Roadha Mihaaru
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް

ރައީސް، ހެލްތު ޗެކަޕްއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންފި

27 އޯގަސްޓް 2024

މި ފަހުން ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕްއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ފަހުން ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕްއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީގެ ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލަތާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ މީގެ ދެތިން ރޭ ކުރިން އައިޖީއެމްއެޗަށް ވަޑައިގަތީ، އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ ވާހަކަ އެންމެ ފުރަތަމަ ފަތުރާފައި އޮތީ ރައީސް މުއިއްޒު އާރަށުގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގެން ބޮލަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާ ނިންމުނުތަނާ މައިގްރޭންގެ ބޮޑު ތަދެއް އަރައިގެން ރައީސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށް ވެސް އަޑުތައް ފެތުރި އެވެ.

"އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ... ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމުގެ ވެސް ބޭނުމުގަ އެވެ. އަދި މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށެވެ.

އެއީ ދެ ދުވަހަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.