Roadha Mihaaru
ދިރާގު ރޯޑް ރޭސް އޮކްޓޯބަރު 25 ގައި ބާއްވަނީ

އާ ކެޓެގަރީއަކާ އެކު ދިރާގު ރޯޑް ރޭސް އޮކްޓޯބަރު 25 ގައި

21 އޯގަސްޓް 2024

ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައި މިއަދު އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައި މިއަދު އިއުލާނުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ދުވުން ރަސްމީކޮށް އިއުލާނުކުރައްވައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަހަރުގެ މި ދުވުން ފާއިތު އަހަރުތަކަށް ވުރެ ވަރުގަދަ އަދި ފުރިހަމަ ވާނެ ކަމަށެވެ. އަދި މި އަހަރުގެ ދުވުން ތަފާތުކުރުމުގެ ގޮތުން އާ ކެޓަގަރީއެއް ވެސް ވަނީ ހިމަނައިފަ އެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިއަހަރު ރިސޯޓު/އޮފީސްތަކަށް ހާއްސަ ކެޓަގަރީއެއް ހިމެނޭނެ. މީގައި ހަތަރު މީހުން ހިމެނޭ ޓީމުތަކަށް ބައިވެރިވެވޭނީ. އޮފީސްތަކުން ހަތަރު ދުވުންތެރިން ހިމެނޭ ކިތަންމެ ގިނަ ޓީމެއް ވެސް ބައިވެރިކުރެވި ދާނެ. އެންމެ މޮޅު ދުވުންތެރިންނަށް ބަލައި ކޮންމެ އޮފީކަށް ވެސް ޕޮއިންޓު ދޭނީ." މިރުޝާން ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ މިއީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓުކޮށް، ރާއްޖޭގައި ދުވުންތެރިން އުފެއްދުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ދުވުމެއް ކަމަށެެވެ.

"ރާއްޖޭގައި މި ދުވުން ފެށި ފަހުން ދުވުންތެރިން ވަނީ އިތުރުވެފައި. މި ދުވުމަކީ މިކަމުގައި އިސް ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ." އޭނާ ވިދާޅުވި އެވެ.

މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރާ އެކު ކުރިއަށް ގެންދާ ދުވުމެކެވެ. މި ދުވުމުގައި މި އަހަރު ވެސް 12 ޖަމިއްޔާއަކުން ބައިވެރިވެ އެވެ. އަދި މި ތަނުން އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަނަކުން 100ރ. އާއި ސްޕެޝަލް ބިބްތަކުގެ ފައިސާ ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދުވުމުގައި މިދިޔަ އަހަރު ތައާރަފްކުރި ހާފް މެރަތަން ދުވުން ވެސް އޮންނާނެ އެވެ. މި ދުވުމުގެ ކޮންމެ ކެޓަގަރީއަކުން އަންހެން އެންމެ މޮޅު ތިން ދުވުންތެރިންނާއި ފިރިހެން އެންމެ މޮޅު ދުވުންތެރިން ހޮވާނެ އެވެ. މި ދުވުމުގެ ހާފް މެރަތަންގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 15،000ރ. ހުށަހަޅަފައި ވާއިރު 3 ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ.

މި ދުވުމުގެ 10ކޭ އަދި 5ކޭ އޯޕަން ކެޓަގަރީގެ އެއް ވަނަ އަށް ހުށަ ހަޅާފައިވަނީ 10،000ރ. އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 6000ރ. އެވެ. މި ދުވުމުގެ ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅަފައި ވަނީ 5،000ރ. އެވެ. މި ކެޓަގަރީތަކުގެ ދެ ވަނަ އަށް 3000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 1،000ރ. އެވެ. އަދި އަލަށް ހުޅުވި ރިސޯޓު/އޮފީސް ޓީމުތަކުގެ ޗެމްޕިއަން ޓީމަކަށް 10،000ރ. ހުށަހަޅާފައި ވާއިރު ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. އަދި ސެކަންޑް ރަނާއަޕްއަކަށް ހޮވުނީ 6،000ރ. އެވެ.

މި ދުވުމުގެ ރެޖިސްޓްރޭޝަން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. ދިރާގުން މި ދުވުން ބާއްވަން ފެށީ 2007 ވަނަ އަހަރު އެވެ.