Roadha Mihaaru
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި

ފިންލެންޑް އިންޓަނޭޝަނަލަށް އައިއެސްއޭގެ އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި

17 ޖުލައި 2024

އައިލެންޑާސް އެޑިއުކޭޝަންއިން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް އިންޓަނޭޝަނަލް އެސޯސިއޭޝަން (އައިއެސްއޭ)ގެ އެކްރެޑިޓޭޝަން ލިބުމުން މިއަދު އެކަން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައިލެންޑާސް އެޑިއުކޭޝަންއިން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް އިންޓަނޭޝަނަލް އެސޯސިއޭޝަން (އައިއެސްއޭ)ގެ އެކްރެޑިޓޭޝަން ލިބުމުން މިއަދު އެކަން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި މިއަދު ވަނީ އެ ސްކޫލަށް އެކްރެޑިޓޭޝަން ލިބުނުކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އަދި އައިއެސްއޭގެ ދިދަ ވެސް އެ ސްކޫލުގައި ނެގި އެވެ.

އައިއެސްއޭ އަކީ ޔުނެސްކޯ އާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ބަލައިގަނެފައިވާ، ތައުލީމީ ދާއިރާ އިން އެކްސްކްލޫސިވް ގްލޯބަލް އެކްރެޑިޓޭޝަން ދޭ ޖަމިއްޔާ އެކެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް އިންޓަނޭޝަނަލް އެސޯސިއޭޝަން (އައިއެސްއޭ)ގެ އެކްރެޑިޓޭޝަން ލިބުން ފާހަގަކުރަން މިއަދު އެ ސްކޫލްގައި ބޭއްވި އެސެމްބްލީގައި ސްކޫލްގެ އިސްވެރިންނާއި އައިއެސްއޭގެ ބައެއް ވެރިންނާއި ބައެއް ކުދިން ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސިޕަލް އެއިޔާ ވެލަންނޭ ވަނީ އައިއެސްއޭ ފަދަ ދުނިޔޭގެ އެންމެ ސީނިއާ އެއް އޮގަނައިޒޭޝަނުން އެ ސްކޫލަށް ލިބުނު އެކްރެޑިޓޭޝަނަކީ ލިބުނު ބޮޑު ކާމިޔާބީއަކާއި ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. މިހާރަށް ވުރެ ވެސް ފެންވަރު ރަނގަޅު ސްކޫލަކަށް ހެދުމަށް އެ އެ ޖަމިއްޔާ އިން ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އެހެން ސްކޫލުތަކާ ގުޅިގެން، ބައިނަލްއަގުވާމީ ދުނިޔޭގައި ދަރިވަރުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ލިބުނު ފުރުސަތެއް. މިއީ ދަރިވަރުންގެ ތަރައްގީ އާއި ކުރިއެރުމަށް ގިނަ ދޮރުތަކެއް ހުޅުވައިދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފިންލެންޑް އިންޓަނެޝަނަލް ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވި ބައެއް ކުދިން.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިންލެންޑް އިންޓަނެޝަނަލް ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވި ބައެއް ކުދިން.--- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އެސެމްބްލީގައި އައިއެސްއޭގެ ވައިސް ޗެއާ އިސްކަންދަރު ރިޒާލް ހަމްޒާ ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ ހަމަހަމަ ފުރުސަތުތަކެއް އެންމެނަށް ވެސް ލިބޭނެ، އެންމެންގެ ޝާމިލުވުން އޮތް އަމާން ދުނިޔެއެއް ބިނާކުރުން ކަމަށެވެ. އަދި އެއީ އެކި ގައުމުތަކުގެ ސަގާފަތްތަކާއި އާދަކާދަތައް ގުޅުވައިދީ، އެކަކު އަނެކަކަށް އިހުތިރާމްކުރާ ޖީލެއް ތައުލީމީ ދާއިރާއިން ބިނާކުރާ ޖަމިއްޔާއެއް ކަމަށް ވިދާޅުވި އެވެ. އެ ޖަމިއްޔާ އިން ފިންލެންޑް އިންޓަނޭޝަނަލްގެ ދަރިވަރުންނަށް ރައްކާތެރި، ޑައިވާސިފައި އަދި އިންކްލޫސިވް ދުނިޔެއެއް ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

މި އެސެމްބްލީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވަނީ ރާއްޖޭގެ އިންޓަނޭޝަނަލް ސްކޫލަކަށް ބައިނަލްއަގުވާމީ އެސޯސިއޭޝަނެއްގެ އެކްރެޑިޓޭޝަން ލިބުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަފީއު މިއަދުގެ އެސެމްބްލީގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަފީއު މިއަދުގެ އެސެމްބްލީގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިއީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ކާމިޔާބީއެއް. މިއީ ރާއްޖޭގައި ބޭރު ދުނިޔޭގެ ފެންވަރަށް ކިޔަވައިދެވޭނެ ކަމުގެ ހެއްކެއް. އަދި މިއީ މި ސްކޫލުން ދުނިޔޭގެ ފެންވަރުގެ ތައުލީމެއް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއް،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެސޯސިއޭޝަނުން ލިބޭ ގްލޯބަލް ރިސޯސަސްތަކުގެ އެހީގައި ސްކޫލުގެ ކަރިކިއުލަމް އިތުރަށް ފުރިހަމަ އަށް ކިޔަވައިދީ، މިހާރަށް ވުރެ ފުރިހަމަ ތައުލީމީ ތަޖުރިބާއެއް ދަރިވަރުންނަށް ހޯދައި ދެވޭނެ ކަމަށެވެ. އަދި ޓީޗަރުންގެ ފެންވަރު އިތުރަށް ތަރައްގީ ކުރުމަށް ވެސް މި ޝަރަފާ އެކު ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށާއި މިއީ އެހެން ގައުމުތަކުގެ ސަގާފަތްތަކާއި އާދަކާދަތަކަށް އިހުތިރާމު ކުރާ ޖީލެއް ރާއްޖޭގައި ބިނާ ކުރުމަށް ފަހިވި މަގެއް ކަމަށް ވިދާޅުވި އެވެ.

އައިއެސްއޭގެ އެކްރެޑިޓޭޝަނަކީ ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރާ ފެންވަރުގެ ތައުލީމީ މިންގަނޑުތައް ހިފެހެއްޓުމުގެ ސަބަބުން ބައިނަލްއަގުވާމީ ފަރާތަކުން ރާއްޖޭގެ ސްކޫލަކަށް ދިން މިފަދަ ފުރަތަމަ އެކްރެޑިޓޭޝަނެވެ. ފިންލެންޑް އިންޓަނޭޝަލް ސްކޫލަކީ ދެކުނު އޭޝިއާގެ ސަރަހައްދުން އައިއެސްއޭގެ ފުރިހަމަ މެމްބަރުކަން ލިބުނު ހަމައެކަނި ސްކޫލެވެ.