Roadha Mihaaru
ބާސާއަށް ކޯޗުކޮށްދިނުމުގެ ދޮރު ބަންދުވެއްޖެ: ގާޑިއޯލޯ

ބާސާގެ ސަޕޯޓަރުން އިންތިޒާރު ކުރާނެކަމެއް ނެތް؛ ގާޑިއޯލާ އެނބުރި ދެން ނުދާނެ

11 ޖޫން 2024

މެންޗެސްޓާ (ޖޫން 11) – ބާސެލޯނާގެ ކޯޗުކަމުގެ މަގާމަށް އެނބުރި ނުދާނެ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ޖޫން 11) – ބާސެލޯނާގެ ކޯޗުކަމުގެ މަގާމަށް އެނބުރި ނުދާނެ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ އަށް އެއް ސީޒަނެއްގައި ބޮޑު ތިން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ހޯދައި ދިން ކޯޗު، މެންޗެސްޓާ ސިޓީއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ޖޫން މަހު ހަމަވާނެ އެވެ. ސިޓީއާ އެކު އެއްބަސްވުމަކަށް ނުދާނެކަމުގެ އިޝާރާތް ގާޑީއޯލާ ވަނީ ދީފަ އެވެ.

ބާސާގެ ސަޕޯޓަރުން އުންމީދުކޮށްގެން ތިބީ، އެއަށް ފަހު ގާޑިއޯލާ އަލުން ބާސާ އަށް އެނބުރި ދާނެ ކަމަށެވެ. އެ އުންމީދުގައި ތިބީ ބާސާގެ ސަޕޯޓަރުން އެކަންޏެއް ވެސް ނޫނެވެ. އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވެސް ހުންނެވީ، ގާޑިއޯލާ އަލުން ބާސާ އަށް ގެންދިއުމުގެ އުންމީދުގަ އެވެ.

ބާސާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ވަޑައިގަތުމަށް، 2021 ގައި އޭނާ ކެމްޕޭން ކުރި އިރު ގާޑިއޯލާ އަލުން، ގެނައުމާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކި އެވެ.

ގާޑިއޯލާއާ އިއްޔެ އެ ސުވާލު ކުރުމުން އޭނާ ބުނީ ދެން ބާސާ އަށް އެނބުރި ނުދާނެ ކަމަށެވެ.

"އެނދޮރު ބަންދު،" ބާސާ އަށް އެނބުދިއުމުގެ ފުރުސަތެއް އެބައޮތް ތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާގެ ތާރީހުގައި އެ ޓީމުގެ އެންމެ ކާމިޔާބު ދުވަސްތައް ގެނެސް ދިނީ ގާޑިއޯލާ އެވެ. ތަށި ހޯދުމުގެ އިތުރަށް އޭނާ ކުޅުނު "ޓިކީޓަކާ" ގޭމަކީ ފަހުގެ ތާރީހްގައި ފެނުނު އެންމެ މޮޅު އެއް ސްޓައިލެވެ.