Roadha Mihaaru
ކުށްވެރިން ދޫކޮށްލުން އާދައަކަށް ހަދައިފި: ހަމީދު

ސިސްޓަމްގެ ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލުން އާދައަކަށް ހަދައިފި: ކުރީގެ ސީޕީ ހަމީދު

20 ޖޫން 2024

ކުށްވެރިންނަށް ޕެރޯލް ދިނުމާއި އަދި ކްލެމެންސީގެ ދަށުން މިނިވަން ކުރުމަކީ ސިސްޓަމްގެ ބައެއް ކަމަށާއި ނަމަވެސް، އޭގެ ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލުން ރާއްޖޭގައި އާދައަކަށް ހަދާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުށްވެރިންނަށް ޕެރޯލް ދިނުމާއި އަދި ކްލެމެންސީގެ ދަށުން މިނިވަން ކުރުމަކީ ސިސްޓަމްގެ ބައެއް ކަމަށާއި ނަމަވެސް، އޭގެ ނާޖައިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކޮށްލުން ރާއްޖޭގައި އާދައަކަށް ހަދާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި ދުވަސްވަރު މާލޭގައި ކުށްތައް އިތުރުވެފައިވާނީ މިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލާފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ޝިފާންގެ އެ ވާހަކައަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަން ފާހަގަކުރައްވައި ހަމީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެފަދަ ކޮމެންޓެއް ފުލުހުންގެ ތަރުޖަމާނު ކުރުމަކީ ފުލުހުންގެ މައްޗަށް އޮންނަ އާންމުންގެ އިތުބާރަށް އަސަރުކޮށް، މުއައްސަސާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. ނަމަވެސް، ކުށްވެރިން ކްލެމެންސީ އާއި ޕެރޯލްގެ ދަށުން ދޫކުރުމުގައި އޮތް ކަންބޮޑުވުން ހަމީދު ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.

"ސިސްޓަމްގެ ތެރެއިން ނާޖައިޒު ގޮތްގޮތަށް ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ މައްސަލަ ބޮޑުވެފައިވާ ކަމެއް. މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް އެއީ ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތް ނަމަވެސް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށްވެރިން އަބަދުވެސް ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ލީގަލް ސިސްޓަމްގެ ބައެއް ކަމަށެވެ. ނަމަވެސް، އެއީ ވަރަށް ޒިންމާދާރުކަމާ އެކު ތަންފީޒު ކުރަން ޖެހޭނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

"އެއީ ޗެލެންޖިން ކަމެއް،" މިދިޔަ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ހަމީދު ވިދާޅުވި އެވެ.

"މިހާރު" އިން އެދިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދިން ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ.

މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި ރިޕޯޓެއް އެކްސްގައި ރީޕޯސްޓް ކުރައްވައި ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އިއްޔެ ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށާއި ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުން ކަމަށެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.

ޝިފާންގެ ވާހަކައަށް ރައްދުދީ އެމްޑީޕީ އިން ވެސް މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެމްޑީޕީ އިން ވަނީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތް ކަމަށް ވެސް ޕާޓީން ބުންޏެވެ. ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީ އިން ބަޔާނުގައި ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ:

- އެމްޑީޕީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައިވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށް.

- އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހްލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެ

- އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާނެ