Roadha Mihaaru
ޝާހިދުގެ ދަތުރުގައި އަލީ ވަހީދު ގެންދިއުމުން ނުރުހުން!

ޝާހިދުގެ ދަތުރުގައި އަލީ ވަހީދު ބައިވެރިކުރުމުން އެމްޑީޕީގެ ލީޑަޝިޕް ތެރޭގައި ނުރުހުން!

18 ޖުލައި 2024

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިކުރުމުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިކުރުމުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.

އެ ދަތުރުގައި އެމްޑީޕީގެ ޓިކެޓްގައި އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް، ނާކާމިޔާބުވި އަލީ ވަހީދު ބައިވެރިވެ އެވެ. ލަންޑަންގެ ވެސްޓް މިންސްޓާ ޕެލެސް އަށް ޝާހިދު ކުރެއްވި ޒިޔާރާތުގައި ވެސް އަލީ ވަހީދު ބައިވެރިވި އެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓެއް ކޮށްފައިވާއިރު، އަލީ ވަހީދު ވެސް ހިމެނޭ ފޮޓޯތަކެއް ވެސް އެ ޕޯސްޓުގައި ހިމެނެ އެވެ.

އެ ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ނުރުހުން އަމާޒުވެފައިވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ވެސް ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި މެސެޖެއްގައި ޗެއާޕަސަން ފައްޔާޒު އިސްމާއިލަށް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވި އެވެ. އޭނާ އެއްސެވީ، ޕާޓީގެ އެއްވެސް މަގާމެއްގައި މިވަގުތު ނެތް އަލީ ވަހީދު، ޝާހިދާ އެކު ވަޑައިގަތީ އެމްޑީޕީ ތަމްސީލްކުރައްވަންތޯ އެެވެ.

"...އެހެން ނަމަ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ): އަލީ ވަހީދު ބައިވެރިކުރުމުން ނުރުހުން ފާޅުކުރެއްވި - ފޮޓޯ: މިހާރު

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ): އަލީ ވަހީދު ބައިވެރިކުރުމުން ނުރުހުން ފާޅުކުރެއްވި - ފޮޓޯ: މިހާރު

އިބްރާހިމް ވަހީދުގެ އެ މެސެޖު ކުރެއްވިތާ އިރުކޮޅެއް ފަހުން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ރައްދު ދެއްވި އެވެ. ޝާހިދު އެންމެ ފުރަތަމަ އިބްރާހިމް ވަހީދަށް ކުރެއްވީ ސުވާލެކެވެ.

"ޕާޓީގެ ރަސްމީ އެކައުންޓުން ޓްވީޓް ކުރަނީ ކާކުތޯ އިބުރޭ؟ އަޅުގަނޑެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

އެ އަށް ފަހު ޝާހިދު ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، އޭނާ އަށް އެމްޑީޕީން ލިބިދޭ ބާރުތަކާ ގުޅޭ ގޮތުން ވެސް އިބްރާހިމް ވަހީދާ ސުވާލު ކުރައްވައިފަ އެވެ. އަދި އަލީ ވަހީދުގެ ދިފާއުގައި ވެސް ޝާހިދު ވަނީ ރޭ އިރާކޮޅު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ޝާހިދު ފޮނުއްވި މެސެޖުގައި ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު މީހުންނާ ބައްދަލު ކުރާއިރު ބައިވެރިކުރާނެ މީހުން ޕާޓީ ސެކްރެޓިއޭޓުން ނިންމަވާ ގޮތަށްތޯ އޮންނަނީ؟ އަލީ ވަހީދު ދާދި ފަހުން އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވި ހަނދާނެއް ވޭ އަޅުގަނޑު،" ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދުގެ އެ މެސަޖަށް ފަހު، އިބްރާހިމް ވަހީދު ކުރެއްވި ސުވާލަށް ފައްޔާޒު ޖަވާބު ދެއްވި އެވެ.

