Roadha Mihaaru
އދ.ގެ އެޓޮމިކް އޭޖެންސީގައި ރާއްޖޭން ބައިވެރިވަނީ

ކެންސަރު ހޮސްޕިޓަލަށް މަގުފަހިކުރަން އދ.ގެ އެޓޮމިކް އޭޖެންސީގައި ރާއްޖޭން ބައިވެރިވަނީ

01 ސެޕްޓެމްބަރ 2024

ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އާލާތްތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އާލާތްތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކެބިނެޓުގެ ބައެއް ނިންމުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ އެޓޮމިކް އޭޖެންސީގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ އޭޖެންސީގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކެންސަރު ހޮސްޕިޓަލަށް މަގުފަހި ކުރުން ކަމަށެވެ.

"އެކަމަށްޓަކައި މިހާރު މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އޭޖެންސީގެ އެހީތެރިކަން އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، 178 މެމްބަރު ގައުމު ހިމެނޭ އެޓޮމިކް އޭޖެންސީގައި މިހާތަނަށް ބައިވެރިވެފައިނުވަނީ ރާއްޖޭގެ އިތުރުން ބޫޓާން އެވެ.

ކެންސަރު ހޮސްޕިޓަލަށް މަގުފަހިކުރުމުގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި އެޓޮމިކް އެނާޖީއާ ދިމާއަށް ގިނަ ގައުމުތަކުން މިސްރާބު ހިފާފައިވާ އިރު، އެކަމުން ރާއްޖެއަށް ވެސް ފައިދާ ހޯދެން އޮތް މަގުތައް، އެ ޖަމިއްޔާގައި ބައިވެރިވެގެން ހޯދޭނެ އެވެ.

"ދުނިޔެއަށް އަންނަ ބަދަލަށް ބަލާއިރުގައި އެޓޮމިކް އެނާޖީއާ ދިމާލަށް ދުނިޔެ ދިޔުމުގެ ފުރުސަތު އެބައޮތް. މިހާރު ރިނުއަބުލް އެނާޖީ އަދި ހައިޑްރޯކާބަން ދުނިޔޭގައި ބޭނުންކުރުން މަދުކުރުން މިކަންކަމާ ކުރިމަތިވެގެންދާނެ، އެހެންވީމަ ރާއްޖެ ވެސް މީގައި ބައިވެރިވެގެން މީގެއިން ލިބެން ހުރި ބެނެފިޓްތައް ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެބިނެޓުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުން އެ ޖަމިއްޔާގައި ރާއްޖޭން ބައިވެރިވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނެކެވެ. ހޮސްޕިޓަލް އަޅަން ފުރަތަމަ ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގަ އެވެ.

ނަމަވެސް، ޑޮކްޓަރުންގެ ކަންބޮޑުވުންތަކާ ހެދި މި ސަރުކާރުން ވަނީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމައިފަ އެވެ.

އެއާ އެކު، ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އިއުލާނުކޮށްފަ އެވެ.