Roadha Mihaaru
ބައެއް މީހުން ވަކިކުރީ ކުންފުނި ރީސްޓްރަކްޗާ ކުރާތީ

އެމްއެމްޕީއާރުސީން ބައެއް މީހުން ވަކިކުރީ ކުންފުނި ރީސްޓްރަކްޗާކުރާތީ: ޝިއުރީ

09 ޖުލައި 2024

އެމްއެމްޕީއާރުސީގެ ބައެއް ބޭފުޅުން މަގާމުން ވަކިކުރީ އެ ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްއެމްޕީއާރުސީގެ ބައެއް ބޭފުޅުން މަގާމުން ވަކިކުރީ އެ ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއި ޗީފް ކޯޕަރޭޓް އޮފިސަރު އިބްރާހިމް އާސިމް ވަކިކުރަން ބޯޑުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު ވެސް އުވާލަން ނިންމި އެވެ. އެކަމަކު، އެ މަގާމުގައި ހުންނެވި މުވައްޒަފު ވަނީ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޝިއުރީ ވިދާޅުވީ ކުންފުނި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އޮނިގަނޑު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ އެ ފިޔަވަޅު އެޅީ ކަމަށެވެ. އޭގެ ތެރެއިން ކުންފުނީގައި ދެ ޑެޕިއުޓީ މެނޭޖިން ޑިރެޓަރުން ބޭތިއްބުމުގެ ބަދަލުގައި އެކަކަށް ފުރުސަތު ދޭން ނިންމައި ޗީފް ކޯޕަރޭޓް އޮފިސަރު އަދި ޗީފް މާކެޓިން އޮފިސަރުގެ މަގާމު އުވައިލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ޖެހެނީ ގާތްގަނޑަކަށް އެއް މަސައްކަތެއް. އޮންނަނީ އެއް މަސްއޫލިއްޔަތެއް. އެހެންވީމާ މަގާމުތައް އުވާލީ. އެއީ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ގެނައި ބަދަލެއް،" އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ މަހު އައްޔަންކުރި ޝިއުރީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގައި ކުރިން ވެސް ހުރީ އެންމެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް ކަމަށާއި ދެ މަގާމު ހަމަޖެއްސީ ވަރަށް ފަހުން ކަމަށް ވެސް ޝިއުރީ ވިދާޅުވި އެވެ.

ޝިއުރީ ވިދާޅުވީ، ކުންފުނި ރީސްޓްރަކްޗާ ކުރުން ކުރިއަށް ގެންދަނީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

"އަޅުގަނޑު އެ ކަހަލަ ކަމެއް ނުގެންގުޅެން. އަޅުގަނޑަކީ އަދި ވަރަށް ފަހުން މި މަގާމަށް އައި މީހެއް،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެން ކުންފުނީގެ ހިންގުމާ ހަވާލުވީ ޑީއެމްޑީކަމުން ވަކިކުރި ބައްސާމެވެ.

ފެއާއެއްގެ ތެރެއިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ބައްސާމްގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރުމުން، އެ މައްސަލަ އެމްއެމްޕީއާރުސީ އިން ބެލި އެވެ. މައްސަލަ ބެލިއިރު ބައްސާމްގެ ފަރާތުން އެފަދަ ކަމެއް ފެނިފައި ނުވާ ކަމަށް ނުވަތަ ސާބިތުވާ ވަރުގެ ކަމެއް ނެތް ކަމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.