"ޕާޓީގެ ރައީސްގެ އަމިއްލަފުޅު ދަތުރެއް. ޕާޓީގެ ދަތުރެއް ނޫން،" ފައްޔާޒުގެ މެސެޖުގައި ކުރުކޮށް ވިދާޅުވި އެވެ.

ފައްޔާޒު އެކަން ސާފުކޮށް ދެއްވުމުން އިބްރާހިމް ވަހީދު ވަނީ ޝާހިދު ކުރެއްވި މެސެޖަށް ރައްދު ދެއްވައިފަ އެވެ. އިބްރާހިމް ވަހީދު ވިދާޅުވީ އޭނާ ޗެއާޕާސަން ކުރެން ސާފުކުރަން އެއްސެވީ ބައްދަލުވުމުގައި އަލީ ވަހީދު ބައިވެރިވީ ޕާޓީ ތަމްސީލް ކުރަންތޯ ކަމަށާއި އެއީ އެގޮތަށް ޕާޓީ ތަމްސީލު ކުރާ ނަމަ، އެކަން ޕާޓީގެ ކޮންމެވެސް ގުނަވަނަކުން ނިންމަންޖެހޭނެ ކަމަށެވެ.

"މަޖިލިސް ޓިކެޓްގައި ވާދަކުރުމަކީ ހުރިހާ ތަނެއްގަ ޕާޓީ ތަމްސީލް ކުރުމެއް ވެސް ނޫން. މިހާރު ސާފުވެއްޖެ އެއީ ޕާޓީ ދަތުރެއް ނޫންކަން،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވަނީ ކޮންމެ މީހަކު ކޮންމެ ކަހަލަ ދަތުރެއްގައި އުޅުނަސް ޕާޓީއަށް "ޑެމޭޖް" ކުރާ އެއްޗެހި ޕާޓީގެ އެކައުންޓުތަކުން ޕޯސްޓް ނުކުރަން ފައްޔާޒު ކިބައިން އެދިވަޑައިގެންފަ އެވެ.

އިބްރާހިމް ވަހީދުގެ އެ މެސެޖަށް ޝާހިދު ދެއްވީ ކުރު ޖަވާބެކެވެ.

"އާދެ، އާދެ،" ޝާހިދުގެ މެސެޖް ކުރެއްވި އެވެ.

ޝާހިދު އަދި ފައްޔާޒު: ޝާހިދުގެ ބައްދަލުވުމަކީ ޕާޓީގެ ރައީސްގެ އަމިއްލަ ބައްދަލުވުމެއް ކަމަށް ފައްޔާޒު ވިދާޅުވި - ފޮޓޯ: މިހާރު

ޝާހިދު އަދި ފައްޔާޒު: ޝާހިދުގެ ބައްދަލުވުމަކީ ޕާޓީގެ ރައީސްގެ އަމިއްލަ ބައްދަލުވުމެއް ކަމަށް ފައްޔާޒު ވިދާޅުވި - ފޮޓޯ: މިހާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ގޯނާ ކުރި ކަމުގެ ތުހުމަތު އަލީ ވަހީދުގެ މައްޗަށް އޮވެ އެވެ. އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރި ނަމަވެސް، ފަހުން ވަނީ އެ ދައުވާތައް އަނބުރާ ނަގައިފަ އެވެ.

އަލީ ވަހީދަކީ ޑީއާރްޕީގައި މަސައްކަތް ކުރި ދުވަސްވަރުން ފެށިގެން ޝާހިދުގެ ގާތް ބޭފުޅެކެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ހުރެ، އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހު، އޭނާ ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރި އަލީ ވަހީދު މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރި އެވެ.

ނަމަވެސް، އެ ކެމްޕެއިނަށް އެމްޑީޕީގެ އިސް ބޭފުޅުން ވަޑައިނުގަންނަވަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުށީ ކައިރި އެހެން ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް، އަލީ ވަހީދުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިނުގަންނަވަ އެވެ.

އެމްޑީޕީގެ ޓިކެޓްގައި އަލީ ވަހީދު އެ އިންތިހާބުގައި ވާދަކުރުމުން އޭރު ވެސް އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.