Roadha Mihaaru
މެނިންގޯކޮކަލް ވެކްސިން އާންމުކޮށް ޖަހާނެ ހާލަތެއް ނެތް

މެނިންގޯކޮކަލް ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް: ހެލްތު

27 ޖޫން 2024

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުނު ނަމަވެސް އެ ބައްޔަށް އާންމުން ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުނު ނަމަވެސް އެ ބައްޔަށް އާންމުން ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ ބަލީގައި އެ ބަލީގައި ހާލު ސީރިއަސްވެ، އޭނާ ވަނީ ނިޔާވެފަ އެވެ.

ބަލި ފެނުމާ އެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދީފަ އެވެ. އަދި އެ މީހުން ބަލިން ރައްކާތެރިވުމަށް ޕްރޮފައިލެކްޓިވް ބޭސް ވެސް ވަނީ ދޭން ފަށައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް ބެލި ބެލުމުން މި ބަލި އާންމުކޮށް ފެތުރެމުން އަންނަ ކަން ފާހަގަވެފައިނުވާ ކަމަށާއި އެހެންކަމުން އެ ބައްޔަށް އާންމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ވެކްސިން ޖަހަން ލަފާ ދެނީ އުމްރާ އާއި ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށެވެ. އަދި، އެހެނިހެން ސިއްހީ ހާލަތްތައް މެދުވެރިވެފައިވާ މީހުން ބަލި ޖެހުމަށް ކަމަށް ހެލްތުން ނެރުނު ބަޔާނުގައި ލަފާ ދީފައިވެ އެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.