Roadha Mihaaru
އެވިޑް ގަވައިދާ ހިލާފުވުމުން އެޅި ފިޔަވަޅު އުވާލައިފި

އެވިޑް ކޮލެޖު ގަވައިދާ ހިލާފުވުމުން އެޅި ފިޔަވަޅު އުވާލައިފި

26 އޯގަސްޓް 2024

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފުވުމުން އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެޅި ފިޔަވަޅު އުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފުވުމުން އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެޅި ފިޔަވަޅު އުވާލައިފި އެވެ.

މިދިޔަ މަހުގެ 28 ގައި އެވިޑް ކޮލެޖަށް އެމްކިއުއޭ އިން ފިޔަވަޅު އެޅީ އެ ކޮލެޖުން ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކަކާ ބެހޭ ގޮތުން އެ އޮތޯރިޓީ އަށް ގިނަ އަދަދެއްގެ ޝަކުވާ ލިބުމުން ކަމަށް ބުންޏެވެ.

މިއަދު އެމްކިޔުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް މުރާޖާކުރުމަށް އެ އޮތޯރިޓީއާ އެކު ކޮލެޖުން މި މަހުގެ 18ގައި ބައްދަލުކުރި ކަމަށެވެ.

އެ ބައްދަލުުވުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އެމްކިއުއޭގެ ޓީމުން އެވިޑް ކޮލެޖަށް ޒިޔާރަތްކޮށް ކުރިން ފިޔަވަޅު އެޅި ކަންކަން ބެލި ކަމަށާއި އެ ކަންކަން އެވިޑުން ރަނގަޅު ކޮށްފައިވާ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ. އެހެންވެ އެވިޑް ކޮލެޖަށް އަޅާފައިވާ ވަގުތީ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.

އެވިޑަށް އޭރު ފިޔަވަޅު އެޅީ ލެކްޗަރާއިންނަށް މުސާރަ ނުދިނުމާއި ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާތީ އެވެ.

އޭރު އެމްކިޔުއޭއިން ބުނީ އެވިޑް ކޮލެޖްގެ ހަތް ޕްރޮގްރާމެއްގެ "ރެންޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކްރެޑިޓޭޝަން ގަވައިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާ ކަމަށެވެ.

ކޮލެޖަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުމާއި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫ ނުކުރުން ހިމެނެ އެވެ.

އެވިޑަށް ފިޔަވަޅު އެޅިއިރު އެމްކިއުއެގެ ހުއްދަ ނުހޯދައި އީ ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެ ކޮލެޖުން ޕްރޮގްރާމް ހިންގާފައިވާތީ ކްލިކް ކޮލެޖަށް ވެސް ފިޔަވަޅު އެޅި އެވެ. އެމްކިޔުއޭ އަދި ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބޭތީ އެ ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލިކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.