Roadha Mihaaru
ވިހާފައި އެއްލާލި ކުއްޖާ:ޑީއެންއޭ ރިޕޯޓަށް ފަހުފުރުސަތު

ވިހާފައި އެއްލާލި ކުއްޖާގެ މަރު: ޑީއެންއޭ ރިޕޯޓް ލަސްވާތީ ހުށަހަޅަން ފަހު ފުރުސަތު

03 ޖުލައި 2024

އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ލަސްވުމުން އެ ރިޕޯޓް ހުށަހަޅަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ލަސްވުމުން އެ ރިޕޯޓް ހުށަހަޅަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޑީއެންއޭ ރިޕޯޓާ ބެހޭގޮތުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެ ރިޕޯޓް އަވަހަށް ހޯދަން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ރިޕޯޓް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ، އެ ހާދިސާ ހިނގި ފަހުން ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާއިރު، ދައުވާ ލިބޭ މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށެވެ. ނަމަވެސް މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމޭނީ ޑީއެންއޭ ރިޕޯޓް ލިބިގެން ކަމަށާއި އެހެންވެ، އެންމެ ފަހު ފުރުސަތެއްގެ ގޮތުން މި މަސް ނިމުމުގެ ކުރިން އެ ރިޕޯޓް ހުށަހަޅަން ފުރުސަތު ދެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން އެންމެ ފަހު ފުރުސަތު ދިން އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ތުއްތު ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަނީ ރާއްޖެ އަނބުރާ ގެނެސް ވަޅުލައިފަ އެވެ.

އެ މައްސަލާގައި ހިރަންޏާ ހައްޔަރުކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓަ އެވެ.