Roadha Mihaaru
ކީޕަރު ޑިއޭގޯ ކޮސްޓާ، ޕޯޗުގަލް ގޮވައިގެން ކުއާޓާ

ކީޕަރު ޑިއޭގޯ ކޮސްޓާ، ޕޯޗުގަލްގެ ޒިންމާ ކޮނޑަށްލައިގެން ކުއާޓާ އަށް

02 ޖުލައި 2024

ޕެނަލްޓީޝޫޓްއައުޓްގައި، ސްލޮވޭނިއާއިން ޖެހި ތިން ޕެނަލްޓީ ވެސް މަތަކޮށް، ކީޕަރު ޑިއޭގޯ ކޮސްޓާ ޕޯޗުގަލް ގޮވައިގެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެނަލްޓީޝޫޓްއައުޓްގައި، ސްލޮވޭނިއާއިން ޖެހި ތިން ޕެނަލްޓީ ވެސް މަތަކޮށް، ކީޕަރު ޑިއޭގޯ ކޮސްޓާ ޕޯޗުގަލް ގޮވައިގެން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ 90 މިނެޓް ކުޅެގެން ވެސް، ނަތީޖާއެއް ނެރެވޭ ގޮތް ނުވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް، ވީ އެއްވަރެވެ.

ޕެނަލްޓީޝޫޓްއައުޓްގައި ސްލޮވޭނިއާއިން ޖެހި ތިން ޕެނަލްޓީ ކޮސްޓާ މަތަ ކުރި އެވެ. އަދި ޕޯޗުގަލްއިން ޖެހި ތިން ޕެނަލްޓީ ވެސް އެ ޓީމުން ވައްދާލި އެވެ.

މެޗު ފެށި ގޮތަށް ވެސް، ޕޯޗުގަލް ފެނުނީ ވަރުގަދަ އެޓޭކް ކުރަން މަސައްކަތް ކުރި ތަނަވެ. އެކަމަކު އެ ހާފުގައި ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ.

ރަފޭލް ލެއޯ އޭރިއާގެ ތެރެއަށް ކަޓުކޮށްލި ބޯޅަ ޑީއޭރިއާ ތެރެއަށް ނުކުތުމުން، މާރިއޯ ޖޮއާއޯ ޕައުލީނީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މާ ހުސް ފުރުސަތެއް ނުލިބުނެވެ. އެކަމަކު ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާއެއް ނުރައްކާކޮށް ދިޔަ އެވެ. މެޗުގައި އޭރިއާގެ ބޭރުން ޕޯޗުގަލް އަށް ލިބުނު ހަތަރު ހިލޭ ޖެހުން ވެސް ފޮނުވާލީ ރޮނާލްޑޯ އެވެ. ކޮންމެ ބޯޅައެއް ނުރައްކާކޮށް ދިޔަޔަސް ގޯލަކަށް ހަދަލެވޭ ގޮތެއް ނުވެ އެވެ.

ކޮންމެ ބޯޅަ އަކުން ފެނުނީ، ވޯލްޑްކްލާސް ކީޕަރު އޮބްލެކްގެ ހުށިޔާރުކަމެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ގޯލްގެ ކަނަށް އަމާޒުކޮށް ރޮނާލްޑޯ ފޮނުވާލުމުން އެ ޕެނަލްޓީ ވެސް އޮބްލެކް ދިފާއު ކުރި އެވެ.

މުޅި މެޗުގައި، ސްލޮވޭނިއާ އަށް ލިބުނު ރަނގަޅު ދެ ފުރުސަތު ވެސް ލިބުނީ ބެންޖަމިން ޝެސްކޯ އަށެވެ. މެޗުގެ 61 ވަނަ މިނެޓްގައި ވެސް، ކީޕަރު ޑިއޭގޯ ކޯސްޓޯ އާ ވަން އޯ ވަން ފުރުސަތެއް ވެސް ލިބުނެވެ. އެ ބޯޅަ ވެސް ކޯސްޓާ ހުއްޓުވި އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި، ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަތުން ބޯޅަ ހޯދައި މުޅިން ހުސްކޮށް ޝެސްކޯ އަށް ފުރުސަތު ލިބިގެން ދިޔަ އެވެ. އެ ބޯޅަ އަށް ވެސް ޑިއޭގޯ ކޮސްޓާ ނުކުމެ ދިފާއު ކުރި އެވެ.

ޕެނަލްޓީޝޫޓް އައުޓްގައި ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން، މިފަހަރު އޮބްލެކަށް ކާމިޔާބެއް ނުވި އެވެ. އަނެއް ދެ ޕެނަލްޓީ ޖެހީ ބުރްނޯ ފެނާންޑޭޒް އާއި ބެނާޑޯ ސިލްވާ އެވެ.