Roadha Mihaaru
އެންމެ ދުވަސްވީ މީހާ 117 އަހަރުގައި މަރުވެއްޖެ

އެންމެ ދުވަސްވީ މީހާ 117 އަހަރުގައި މަރުވެއްޖެ

21 އޯގަސްޓް 2024

ބޮޑު ދެ ހަނގުރާމައިގެ ދުވަސްވަރު ވެސް ދެކެފައިވާ، އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށްވާ ސްޕެއިންގެ މާރިއާ ބްރޭންޔަސް މޮރޭރާ އުމުރުން 117 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ބޮޑު ދެ ހަނގުރާމައިގެ ދުވަސްވަރު ވެސް ދެކެފައިވާ، އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށްވާ ސްޕެއިންގެ މާރިއާ ބްރޭންޔަސް މޮރޭރާ އުމުރުން 117 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ބްރޭންޔަސް އަށް، އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ ކުރިން މި ރެކޯޑް އޮތް ފްރާންސްގެ ނަން ލޫސިލް ރަންޑަން އުމުރުން 118 އަހަރުގައި މަރުވުމުންނެވެ. ގިނިސް ވޯލްޑް ރެކޯޑްސް އިން، ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ދަރަޖަ ބްރޭންޔަސް އަށް ދިނީ 2023 ވަނަ އަހަރު އެވެ.

"މާރިއާ ބްރޭންޔަސް އަހަރެމެންނާ ވަކިވެއްޖެ. އޭނާ މަރުވީ ނިދީގައި، ހަމަހިމޭންކަމާ އެކު، ވޭނަކާ ނުލައި، އެއީ އޭނާ ބޭނުންވި ވެސް ގޮތް،" ސޯޝަލް ނެޓްވޯކް އެކްސްގައި އޭނާގެ އެކައުންޓްގައި އާއިލާއިން ލިޔެފައިވެ އެވެ.

ކެޓަލޯނިއާގެ އިރުއުތުރު ސަރަހައްދުގެ އޮލޮޓް އަވަށުގެ، ސެންޓާ މާރިއާ ޑެލް ޓޫރާ ނާސިން ހޯމްގައި ފާއިތުވި ދެ އަހަރު ދިރިއުޅުނު ބްރޭންޔަސްގެ އެކްސް އެކައުންޓުން މިދިޔަ ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި އޭނާއަށް "ބަލި" ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

"ވަގުތު ކައިރިވެއްޖެ. ނުރޯތި. ކަރުނައަށް އަހަރެން ލޯތްބެއް ނުކުރަން. އަދި އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އެދެނީ އަހަންނަށްޓަކައި ހިތާމަ ނުކުރުމަށް! ކޮންމެ ތަނަކަށް ދިޔަޔަސް އަހަރެން ހުންނާނީ އުފަލުން،" އާއިލާއިން ހިންގާ އެކައުންޓުގައި އޭނާ ބުންޏެވެ.

ބްރޭންޔަސް ވަނީ 1918 ވަނަ އަހަރުގެ ބޮޑު ރޯގާ އާއި ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމަ އާއި ސްޕެއިންގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ވެސް ތަޖުރިބާކޮށްފަ އެވެ. ބްރޭންޔަސްގެ 113 އަހަރު ފުރުނުތާ ހަފުތާއެއްހާ ދުވަސް ފަހުން 2020 ވަނަ އަހަރު ކޮވިޑް-19 ވެސް ޖެހުނެވެ.

ބްރޭންޔަސް މަރުވުމާ އެކު މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާއަކީ 1908 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އުފަންވި ޖަޕާނުގެ ޓޮމިކޯ އިޓޫކާ އެވެ. އޭނާގެ އުމުރަކީ 116 އަހަރު ކަމަށް އެމެރިކާގެ ޖެރޮންޓޮލޮޖީ ރިސާޗް ގްރޫޕުން ބުނެ އެވެ.