Roadha Mihaaru
ކޮލެޖުތަކާއި މަރުކަަޒުތައް އަލުން ރަޖިސްޓްރީކުރަނީ

ކޮލެޖުތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީކުރަން އަންގައިފި

06 ޑިސެމްބަރ 2021

ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ ކޮލެޖްތަކާއި މަރުކަޒުތައް އަލުން ރަޖިސްޓްރީކުރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ ކޮލެޖްތަކާއި މަރުކަޒުތައް އަލުން ރަޖިސްޓްރީކުރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި އަހަރު އަމަލުކުރަން ފެށި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެކުލަވާލައި، މި މަހު އާންމުކުރި "މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ގެ ދަށުން ކޮލެޖްތަކާއި މަރުކަޒުތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި ގަވާއިދުތަކަށް އަމަލުކުރަން ފެށުމާ އެކު، މިހާރު ވެސް އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކޮލެޖުތަކާއި މަރުކަޒުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ އާކުރަން ޖެހެ އެވެ. އެކަމަކު އަލުން ރަޖިސްޓަރީ ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. ފީ ނަގާނީ އަލަށް ރަޖިސްޓްރީ ކުރާ ނަމަ އެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން، ކޮލެޖްތަކާއި މަރުކަޒުތަކުގެ ދަފްތަރުން އުނިކުރާނެ އެވެ.

"ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" ގައި ވަނީ ކޮލެޖުތަކާއި މަރުކަޒުތައް ރަޖިސްޓްރީކޮށްދޭނެ ގޮތާއި އެ ތަންތަން ހިންގާނެ ގޮތުގެ ގަވާއިދާއި އެތަންތަން ހިންގާ އިމާރާތްތަކުގައި ހުންނަ ޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފަ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކޮލެޖުތައް ރަޖިސްޓްރީ ނުކޮށް ހިންގައިފި ނަމަ، 40،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި މަރުކަޒެއް ނަމަ، 30،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނުދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، އަދި މަތީ ތައިލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ އެނޫން ވެސް އުސޫލުތައް ބަޔާންކުރާ މަތީ ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިއަހަރު މެއި 16 ގަ އެވެ.