Roadha Mihaaru
ފައިސާ ދެއްކުން ލުއިކޮށްދިނުމުން ރައީސްގެ ޝުކުރު

ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުން ރައީސްގެ ޝުކުރު އިންޑިއާއަށް

10 އޯގަސްޓް 2024

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

އިންޑިއާ އިން ވަނީ ދަރަނީގެ ގޮތުގައި އެ ގައުމަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފަ އެވެ.

މި ލުއިތަކަށް ރައީސް ޝުކުރު އަދާކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެހީގައި 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަކީ ދެ ގައުމުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫއުތަކުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ލިބެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ލައިން އޮފް ކްރެޑިޓް ފެސިލިޓީ އާއި މި ސްކީމް އަލުން އެކުލަވާލުމުގައި ދެއްކި ލުއި ފަސޭހަކަމަށްޓަކައި އަޅުގަނޑުމެން ޝުކުރުވެރިވަން،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ދެ ވަނަ ޓީބިލް މިދިޔަ މޭ މަހު ދައްކަން ޖެހިފައި އޮއްވައި އިންޑިއާއިން ވަނީ އެ ފައިސާ ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅަށާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާތީ ރައީސް ވަނީ ޖައިޝަންކަރަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށްޓަކައި އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.