Roadha Mihaaru
އެމެރިކާގެ ބިލިއަނަރަކު ޓިކްޓޮކް ގަންނަން ވިސްނަނީ

"އިންޓަނެޓް ސާފުކުރަން" އެމެރިކާގެ ބިލިއަނަރަކު ޓިކްޓޮކް ގަންނަން ވިސްނަނީ

19 ޖޫން 2024

ބޮޑެތި ޓެކް ކުންފުނިތަކުން އިންޓަނެޓް ހިސާރުކޮށް ކުޑަކުދިންނަށް ނުރައްކާކޮށް މުޖުތަމައުތައް ހަލާކުކުރަމުންދާ ކަމަށް އަބަދުވެސް ބުނާ އެމެރިކާގެ ބިލިއަނަރު ފްރެންކް މެކްކޯޓް، ޓިކްޓޮކް ގަންނަން ވިސްނަން ފަށައިފި އެވެ.

ބޮޑެތި ޓެކް ކުންފުނިތަކުން އިންޓަނެޓް ހިސާރުކޮށް ކުޑަކުދިންނަށް ނުރައްކާކޮށް މުޖުތަމައުތައް ހަލާކުކުރަމުންދާ ކަމަށް އަބަދުވެސް ބުނާ އެމެރިކާގެ ބިލިއަނަރު ފްރެންކް މެކްކޯޓް، ޓިކްޓޮކް ގަންނަން ވިސްނަން ފަށައިފި އެވެ.

އެމެރިކާގައި މެކްކޯޓް މަޝްހޫރީ ލޮސް އެންޖެލިސް ޑޮޖާސް ބާސްކެޓް ބޯލް ޓީމްގެ ވެރިޔާގެ ގޮތުގަ އެވެ. ޔޫރަޕްގައި އޭނާ ދަންނަނީ މަޝްހޫރު ފުޓްބޯޅަ ކްލަބް އޮލިމްޕިކޭ ޑި މާސިލޭގެ ވެރިޔާގެ ގޮތުގަ އެވެ.

ބޮޑެތި ޓެކް ކުންފުނިތަކުން ކުޑަކުދިންނަށް ގެއްލުންވާ ގޮތަށް އަމަލުކޮށް ދުނިޔޭގެ ނިޒާމު "ފާލުން ނައްޓުވާލާ" ކަމުގެ ތުހުމަތު، ރިއަލްއެސްޓޭޓް ވިޔަފާރީގެ މަހުޖަނު މެކްކޯޓް ކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

"މި ބިޔަ ޕްލެޓްފޯމްތަކުން އަހަރެމެންގެ ސިކުނޑިއާ އެ ދަނީ ކުޅެމުން. މިނިވަން މުޖުތަމައުތަކުގައި، ކޮންމެ ތަނެއްގައި ވެސް ހުޅު ރޯވެފައި ވާތީ މި ފެންނަނީ އެހެންވެ. ނޫންތަ؟،" ޓޮރޮންޓޯގައި ބޭއްވި ކޮލިޝަން ޓެކް ކޮންފަރެންސްގައި މެކްކޯޓް އޭއެފްޕީ އަށް ބުންޏެވެ.

އޭނާ މިސާލެއްގެ ގޮތުން ދެއްކީ ފްރާންގައި ބާއްވާ އާންމު އިންތިހާބުގައި ސިޔާސީ ހަރުކަށި ފިކުރުގެ މީހުނަށް ކާމިޔާބު ލިބޭނެ ކަމަށް ބެލެވުމެވެ.

"ވަރަށް ބޮޑު ނުތަނަވަސްކަމެއް، ބޮޑު ކަންތައްގަނޑެއް، ވަރަށް ބޮޑު ބައިބައިވުމެއް އެބަ އޮތް. [ޕްލެޓްފޯމްތަކުގެ] އަލްގޮރިދަމް މަސައްކަތްކުރާ ގޮތް އެނގެއެއްނު. އެ މީހުން އަހަރެމެން މި ގެންގުޅެނީ އަބަދުވެސް އެއް ކަންތައްތަކެއްގެ ތެރޭގައި. މިއީ މިކަން ބަދަލުކުރަންވީ ވަގުތު."

މެކްކޯޓް ބުނީ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރުމަށް އެންމެ ފުރަތަމަ ހިޔާލު އައީ އެ ޕްލެޓްފޯމްތަކުގެ ސަބަބުން އޭނާގެ ހަތް ދަރިންނަށް އޮތް ނުރައްކާ ވިސްނިގެން ކަމަށެވެ.

މި ވިސްނުމުގައި އޭނާ ގެންދަނީ "އާ އިންޓަނެޓް" އެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އޭނާ ބުނީ އިންސްޓަގްރާމް، ޔޫޓިއުބް، ޓިކްޓޮކް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުގެ ބާރު އިންޓަނެޓްގައި ކުޑަކޮށްގެން ހައްލެއް ފެނިދާނެ ކަމަށެވެ.

ޗައިނާގެ ކުންފުންޏެއްގެ މިލްކެއް ކަމަށްވާ ޓިކްޓޮކަކީ އެމެރިކާ އަށް ނުރައްކަލެއް ކަމަށް ބަލައި އެ ޕްލެޓްފޯމްގެ އެމެރިކާ ކުންފުނީގެ ކޮންޓްރޯލް ޗައިނާއަށް ނޯންނަ ގޮތް ހެދުމުގެ ގޮތުން ވިއްކާލަން ލާޒިމްކޮށް މިހާރު ވަނީ ބިލެއް ފާސްކޮށްފަ އެވެ. އެއާ އެކު މެކްކޯޓްގެ އިތުރުން ވެސް އެމެރިކާގެ ބައެއް މަހުޖަނުން އެ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. -- އޭއެފްޕީ