Roadha Mihaaru
ގޯތިތައް ދޫކޮށްފައިވަނީ އިންސާފަކުން ނޫން: ތޯރިގު

މާލެ ސަރަހައްދުން ގޯތިތައް ދޫކޮށްފައި ވަނީ އިންސާފަކުން ނޫން: ތޯރިގު

12 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ ދައުލަތަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް އަދި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމެއް ވެސް ނެތި ކަމަށް މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ ދައުލަތަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް އަދި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމެއް ވެސް ނެތި ކަމަށް މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ގޯތިތައް ދޫކޮށްފައިވަނީ ކަނޑުން ކަމަށާއި މިއަދު އެ ގޯތިތައް ނުދެވިގެން ލަސްވެގެން އެކަމާ ކަންބޮޑުވެގެން އެ ޕާޓީގެ މެމްބަރުން އުޅެން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ހޯދަން މާލެ ސަރަހައްދުން އެތައް ގޯއްޗެއް ދޫކުރި ނަމަވެސް އެ ސަރުކާރަށް ލިބުނު މަދު ވޯޓުން އެނގުނީ ގޯތިތައް ދޫކުރީ އިންސާފުން ކަން މާލޭގެ ރައްޔިތުން ވެސް ގަބޫލު ނުކުރާ ކަން ކަމަށް ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނިކަމެތިވެ، ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންގެ ބަޔަކަށް ދޫކުރި ގޯތިތަކުގައި މިހާރު ހުރީ ޖިފުޑިގަނޑެއްހެން ކެފޭތައް ހަދައިފަ އެވެ. ހުޅުމާލޭގެ މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، އަގު ބޮޑު އެތައް ބިމެއް އެގޮތަށް ހިލޭ ދޫކޮށްލުމުން އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ކޮބާތޯ އިންސާފު؟ އެއް ބަޔަކު ބިން ގަންނަންވީ 14 މިލިއަން ރުފިޔާ އަށް. ޖެހިގެން އޮންނަ ބިން އެ މަގު އަނެއް ފަޅިން ހިލޭ.--- ތޯރިގު

އަދި އޭގެ އިތުރަށް ވެސް ގޯތިތައް ދޭން ހުޅުމާލެ 3ގެ ނަމުގައި ހުޅުމާލޭގެ މުޅި ބަނދަރު ހިއްކައިލުމުން އޮޑިދޯނިފަހަރު ލަފާނެ ތަނެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދަމުން ދިޔަ ނުވަތަ އޭގެ ތެރޭގައި ތިބި ރަނގަޅަށް ވިސްނުން ހުރި މީހުން ހިނގައްޖެ އިސްތިއުފާ ދީފައި. ދެން މި ބުނަނީ ކޮން އިރަކުންހޭ ގުޅިފަޅުން ގޯތި ދެނީ؟ އަޅެ އެ ތަން ހިއްކާ ނިމުނީމަ ނޫންތަ ގޯތި ދެވޭނީ،" ތޯރިގު ވިދާޅުވި އެވެ.

"ކޮބާތޯ އިންސާފު؟ އެއް ބަޔަކު ބިން ގަންނަންވީ 14 މިލިއަން ރުފިޔާ އަށް. ޖެހިގެން އޮންނަ ބިން އެ މަގު އަނެއް ފަޅިން ހިލޭ. ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން އެބައުޅޭ. މާލެ ސަރަހައްދުގައި ދެ ލައްކައެއްހާ މީހުން އެބައުޅޭ. އޭގެ ތެރޭގައި އެބައުޅޭ ރަށްރަށު މީހުން ވެސް. އެ މީހުންނަށް ފުރުސަތެއް ނުދޭ."

ތޯރިގު ވިދާޅުވީ ގޯތި ދިނުމުގެ ނަމުގައި 8 ބިލިއަން ރުފިޔާގެ ބިން ވަނީ ހިލޭ ދޫކޮށްލާފައި ކަމަށާއި އެއީ ދައުލަތަށް ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ގޯތީގެ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލިހުގައި މިއަދު އަނެއްކާވެސް ހޫނުވީ ކުރީގެ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތިތައް ދޫކުރުމާ މެދު މަޖިލީހުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އަމާޒުކުރި ސުވާލުތަކަށް އެކަށީގެންވާ ސާފު ޖަވާބުތައް ނުދެއްވުމުން ކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުންނެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން ކުރި އިޖުތިޖާޖާ ގުޅިގެން ހަތަރު މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ހިމެނެ އެވެ.

މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ، ހުޅުމާލެ 2 އިން ދޫކޮށްފައިވާ 1،407 ބިމުގެ ތެރެއިން 623 ބިމެއް މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި ހުޅުމާލޭގެ ފޭސް ދެއަކުން ދޫކުރި ހުރިހާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.