Roadha Mihaaru
ދިވެހި ފަންނާނުންނަށް ވަރަށް ބިޒީ އީދެއް

ދިވެހި ފަންނާނުންނަށް ވަރަށް ބިޒީ އީދެއް

11 ޖޫން 2024

މި އަންނަ ބޮޑު އީދުގައި ޝޯ ދިނުމަށް ވަރަށް ގިނަ ދިވެހި ފަންނާނުން ރަށްރަށަށް ދިއުމަށް ތައްޔާރުވާން ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މި އަންނަ ބޮޑު އީދުގައި ޝޯ ދިނުމަށް ވަރަށް ގިނަ ދިވެހި ފަންނާނުން ރަށްރަށަށް ދިއުމަށް ތައްޔާރުވާން ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް ބޮޑު އީދާ ދިމާކޮށް ޝޯ ދިނުމަށް ވަރަށް ގިނަ ދިވެހި ފަންނާނުން ރަށްރަށަށް ދެ އެވެ.

ފިލްމީ ތަރި މަރިޔަމް އައްޒަ ވެސް އަންނަނީ އީދަށް ނުވަ ފަންނާނުންގެ ޓީމަކާ އެކު ތައްޔާރުވަމުންނެވެ.

އައްޒަގެ ޓީމުން މި އީދުގައި ފަސް ރަށެއްގައި ޝޯ ދެ އެވެ.

"ވަރަށް ދުރު ރަށްރަށުން ވެސް ގުޅާފައި އެބަހުރި. އެކަމަކު އައްޒަމެން މިހާރު ޝެޑިއުލް ކުރެވިފައި ހުރި ރަށްތައް ކައިރިން މި ބަލަނީ ބާކީ އިން ރެއަށް [ފަސްވަނަ ރެއަށް] ޝެޑިއުލްކުރަން. ދުރުވީމަ ޓްރާންސްޕޮޓޭޝަން ހަމަޖައްސަން ކުޑަކޮށް އުނދަގޫ ވާތީ،" އައްޒަ ބުންޏެވެ.

ފުރަތަމަ ޝޯ ދެނީ އަންނަ ހޯމަ ދުވަހު ރ. އަލިފުށީގަ އެވެ. އަދި މި މަހު 18 ވަނަ ދުވަހު ޝޯ ދެނީ ރ. ހުޅުދުއްފާރުގަ އެވެ. އަދި 19 ވަނަ ދުވަހު ޝޯ ދެނީ ރ. ރަސްމާދޫގަ އެވެ. އަދި 20 ވަނަ ދުވަހުގެ ޝޯ ބާއްވަނީ ޅ. ނައިފަރުގަ އެވެ. މި މަހުގެ 21 ވަނަ ދުވަހުގެ ޝޯ ދޭނެ ރަށެއް އަދި ޔަގީންނުވާ ކަމަށް އައްޒަ ބުންޏެވެ.

އައްޒަ ޓީމުގެ އީދު ޝޯ ޕޯސްޓަރެއް.

އައްޒަ ޓީމުގެ އީދު ޝޯ ޕޯސްޓަރެއް.

އައްޒަގެ ޓީމުގައި ހިމެނޭ ފަންނާނުންނަކީ އާނަންދު (އީސަ)، ޖާދުﷲ އިސްމާއިލް (ޖާދު)، ސޭންޑީ، އާޝާ، ނަތާ، ޝިޔާ، ނުޒްނުޒް އަދި ސަމާ ހިމެނެ އެވެ.

"އައްޒަމެން ދާ އެއްބައި ރަށްރަށުން ބޭނުންވޭ އެ ދުވަހުގެ ހަވީރު އެ ރަށުގައި ބާއްވާ ކުޑަކުދިންގެ ހަވީރެއްގެ ބައިވެރިވެލަން. އެ ކަހަލަ ރިކިއުސްޓެއް އައިސްފިއްޔާ ވެސް އައްޒަމެން ޖޮއިންކުރަން،" އައްޒަ ބުންޏެވެ.

ބޮޑުބެރު ގުރޫޕް "ބިދަބިން" އާއި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އީދު ޝެޑިއުލް ވެސް އޮތީ ވަރަށް ބިޒީކޮށެވެ.

ބޮޑުބެރު ގްރޫޕު "ބިދަބިން"ގެ އިވެންޓު މެނޭޖަރު މުހައްމަދު އާސިމް ބުނީ ބޮޑު އީދުގެ ޝޯތަކަށް އެ ގްރޫޕުން މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ކޮސްޓިއުމާއި ދަތުރުކުރުމުގެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބިދަބިން"ގެ ހާއްސަ ކަމެއްގެ ގޮތުން އޭނާ ފާހަގަކުރީ އެ ގްރޫޕް ދާ ކޮންމެ ރަށެއްގައި ވެސް ހަވީރު ސަގާފީ ކުޅިވަރުތައް ދައްކާލުމެވެ. އަދި ކޮންމެ ރެއަކު ޒަމާނީ ޝޯއެއް ބާއްވަ އެވެ.

"ބިދަބިން"ގެ ފުރަތަމަ ޝޯ ބާއްވަނީ އަންނަ ހޯމަ ދުވަހު ކ. ދިއްފުށީގަ އެވެ. އަދި 18 ވަނަ ދުވަހުގެ ލ. ގަމުގަ އެވެ. އަދި 19 ދުވަހުގެ ޝޯ ބާއްވަނީ ކ. މާފުށީގަ އެވެ. ދ. މީދޫގައި ބާއްވާ ޝޯ އޮންނާނީ މި 20 ގަ އެވެ. އަދި އީދުގެ އެންމެ ފަހު ޝޯ ދޭން ހަމަޖެހިފައި ވަނީ މި މަހު 21 ގައި ކ. ހިންމަފުށީގަ އެވެ.

ޝަލަބީގެ ފުރަތަމަ ޝޯ ބާއްވަނީ އަންނަ ހޯމަ ދުވަހު ގއ. ކޮލަމާފުށީގަ އެވެ. އަދި ދެވަނަ ޝޯ ބާއްވަނީ މި މަހު 19 ގައި ހދ. ކުޅުދުއްފުށީގަ އެވެ. އަދި އައްޑޫގައި ބާއްވާ ޝޯ އޮންނާނީ މި މަހު 20 ގަ އެވެ.