Roadha Mihaaru

ރާއްޖެ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކޮށްފި

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކޮށްފި އެވެ.

ޗައިނާއާ ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

25 ޖޫން 2024

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކޮށްފި އެވެ.

ޗައިނާގައި ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު މިއަދު ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ ބައްދަލު ކުރައްވައިފަ އެވެ.

ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ މިނިސްޓާ އޮފް ކޮމާސްއާ އެކު މިއަދު ބިނާކުރަނިވި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެމެދު ބޭއްވި ބައްދަލުވުމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމު ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރެވޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދުގެ އެ ވާހަކަ އާ ގުޅުވައިގެން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ރައީސް ޝީ ޖިންޕިން އާއި ރައީސް ޑރ. މުއިއްޒުއާ ދެމެދު ވެވުނު މުހިންމު އެއްބަސްވުން ތަންފީޒުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.