Roadha Mihaaru
ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުން 6،500 އަށް

ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 6،500 އަށް

17 އޯގަސްޓް 2024

ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު 6،500 އަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު 6،500 އަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ 10 ޕަސެންޓު އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓުގެ 67 ޕަސެންޓެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މި މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ އަދަދު، 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 78،000 ހުރަސްކޮށްފަ އެވެ.

ޓޫރިސްޓުން އައި މިންވަރާ އެކު، ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ވެސް ވަނީ މި މަހު އިތުރުވެފަ އެވެ. މިވަގުތު އެވްރެޖުކޮށް ޓޫރިސްޓުން 7.8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު އެވްރެޖުކޮށް ރާއްޖެއަށް 7،400 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ މަހު ޖުމްލަ 217،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މިހާރު މި އަންނަ ރޭޓުގައި ޓޫރިސްޓުން އަންނަ ނަމަ މި މަސް ވާނީ ދުވާލެއްގެ މައްޗަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަހަށެވެ. ޖެނުއަރީ އާއި މާޗް މަހު އެވްރެޖުކޮށް ދުވާލަކު އައީ 6،200 ޓޫރިސްޓުންނެވެ.

މިވަގުތު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިޔާއިން އަންނަ އިރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިނގިރޭސިވިލާތުންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މިވަގުތު އޮތީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ތިން ވަނަ އަށް އެރުވުމެވެ. އެކަމަށްޓަކައި އިންޑިއާގައި ހާއްސަ ކެމްޕެއިންތަކެއް އަންނަނީ ހިންގަމުންނެވެ.