Roadha Mihaaru
2018އިން ފެށިގެން ޕީއެސްއެމުން ކަރަންޓުބިލް ނުދައްކާ

2018 އިން ފެށިގެން ޕީއެސްއެމުން ކަރަންޓް ބިލް ނުދައްކާ، 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ!

11 ޖުލައި 2024

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ ހަ އަހަރު އެންމެ ކަރަންޓު ބިލަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެހެންވެ، އެ މުއްދަތަށް 100 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ލިބެން ޖެހޭ ކަމަށް ސްޓެލްކޯ އިން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ ހަ އަހަރު އެންމެ ކަރަންޓު ބިލަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެހެންވެ، އެ މުއްދަތަށް 100 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ލިބެން ޖެހޭ ކަމަށް ސްޓެލްކޯ އިން އިއްޔެ ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ އެއީ މޭ 2018 އިން ފެށިގެން ނުދައްކާ ހުރި ބިލްތަކުގެ ފައިސާ ކަމަށެވެ.

މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީއެސްއެމްގެ ކަރަންޓު ބިލްތަކުން ލިބެން ޖެހޭ ފައިސާގެ އަދަދު 120 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް 100 މިލިއަނަށް ވުރެ ދަށެއް ނުވާނެ. ޔަގީނުން ވެސް 120 މިލިއަނަށް ވުރެ މަތި. އަޅުގަނޑުމެން އެ ފައިސާ ހޯދައިގެން ވިޔަފާރި ކުރިިއްޔާ ކީއްތޯ ވަނީ،" ކަންބޮޑުވުމާ އެކު، ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯ އިން އެއްވެސް ތަނެއްގެ ކަރަންޓު ކަނޑާލަން ބޭނުން ނުވާ ކަމަށާއި ސަބަބަކީ އެ ކުންފުނިން ބޭނުންވަނީ ބަހާލައިގެން ވެސް އެ ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.

"ބޭނުން ވަނީ އެ މީހުން އަޅުގަނޑުމެންގެ މޭޒުދޮށަށް ގެނެސްގެން އެ މީހުން ލައްވައި ބައިބަޔަށް ބަހާލައިގެން ވިޔަސް އެ ފައިސާ ދައްކުވަން. ކަރަންޓު ކަނޑާލުމަކީ ހައްލެއް ނޫން. ފައިސާ ނުލިބި ހުރި ތަންތަނުން ފައިސާ ހޯދޭނެ މެކޭނިޒަމެއް، ފުރުސަތެއް ދޭން ބޭނުންވަނީ،" ފަހުމީ ވިދާޅުވި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ކުރިން ވިދާޅުވެފައި ވަނީ އޭނާ މަގާމާ ހަވާލުވިއިރު، ޕީއެސްއެމުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށެވެ. އެ ފައިސާ އެކި ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ޕީއެސްއެމުން ކަރަންޓު ބިލް ނުދައްކާތާ ހަ އަހަރު ވެފައިވާ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއިރު، ކަރަންޓު ބިލްތަކަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ ބައި ބިލިއަން ރުފިޔާ އަށް ވުރެ މަތީގަ އެވެ.