދިވެސް ލާރި ނުލިބޭ."

ނަމަވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް ތިޖޫރީތައް ތަޅުލެވިއްޖެ ނަމަ މިއަދު ވެސް އެންމެން ފުލުފުލުގައި ގުޅަން ފަށާ މީހަކީ އިސްމާއިލް އެވެ. އަލިފާނުގެ ހާދިސާއެއްގައި ވިޔަފާރިއެއް އަނދައި ހުލިވިޔަސް އެތަނުން ހޮވާ ތިޖޫރީތައް ވެސް ހުޅުވައިދޭ މީހަކީ އިސްމާއިލް އެވެ. ވަގުންނަށް ނުވެގެން އެއްލައިލާ ތިޖޫރީގެ ހާލު ބަލަން ވެސް ގެންދަނީ އިސްމާއިލް އެވެ. ސަރުކާރުގެ އޮފީސްތަކުގައި ނުހުޅުވިގެން އުކާލަން ނުކެރިފައި ހުންނަ ތިޖޫރީތައް ވެސް ގޮސް ހުޅުވައިދޭ މީހަކީ އިސްމާއިލް އެވެ. ނޮވެމްބަރު ތިނެއްގައި ޑިފެންސް މިނިސްޓްރީ އަށް ގޮސް އެ ތަނުގެ ތިޖޫރީތައް ވެސް ހުޅުވައިދިނީ އިސްމާއިލް އެވެ.

އެސްޓީއޯގެ މިހާރު މި ފެންނަ އާ އިމާރާތުގެ ކުރެހުންތައް ތިޖޫރީއެއްގައި ފޮރުވިފައި ވަނިކޮށް ހޯދައިދިން މީހަކީ ވެސް އިސްމާއިލް އެވެ.

އިސްމާއިލް އޭނާގެ ގަރާޖުގައި ފޮޓޯއަކަށް ހުއްޓިލައިގެން.  -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އޭނާގެ ގަރާޖުގައި ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އަދި އޭނާގެ ގަރާޖުގައި މަސައްކަތްކުރާ އަހުމަދު ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް އަދި އޭނާގެ ގަރާޖުގައި މަސައްކަތްކުރާ އަހުމަދު ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެސްޓީއޯގައި ވެސް ހުރިހާ ތިޖޫރީއެއް ހުޅުވާނީ އަޅުގަނޑު މައްސަލައެއް ޖެހިއްޖެ ނަމަ. އެހެން އުޅެނިކޮށް ބަޔަކު އެ ތަނުގެ ނީލަމުން ނަގައިގެން ގެނައި ތިޖޫރީއެއް ހުޅުވަން ގެނެސްފި އަޅުގަނޑާ ހަމަ އަށް އެއް ދުވަހަކު،" އެ ހާދިސާ އޭނާ ކިޔައިދިނެވެ.

"ގެނައިއިރު އޭގެ ތެރޭގައި މި އޮތީ އެސްޓީއޯގެ މިހާރުގެ އާ އިމާރާތުގެ ކުރެހުން. ދެން އޮތީ ދޯންޏެއްގެ ރަޖިސްޓްރީ."

އިސްމާއިލްގެ ހަޔާތުން ތިޖޫރީއަކަށް ފަހު ތިޖޫރީއެއް މިގޮތަށް ހުޅުވަމުން ދިޔަ ވަރަކަށް މިކަހަލަ ޝައުގުވެރި ވާހަކަތަކާއެކު މި ލިޔުން ފުނިޖެހޭނީ އެވެ. ނުހުޅުވުނު ތިޖޫރީއެއް އޭނާގެ ލިސްޓުގައި ނެތެވެ. އެކަމަކު މިހާ ދިގުކޮށް އާޓިކަލް ލިޔަން އަޅުގަނޑުގެ އެޑިޓަރުން ހުއްދަ ނުދޭތީ މި ޖެހެނީ ކުރުކޮށްލާށެވެ.

އަނެއްކޮޅުން އިސްމާއިލްގެ ފޯނަށް ވެސް މީހުން ގުޅަނީ އެވެ. މެސެޖުތައް އަންނަނީ އެވެ. މާދަމާ އެކަނި ވެސް ހުޅުވަން ޖެހޭ ތިޖޫރީތަކުގެ އަދަދު މިހާރު ވެސް އަށެކަށް އެރީ އެވެ.

އޭނާގެ މި ޝައުގުވެރިކުރުވަނިވި ދުނިޔޭގައި ތަޅުލެވިގެން އޮންނަން އަޅުގަނޑު ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ހުސްނޫވާދީގޭ ގަރާޖުން ފެށުނު ވާހަކަ މި ނިމުނީ އެވެ. އަޅެ އިސްމާއިލްގެ ވަރެއް ހުރިއްޔާމު މި ތަޅު ނިކަން ހުޅުވަ ބަލާށެވެ.