Roadha Mihaaru
"ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަމެއް ނުކުރާނެ"

ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ފަދަ ކަމެއް ވިޔަ ނުދޭނަން: ހަޔާ އެޑިއުކޭޝަން

08 ޖުލައި 2024

ދައުލަތުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ ތައުލީމަށް ބުރޫއަރާ ފަދަ ކަމެއް ވިޔަނުދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ ތައުލީމަށް ބުރޫއަރާ ފަދަ ކަމެއް ވިޔަނުދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ދީފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގައި ސަރުކާރުގެ އެހީއާ އެކު 2،163 ދަރިވަރަކު މި ވަގުތު ކިޔަވަމުން އަންނަ ކަމަށާއި ކޯސް ފީ އާއި ލިވިން އެލަވަންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް ދެއްކުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ބައެއް ފަހަރު، ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ ކުރިން ވެސް ދިމާވާ ހާލަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ، ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި، ކަނޑައެޅިފައިވާ ވަގުތަށް މިނިސްޓްރީ އަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން ޔުނިވާސިޓީ ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ވަގުތު ނެގުމެވެ.

"މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ މިފަދަ ހިދުމަތްތައް އޮޓެމޭޓްކޮށް ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް މިއަށްވުރެ ހަލުވިކޮށް، އެ ކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް،" ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫ އަރާފަދަ ކަމެއް ވިޔަ ނުދިނުމަށް ކޮންމެ ކަމެއް ވެސް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ބޭރުގައި މިހާތަނަށް ފައިސާ ނުލިބި އޮތީ ކިހާ ދަރިވަރުންނަށް ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ. އަދި ނުދެވި އޮތީ ކިހާ ފައިސާއެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ބޭރުގައި ދިރިއުޅޭ ކުދިންނަށް ސަރުކާރުން ޖަމާކުރަން ޖެހޭ ފައިސާ ނުލިބޭ މައްސަލާގައި މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.