Roadha Mihaaru
ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީގެ ފުރަތަމަ ކެމްޕަސް ހަދަނީ

ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީއެއްގެ ފުރަތަމަ ކެމްޕަސް ހަދަނީ

21 ޖުލައި 2024

ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީއެއްގެ ފުރަތަމަ ކެމްޕަސް ގާއިމްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީއެއްގެ ފުރަތަމަ ކެމްޕަސް ގާއިމްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް އިންސްޓިޓިއުޓެއް ގާއިމްކުރަން ސައުދީގެ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ޑރ. އަބްދުﷲ ނަޒީރާއި އަހުމަދު ޝަފީއުއާއެކު، އެ ޔުނިވާސިޓީގެ އިސްވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޝްވަރާކުރައްވައިފަ އެވެ.

ނަޒީރު ވިދާޅުވީ އެ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމަށް ފަހު ރާއްޖޭގައި އަރަބި ތައުލީމް ފުޅާކުރަން އެ ޔުނިވާސިޓީން ބޭނުންވާ ކަމަށެވެ. އެ ކެމްޕަސް ވެގެންދާނީ ރާއްޖޭގައި ހަދާ ބޭރުގެ ފުރަތަމަ ކެމްޕަހަށެވެ.

"ސަރުކާރުގެ ބޭނުމަކީ އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އަރަބި ބަސް ކިޔަވައިދޭން ޓީޗަރުން އުފެދިގެން ދިއުން އަދި އަރަބި ބަސް ކިޔަވައިދޭން ބޭނުންފުޅުވާ ބޮޑެތި މީހުންނަށް ހާއްސަ ކްލާސްތަކެއް ހިންގުން. އަރަބި ބަސް މި ރާއްޖޭގެ ސްކޫލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މީހުން މީގެ ތެރެއިން ތަމްރީންވާނެ." ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ކެމްޕަހަކަށް ވާތީ އެހެން ގައުމުތަކުގެ ދަރިވަރުން ވެސް ކިޔަވަން އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް ހުޅުވިގެންދާނީ. ބައިނަލްއަގުވާމީ ޔުނިވާސިޓީގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކުރެވިގެން ދިއުން،" ނަޒީރު ވިދާޅުވި އެވެ.

ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ފަސް ޕަސެންޓަކީ ބޭރުގެ ދަރިވަރުންނަށް ހެދުމަށް މަސައްކަތްކުރާ ކަމަށާއި ބޭރުގެ ދަރިވަރުން އަންނަން ފަށައިފި ނަމަ، އިގުތިސޯދަށް ވެސް ފައިދާކުރާނެ ކަން ނަޒީރު ފާހަގަކުރެއްވި އެވެ.

އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމުންދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމެއް ކަން ވެސް އެ ބައްދަލުވުމުގައި ފާހަގަކުރި އެވެ.

އެ ބައްދަލުވުމުގައި ޔުނިވާސިޓީއަށް ވަނީ އިންސްޓިޓިއުޓުގެ ރަޖިސްޓްރީގެ މަސައްކަތާއި އެމްކިއުއޭއިން އެކްރެޑިޓްކުރުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.