Roadha Mihaaru
ތޯރިގު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީކަމުން އިސްތިއުފާ ދީފި

ތޯރިގު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2024

ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލިހުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ތޯރިގުގެ އިސްތިއުފާގެ ސިޓީ ލިބިފައިވީ ނަމަވެސް އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އަމިއްލަ ސަބަބުތަކަކާ ހެދި ހެން އެ ފިޔަވަޅު އެޅުއްވީ،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ތޯރިގު އެކްސްގައި ވިދާޅުވީ، ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވީ މި ވަގުތު އަމިއްލަ ކަންކަން ހުރި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރައްވަން ވަގުތު ދެއްވެން ނެތުމުގެ ސަބަބުންނެވެ.

އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލެއް ނުލިބުނެވެ.

އެކަމަކު، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު މި އިސްތިއުފާ ދެއްވީ އެ މަގާމަށް ހޮވިތާ ތިން މަސް ވެސް ނުވަނީސް އެވެ.

ތޯރިގަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް ފަހުން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވިޔަސް ފުރަތަމަ ކޮޅުގައި އުޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ފުރުސަތު ހޯދައި ދިނުމަށް ކަމަށް ކުރިން އަޑުއަރާފައި ވެ އެވެ.