Roadha Mihaaru
ކޮލެޖުގައި ކިޔަވައިދޭ ބަދަލުތައް ބަލަން ބައްދަލުންތަކެއް

ކޮވިޑް-19: ކޮލެޖުތަކުގެ ކިޔަވައިދިނުމަށް ގެންނަ ބަދަލުތައް ހިއްސާކުރަން ބައްދަލުވުންތަކެއް ފަށައިފި

21 މެއި 2020

ކޮވިޑް-19 ގެ ސަބަބުން ކޮލެޖުތަކުގެ ކިޔަވައިދިނުމަށް ގެންނަ ބަދަލުތައް ހިއްސާކުރަން ސިލްސިލާ ބައްދަލުވުންތަކެއް އިއްޔެ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ސަބަބުން ކޮލެޖުތަކުގެ ކިޔަވައިދިނުމަށް ގެންނަ ބަދަލުތައް ހިއްސާކުރަން ސިލްސިލާ ބައްދަލުވުންތަކެއް އިއްޔެ ފަށައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޫޕުތަކަށް ބަހާލައިގެން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ކޮވިޑްގެ މި ހާލަތާއެކު ކޮލެޖުތަކުގެ ކިޔަވައިދިނުމަށް ގެނައި ބަދަލުތަކާއި އެ ބަދަލުތައް ގެންނަން ވި ތައްޔާރީތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނު ކަމަށެވެ.

ނިއު ނޯމަލްގައި ކޮލެޖުތަކުގެ ހަރަކާތްތަކާއި ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށްޓަކައި ކޮލެޖުތަކުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް ހިޔާލު ހުށަހެޅުނު ކަމަށް ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު މަހުން ފެށިގެން ކޮލެޖާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ބައެއް ތަންތަނުގައި އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ. ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-19 ފެތުރޭތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި މަހުގެ 28 ގެ ފަހުން ލުއިތަކެއް ދިނުމަށެވެ. އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ސްކޫލާއި ކޮލެޖު އަދި ޔުނިވާސިޓީތައް ހުޅުވުން ވެސް ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާތީ އެކަމާ ގުޅުންހުރި ހުރިހާ ކަމެއްގެ ކޮލިޓީ އެޝުއަރެންސް މަސައްކަތް ކުރުމަށާއި ފެންވަރު ހިފެހެއްޓޭކަން ކަށަވަރު ކުރުމަށް ކޮލެޖުތަކުން ކުރަމުން އަންނަ ކަންތައްތަކާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

ކޮލެޖުތަކަށް މިވަގުތު ހުރި ގޮންޖެހުންތައް ހިއްސާކޮށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވެސް ކިޔަވައިދިނުން ހަރުދަނާކޮށް ކުރިއަށްގެންދެވޭނެ ފައިދާކުރަނިވި ގޮތްތަކެއް ކަނޑައެޅިގެންދާނެ ބައްދަލުވުންތަކަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.