Roadha Mihaaru
19 އަހަރުން މަތީގެ މީހުންނަށް ޗެކަޕް ތައާރަފްކޮށްފި

އާސަންދައިން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު 19 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިފި

09 ޖުލައި 2024

އާސަންދަ ސްކީމްގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އާސަންދަ ސްކީމްގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާސަންދަ އިން ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، މި މަހުން ފެށިގެން އުމުރުން 19 އަހަރާއި 39 އަހަރުގެ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން މިދިޔަ އޭޕްރީލް މަހު 35 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ހުޅުވާލި އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖެއްސި އެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި ޒުވާން އުމުރުގައި ވެސް ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއަސް، މެޑިކަލް ޗެކަޕް ހެދުމަކީ ޒުވާނުން އެހާ ސަމާލުކަން ދޭ ކަންކަމެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ހިލޭ އެކަން ވާނަމަ ޗެކަޕް ހަދަން ބާރު ލިބޭ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގުމަށް ޗެކަޕް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ހީނާ ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ހުއްޓަސް، އެންސްޕާއިން ބުނީ މެޑިކަލް ޗެކަޕް ހަދަން އެންމެ ބޭނުންވާ ތަރުހީބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުސްނުވާ އާސަންދައިގެ ދަށުން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ އުސޫލު"ގައިވާ ގޮތުން މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދޭނީ ވަކިވަކި އުމުރުފުރާތަކަށް ހާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖްތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭ ގޮތަށެވެ.

ޑޮކްޓަރެއްގެ ލަފާއާ އެކު މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތަކަށް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ. އުސޫލުގައިވާ ގޮތުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތައް ނުވަތަ ސިއްހީ މަރުކަޒުތަކުން އެކަންޏެވެ.