Roadha Mihaaru
"ހަރަދު ހަމަޖައްސަން އެމްއެމްއޭ އިން ލޯނެއް ނުނަގަން"

ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ އިން ލޯނެއް ނުނަގަން: ޝަފީގު

25 ޖޫން 2024

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، އެމްއެމްއޭގެ ރިޒާވްގައި ހުރި 14.7 ބިލިއަން ރުފިޔާ މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ކަމަށާއި އެއީ ހަމަ ފައިސާ ޗާޕު ކުރުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ޝަފީގު ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ހިނގި ހުރިހާ ހަރަދެއް ހަމަޖެއްސީ، ދައުލަތަށް ވަންނަ އާމްދަނީ އާއި ޓީބިލް ވިއްކައިގެން ކަމަށެވެ.

މި މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ދައުލަތަށް ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. ބަޖެޓުން މިހާތަނަށް ކުރި ހޭދަ 18 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމްއެމްއޭ އިން އެއްވެސް ފައިސާއެއް ސަރުކާރުން ހޯދައިފައެއް ނުވާނެ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން އެމްއެމްއޭ އިން ނެގޭ އާމްދަނީގެ އެއް ޕަސެންޓް ވެސް މިހާތަނަށް ބޭނުން ނުކުރާ ކަމަށެވެ.

"އެމްއެމްއޭ އިން ގާނޫނީ ގޮތުން ލިބޭ އެއް ޕަސެންޓް ވެސް. މި އަހަރުގެ މިހާތަނަށް އޭގައި [ސަރުކާރުން] އަތް ނުލާ. ގާނޫނުގެ ދަށުން 271 މިލިއަން ރުފިޔާއާ ހަމައަށް އޯޑީ ކުރުމުގެ ފުރުސަތު ލިބޭ. އެކަމަކު އެއްވެސް ފަހަރެއްގައި ބެލެންސް އޯޑީ ކޮށްފައި ނުވާނެ،" --- ފިނޭންސް މިނިސްޓަރު

އެ ގާނޫނުގައިވާ ގޮތުން ސަރުކާރަށް ވޭތުވެދިޔަ ތިން އަހަރު ލިބުނު ޖުމުލަ އާމްދަނީ އިން އެއް ޕަސެންޓް ހޯދޭނެ އެވެ. ދައުލަތަށް މިހާރު ވަންނަ އާމްދަނީން 270 މިލިއަން ރުފިޔާ ކުރު މުއްދަތުގެ ލޯނެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު އެބަ އޮތެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ ލިބޭ ރެވެނިއު އަށްވުރެ ހަރަދު އެބަ ގިނަވެއޭ. އެހެންވެ، ހަރަދު މެނޭޖު ކުރުމަށްޓަކައި އެބަޖެހޭ ފައިސާ ނަގަން. އެ ގޮތަށް ބޮރޯ ކުރާ އިރު ރައީސް ވިދާޅުވި ގޮތަށް ހައި ކޮސްޓްގައެއް ދަރަންޏެއް ނަގާފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދު ހަމަޖައްސަން ސަރުކާރުން ޓީބިލު ނެގި އިރު، ޓީބިލުގެ އިންްޓްރެސްޓް ރޭޓު އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމަށް އައި ފަހުން މިހާތަނަށް 13 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ހޭދަކުރި ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީން ރޭ ވިދާޅުވީ، މީރާގެ ތަފާސް ހިސާބުތައް ދައްކަނީ ދައުލަތަށް 12 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަދެފައިވާ ކަން ކަމަށާއި 13.7 ބިލިއަން ސަރުކާރުން ހަރަދުކޮށްފައިވާއިރު، 1.7 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސާފު ނުވާ ކަމަށެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ދައުލަތަށް ވަން އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ، ކެޕިޓަލް ރިސީޓްސްގެ ގޮތުގައި 9 މިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 157 މިލިއަން ރުފިޔާ ހިމެނެ އެވެ.

އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ ލިބޭ ރެވެނިއު އަށްވުރެ ހަރަދު އެބަ ގިނަވެއޭ. އެހެންވެ، ހަރަދު މެނޭޖު ކުރުމަށްޓަކައި އެބަޖެހޭ ފައިސާ ނަގަން. އެ ގޮތަށް ބޮރޯ ކުރާ އިރު ރައީސް ވިދާޅުވި ގޮތަށް ހައި ކޮސްޓްގައެއް ދަރަންޏެއް ނަގާފައެއް ނޯންނާނެ، "--- ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އޯވަޑްރޯ ކުރި ކަމަށާއި އޭގެ ފަހުން އޯވަޑްރޯއެއް ނުކުރާ ކަމަށެވެ.

"އެމްއެމްއޭ އިން ގާނޫނީ ގޮތުން ލިބޭ އެއް ޕަސެންޓް ވެސް. މި އަހަރުގެ މިހާތަނަށް އޭގައި [ސަރުކާރުން] އަތް ނުލާ. ގާނޫނުގެ ދަށުން 271 މިލިއަން ރުފިޔާއާ ހަމައަށް އޯޑީ ކުރުމުގެ ފުރުސަތު ލިބޭ. އެކަމަކު އެއްވެސް ފަހަރެއްގައި ބެލެންސް އޯޑީ ކޮށްފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުން މިދިޔަ މެއި މަހުު ނެރުނު ރިޕޯޓުގައި ވާ ގޮތުން އެންމެ ފަހުން ފައިސާ ޗާފުކޮށްފައި އޮތީ ޑިސެމްބަރު މަހު އެވެ. އެ މަހު ދެ މިލިއަން ރުފިޔާ އޯވަޑްރޯ ކުރި އެވެ. އޭގެ ކުރީ މަހު އޯވަޑްރޯ ކުރީ 1.7 ބިލިއަން ރުފިޔާ އެވެ. މިއަހަރު ފެށުނު ފަހުން އެއްވެސް މަހެއްގައި އެމްއެމްއޭ އިން ފައިސާ ނެގި ކަމަކަށް ހިސާބުތަކުން ނުދައްކަ އެވެ.