Roadha Mihaaru
ޗައިނާގެ އެފްޓީއޭއިން ވާނީ ގެއްލުން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ، ޗައިނާގެ އެފްޓީއޭގެ ސަބަބުން ފައިދާއެއް ނުކުރާނެ ކަމަށް

31 ޖުލައި 2024

ރާއްޖެ-ޗައިނާ އިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖެ އަށް ވާނީ ގެއްލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ-ޗައިނާ އިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖެ އަށް ވާނީ ގެއްލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖެ-ޗައިނާގެ އެފްޓީއޭގެ އެއްބަސްވުން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. އެއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާއި އާންމުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ފައްޔާޒު ވިދާޅުވީ، އޭގެ ފައިދާ ލިބޭނީ ރާއްޖޭގެ ބަދަލުގައި ޗައިނާ އަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނަގާފައި، ދުބާއީ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ގެންނަ މުދަލުން ޑިއުޓީ ނަގާ ނަމަ އެ މުދާތައް ގެންނަން ޗައިނާ އަށް އެކަނި ބަރޯސާވާން ދިވެހި ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަަމަށެވެ. ސަބަބަކީ އެހެން ގައުމުތަކުން ގެންނަ މުދަލުގެ އަގު ބޮޑުވުމާއި ވާދަވެރި މާހައުލެއް ނެތުން ކަމަށް ވިދާޅުވި އެވެ. އެއީ އެފްޓީއޭގެ ދަށުން ޗައިނާގެ މުދަލުން ޑިއުޓީ ނުނަަގާނެތީ އެވެ.

"އެހެންވީމާ މިވާ ގޮތަކީ މަޑުމަޑުން ގޮސް އަޅުގަނޑުމެން ޒަމާނުއްސުރެ އުފައްދާފައި ހުރި ޓްރޭޑް ލިންކުތައް ފުނޑުފުނޑުވެގެން ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަކީ މުދާ އެކްސްޕޯޓް ކުރާ ގައުމަކަށް ނުވާއިރު، އެފްޓީއޭގެ ފައިދާ އޮތީ އެކްސްޕޯޓް ކުރާ ގައުމުތަކަށެވެ.

"ޗައިނާ އަށް އަޅުގަނޑުމެން މަސް ބޭރު ކުރަންށޭ ކިޔާފައި އެފްޓީއޭއެއް ހަދާއިރުގައި ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީ ނުނަގައި ރާއްޖެ އަށް ވެއްދޭ ގޮތް ހެދީމާ ޑިއުޓީ ވެސް އަޅުގަނޑުމެންނަށް ގެއްލެނީ، އަޅުގަނޑު މި ދެންނެވި ޓްރޭޑް ލިންކުތައް ވެސް ހަލާކުވެގެން ދަނީ ޗައިނާ އަށް އަޅުގަނޑުމެންގެ މަސް ބޭރު ކުރެވިދާނެ ކަމުގެ އުންމީދުގައި،" ފައްޔާޒު ވިދާޅުވި އެވެ.

"ޗައިނާއަކީ އަޅުގަނޑުމެންގެ ބޮޑު ކޮމްޕެޓިޓާއެއް މަހުގެ ބާޒާރަށް ބަލައިފިއްޔާ."

ޗައިނާއެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ފެށުނީއްސުރެ އެމްޑީޕީ ދެކޮޅެވެ.

ފައްޔާޒު ރޭ ވިދާޅުވި ގޮތުގައި، އިނގިރޭސި ވިލާތާ އެކު، އެފްޓީއޭއެއް ހަދަން އެމްޑީޕީގެ ސަރުކާރުގައި އޮތީ އެމްއޯޔޫއެއް ހަދައިފަ އެވެ. އެއީ ރާއްޖެ އިން އެންމެ ގިނައިން މަސް ބޭރުކުރާ ގައުމު ކަމަށް ވާއިރު، އޭގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އިނގިރޭސި ވިލާތާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި އިންޑިއާއާ އެކުގައި ވެސް އޭގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.