Roadha Mihaaru
އިޔާޒްގެ ކްލާސްތައް ހުއްޓާލިތާ މަހެއް ވެއްޖެ: ޝަހީމް

އިޔާޒްގެ ތަފުސީރު ކްލާސްތައް ހުއްޓާލިތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ: ޝަހީމް

04 އޯގަސްޓް 2024

ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެވި ތަފްސީރު ކްލާސްތައް ހުއްޓާލެއްވީ މީގެ މަހެއްހާ ދުވަސް ކުރިން އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެވި ތަފްސީރު ކްލާސްތައް ހުއްޓާލެއްވީ މީގެ މަހެއްހާ ދުވަސް ކުރިން އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ، އިޔާޒުގެ ތަފްސީރު ކްލާސްތައް ހުއްޓާލަން އެންގީ ހަމާސް ލީޑަރު އިސްމާއިލް ހަނިއްޔާގެ ކަށުނަމާދާ ގުޅިގެން މިދިޔަ ހުކުރުދުވަހުން ފެށިގެން ސޯޝަލްމީޑިއާގައި ހިނގާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން އިހްތިޔާރުކަމެއްގެ ގޮތުގައި ދޫކޮށްލުމުން، އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު، އިޔާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އާއި މިނިސްޓަރު ޝަހީމްއާ ދެމެދު ދެބަސްވުމެއް އުފެދި އެކްސްގައި ބަހުގެ ހަމަލާތަކެއް ދިޔަ އެވެ.

އޭގެ ފަހުން، އިޔާޒްގެ ކްލާސްތައް މަނާކޮށްފައިވާ ކަމަށް ބައެއް މީހުން ލިއެފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިސްލާމީ މަރުކަޒުގައި އިޔާޒް ކުރިއަށް ގެންދެވި ކްލާސްތައް ހުއްޓާލެއްވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އޭގެ ފަހުން މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އެ މިނިސްޓްރީން އެއްވެސް ދަރުސެއް ހުއްޓުވާފައި ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އަލުން ދަރުސް ފަށަން އިޔާޒް އެދިވަޑައިގަތީ އިއްޔެ އެވެ. ކްލާސްތައް ދެ މަރުކަޒު ނޫން ތަނެއްގައި ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިޔާޒްގެ ތަފްސީރު ކްލާސްތައް ދެ މަރުކަޒުގައި ނޫން ތަނެއްގައި ކުރިއަށް ގެންދަން އަންގާފައިވާ ސަބަބެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އިޔާޒްގެ ކްލާސްތައް އެހެން ތަނެއްގައި ކުރިއަށް ގެންދަން މިނިސްޓްރީން އެދުނު އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އިޔާޒް ދައްކަވާ ވާހަކަތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އެޅި އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާއެއްގައި މަގާމުގައި ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ މަގާމުން އޭނާ ވަކިކުރީ، ކުރައްވާ ޓްވީޓްތަކާ ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބުނު ކަމަށް ބުނެ އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހު އެވެ.

އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ނިންމީ އިޔާޒަށް އަލުން ވަޒީފާ ދިނުމަށެވެ.