Roadha Mihaaru
ބަންގްލަދޭޝްގައި ޑޮކްޓަރުން މުޒާހަރާކުރަނީ

ސެކިއުރިޓީ މައްސަލާގައި ބަންގްލަދޭޝްގައި ޑޮކްޓަރުން މުޒާހަރާކުރަނީ

01 ސެޕްޓެމްބަރ 2024

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ޑޮކްޓަރުންނަށް ހަމަލާދޭ މައްސަލަ ބޮޑުވެ، އެ ކޮލެޖުގެ ބޭރުގައި ކިޔަވާ ދަރިވަރުންނާއި ޕްރޮފެސަރުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ޑޮކްޓަރުންނަށް ހަމަލާދޭ މައްސަލަ ބޮޑުވެ، އެ ކޮލެޖުގެ ބޭރުގައި ކިޔަވާ ދަރިވަރުންނާއި ޕްރޮފެސަރުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ މެޑިކަލް ކޮލެޖުގައި އިއްޔެ ހަވީރު ވަނީ ޑިއުޓީގައި އެ ވަގުތު ތިބި ދެ ދިވެހި އަންހެން ޑޮކްޓަރުންނަށް ހަމަލާދީފަ އެވެ. ހާޓް އެޓޭކެއް ޖެހުނު މީހެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖަހައިގެން މަރާލީ ކަމަށް ބުނެ، އެ ހަމަލާދިން އިރު ދިވެހި ޑޮކްޓަރުންގެ ޝިޕްޓު ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް އެ މީހާއަށް ނުދޭ ކަމަށް ވެ އެވެ.

ދިވެހި ދެ ޑޮކްޓަރުންނަށް އެކަން ދިމާވިއިރު މީގެ ކުރިން އެ އެތަނުގައި އެތައް ފަހަރަކު ބަންގްލަދޭޝްގެ ޑޮކްޓަރުންނަށް ވެސް ހަމަލާދީފައި އެބަ ހުއްޓެވެ.

އެ ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރަކު "މިހާރު" އަށް ބުނި ގޮތުގައި ސެކިއުރިޓީގެ މައްސަލަ ބޮޑުވެ، ހޮސްޕިޓަލުގެ ބޭރުގައި ޑޮކްޓަރުންނާއި ޕްރޮފެސަރުން ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ދިވެހި ދަރިވަރުންނަށް ދިމާވި ހާދިސާއާ އެކު، ހޮސްޕިޓަލުގެ ޑިރެކްޓަރު ވެސް ވަނީ އެ ތަނުގެ ސެކިއުރިޓީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ދިވެހި ޑޮކްޓަރުންނަށް ހަމަލާދިނީ ވޯޑުގައި ބާއްވާފައި އޮތް މީހާ މަރުވުމުން، އޭނާގެ މަރުގެ ސެޓްފިކެޓް ތައްޔާރު ކުރުމަށް އައިޑީ ކާޑު ނަގަން އާއިލާގެ ގާތަށް ދިޔަ ވަގުތު އެވެ. އެ ތަނުން އެއް ޑޮކްޓަރެއްގެ އަތަށް ހަމަލާދީ އަނެއް ޑޮކްޓަރުގެ އަތަށް ދަމައި އަނިޔާކުރި އެވެ.

މަރުވި މީހާގެ އާއިލާގެ މެމްބަރުން ދިން އެ ހަމަލާތަކުން ދިވެހި ޑޮކްޓަރުން ސަލާމަތްކުރީ އެ ހޮސްޕިޓަލުގެ ޑިއުޓީގައި އެ ވަގުތު ތިބި ސީނިއާ ބައެކެވެ. އެ މީހުން ސަލާމަތްކޮށް، ސްޓޯ ރޫމަށް ގެންގޮސް، ގާތްގަނޑަކަށް ދެ ގަޑިއިރު އެ ތަނުގައި ބޭތިއްބި އެވެ. އެއީ ހޮސްޕިޓަލްގެ ހާލަތު ރަނގަޅު ވަންދެންނެވެ.

ޗިޓަގޮން މެޑިކަލް ކޮލެޖުގެ ސެކިއުރިޓީ ބަލަހައްޓާ މީހުން މި ވަގުތު ތިބީ ހަޅުތާލެއްގަ އެވެ. އެހެންވެ މި ދުވަސްވަރު އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކު ނެތެވެ.

އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުގެ މެނޭޖްމަންޓުން މިހާރު އަންނަނީ ދަރިވަރުންނާ މަޝްވަރާކުރަމުންނެވެ.