Roadha Mihaaru
އުމުރުން 39، އަދިވެސް އަހަރެން ފިޓް: ރޮނާލްޑޯ

އުމުރުން 39، ރޮނާލްޑޯ ބުނަނީ ޔޫރޯގައި ކުޅެން އަދިވެސް ފިޓް ކަމަށް

13 ޖޫން 2024

ވެސްޓްފާލިއާ، ޖަރުމަން (ޖޫން 13) – އުމުރުން 39 އަހަރުގައި ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެން އޭނާ ފިޓްކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވެސްޓްފާލިއާ، ޖަރުމަން (ޖޫން 13) – އުމުރުން 39 އަހަރުގައި ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެން އޭނާ ފިޓްކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި މިހާރު ކުޅެމުންދާ ރޮނާލްޑޯ، މި ކުރިމަތިލަނީ އޭނާގެ ހަ ވަނަ ޔޫރޯ އަށެވެ. އެ އަދަދަށް އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް އެ މުބާރާތުގައި ކުޅެފައެއް ނުވެ އެވެ.

މުބާރާތަށް ތައްޔާރުވުމަށް، ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ޕޯޗުގަލް އަންގާރަ ދުވަހު ކުޅުނު މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހި އެވެ. އެއާ އެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު 130 އަށް އެރީ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގައި ވެސް ކާމިޔާބު ހޯދި ރޮނާލްޑޯ ބުނީ އޭނާގެ ކުޅުމުގެ ކެރިއާގައި ގިނަ އަހަރުތަކެއް ނެތް ކަން ގަބޫލު ކުރާ ކަމަށެވެ.

"އުމުރުން 35 އަހަރުވީ ފަހުން އަހަރަކަށް ފަހު އަހަރެއް ކުޅެވުމަކީ ވަރަށް ބޮޑު ނިއުމަތެއް. މިހާރު އުމުރުން 39 އަދި އަނެއްކާ ކޮންމެ އަހަރެއްގައި އަހަރެން މިދަނީ ފުޓްބޯޅައިގައި އިތުރަށް އެންޖޯއި ކުރަމުން. ގައުމީ ޓީމަށް ލަނޑު ޖެހުމަކީ ވަރަށް ހާއްސަކަމެއް. ގައުމީ ޓީމަކީ އަހަރެންގެ ދިރިއުޅުމުގައި ލޯތްބެއް. ޔޫރޯ ކާމިޔާބު ކުރުމަކީ އަހަރެން ދެކޭ ހުވަފެނެއް،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ދާދި ފަހުން ބުނީ އެ އުމުރުގައި ވެސް އެންމެ މަތީ ފެންވަރުގައި ރޮނާލްޑޯ ކުޅުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

ރޮނާލްޑޯ ބުނީ ކޯޗުގެ ނިންމުމަށް އޭނާ އިހްތިރާމު ކުރާނެ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ވެސް އަހަރެން ފިޓްކޮށް ހުރުން،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން މިހުރީ ތައްޔާރަށް. އަހަރެން އަބަދުވެސް ތައްޔާރު ވަނީ އެންމެ ފުރިހަމައަށް. 100 ޕަސަންޓް ޕްރޮފެޝަނަލް. އަހަރެމެންގެ ގައުމަށް އެހީވުމަށް އަބަދުވެސް ތައްޔާރަށް ހުންނާނަން. ކޯޗުގެ ނިންމުމަށް އިހްތިރާމު ކުރާނަން."

ޔޫރޯގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާ ޗެކިއާ އާ ދެކޮޅަށެވެ.